އެމްއެންޔޫގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރަނީ -- ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކި ރަށްރަށުގައި ޤާއިމުކޮށްފައިވާ ކެމްޕަސްތައް ލައިވްކޮށް ގުޅާލައިގެން، ޔުނިވަރސިޓީގެ މުޅި މުޖުތަމަޢު ބައިވެރިވި ޚާއްޞަ ރަސްމިއްޔާތެއްގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފިއެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، އެ ފެކަލްޓީގެ ދަރިވަރުންގެ ޖަމިއްޔާ ފެސާ އާއި އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގުޅިގެން ރާވައި ހިންގި މި ހަރަކާތުގައި ޔުނިވަރސިޓީގެ މެނޭޖްމެންޓާއި، އެކި ކެމްޕަސްތަކުގެ މުވައްޒަފުންނާއި ދަރިވަރުންގެ އިތުރުން ޚާއްޞަ މެހެމާނުން ބައިވެރިވެފައިވެއެވެ. ތަފާތު ރަށްތަކުގައި ތިބި މުވައްޒަފުންނާއި ދަރިވަރުން ލައިވް ލިންކު މެދުވެރިކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް 50 އަހަރު ފުރުމުގެ ކައުންޓްޑައުން ރަސްމީކޮށް ފެށުމެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކެޑެމިކް އެފެއާޒް) ޑރ. ޢަލީ ފައްވާޒް ޝަރީފް ވަނީ އެ ކައުންޓްޑައުން ރަސްމީކޮށް ފައްޓަވައިދެއްވައި، މުދައްރިސުންގެ މުހިންމުކަމާއި ޤައުމުގެ މުސްތަޤުބަލް ބައްޓަންކުރުމުގައި ޓީޗަރު ތަމްރީނުގެ ދައުރާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވައިފައެވެ.
ރަސްމިއްޔާތުގެ ތެރެއިން ބައިވެރިންގެ ގްރޫޕް ފޮޓޯއެއް ނެގުމާއި ކޭކު ފެޅުމުގެ އިތުރުން، ފެސާ އާއި ދަރިވަރުންގެ ލީޑަރުން ހިންގައިދިން ލެކްޗަރާއިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ސެގްމެންޓެއް ކުރިއަށް ގެންގޮސްފައިވެއެވެ. ހަމައެއާ އެކު މުދައްރިސުންގެ ދުވަހާ ގުޅޭ ހަރަކާތްތަކާއި ކުޅިވަރުތައް ބާއްވައި، ލަކީ ޑްރޯ ނެގުމާއި ޚާއްޞަ މެންދުރުގެ ކެއުމަކުން ރަސްމިއްޔާތު ނިންމާލައިފައިވެއެވެ.
މި ހަރަކާތަކީ ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާކުރުމާއި، މުދައްރިސުންގެ ފަންނީ ކުރިއެރުމަށް ބާރުއެޅުމާއި، އެކި ރަށްރަށުގައި ތިބި ޔުނިވަރސިޓީގެ މެންބަރުން ދުރުމިނުގެ ހުރަސް ނައްތާލައި އެއް މުޖުތަމަޢެއްގެ ގޮތުގައި ގުޅާލުމުގެ ރޫޙު ދައްކުވައިދިން ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް