މިސްކިތުގެ ހުރުމަތް ކެނޑި ބަންގްލަދޭޝް ދެ މީހަކަށް ސަޢޫދީގައި މަރުގެ އަދަބު ދީފި

މައްކާގެ މިސްކިތެއްގައި ލާއަޚުލާޤީ ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވި ބަންގްލަދޭޝްގެ ދެ ރައްޔިތެއްގެ މައްޗަށް ސަޢޫދީގައި މަރުގެ ޙުކުމް ތަންފީޒުކޮށްފިއެވެ.

16 Oct 2026 | 04:09
މިސްކިތުގެ ހުރުމަތް ކެނޑި ބަންގްލަދޭޝް ދެ މީހަކަށް ސަޢޫދީގައި މަރުގެ އަދަބު ދީފި

މައްކާގެ މިސްކިތެއްގެ ތެރޭގައި "ބަދުއަހުލާގީ ޢަމަލެއް" ހިންގި ކަމުގެ ކުށް ސާބިތުވި ބަންގްލަދޭޝްގެ ދެ ރައްޔިތަކު ސަޢޫދީ ޢަރަބިއްޔާގައި މަރުގެ ޙުކުމް ތަންފީޒުކޮށްފިއެވެ.

ސަޢޫދީ ދާޚިލީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މަރުގެ ޙުކުމް ތަންފީޒުކުރީ މައްކާ ސަރަޙައްދުގައި ކަމަށެވެ. ސަޢޫދީ ސަރުކާރުގެ ނޫސް އެޖެންސީ (އެސްޕީއޭ) މެދުވެރިކޮށް ޝާއިޢުކުރި އެ ބަޔާނުގައި، މަރައިލި ދެ މީހުންގެ ނަމަކީ ނާޒިރުލް އިސްލާމް ޢަބްދުލް ބާސިރު އަދި ސިޓީ އަޚުތަރު ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ސަޢޫދީ ސެކިއުރިޓީ ފަރާތްތަކުން އެ ދެ މީހުން ހައްޔަރުކުރީ ތަޙުޤީޤަކަށް ފަހުއެވެ. ދައުވާ އުފުލައި މައްސަލަ ކޯޓަށް ފޮނުވިއިރު، ކޯޓުން ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ތަޢުޒީރީ ޙުކުމެއްގެ ދަށުންނެވެ. މިސްކިތުގެ ޙުރުމަތާއި ވަގުތާއި ތަނުގެ ޤަދަސިއްޔަތު ނިގުޅައިގެންފައިވާ ކަމުގެ ބުރަދަނަށް ބެލުމަށް ފަހު ޙުކުމް ތަޞްދީޤުކޮށް، ރަސްގެފާނުގެ އަމުރުފުޅަކާ އެކު މަރުގެ ޙުކުމް ތަންފީޒުކުރީ ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް، އެ ދެ މީހުން މިސްކިތް ތެރޭގައި ކުރީ ސީދާ ކޮން ކަމެއް ކަމެއް ސަޢޫދީ އިދާރާތަކުން ހާމައެއް ނުކުރެއެވެ. ހަމައެހެންމެ، ކޮން މިސްކިތެއްގައި ހިނގި ޙާދިސާއެއް ކަމެއް އަދި ހައްޔަރުކުރި ތާރީޚެއް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ޖިއްދާގައި ހުންނަ ބަންގްލަދޭޝް ކޮންސިއުލޭޓުގެ އޮފިޝަލަކު މީޑިއާގައި ބުނީ ކޮންސިއުލޭޓަށް ކުރިން މިނިސްޓްރީން އެއްވެސް އެންގުމެއް ނާންގާ" ކަމަށެވެ. "މިކަމާ ގުޅިގެން، ސަޢޫދީ ޚާރިޖީ މިނިސްޓްރީއަށް ނޯޓް ވާރބޭލެއް ހުށަހަޅައި، ރަސްމީ ގޮތުން މި މައްސަލަ ބަލައިގަތުމަށް އެދިފައިވާނެ" ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް