ރައްޔިތުންގެ އަޑު 10 ވަނަ އެޕިސޯޑޫގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ބޭންކު މެދުވެރިކޮށް ގެދޮރު ބިނާކުރުމަށް ލޯނު ނެގުމުގައި ދައްކަންޖެހޭ ފަސް އިންސައްތައިގެ އިކުއިޓީ ކޮމްޕޮނެންޓަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޚާއްޞަ ސްކީމެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި މީހަކު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ލިބުނު ގޯތީގައި ގެ އެޅުމަށް ލޯނު ހޯދުމުގައި ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ހައުސިން ޓްރަސްޓް ފަންޑުގައި މިހާރު ވެސް އެ ކަމަށް ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ.
މި ސްކީމުގެ ދަށުން ސަރުކާރުން ދޭ އެހީއަކީ ލޯނެއް ނޫން ކަމަށާއި، އެއީ އަނބުރާ ދައްކަންނުޖެހޭ އެއްޗެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. "އޭގެ ސްކީމެއް [އެކުލަވާލަން] އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން، ދެން ބަލަނީ ވީހާވެސް އަވަހަކަށް ނިންމާލެވޭތޯ، އޭރުން ވީހާވެސް ގިނަ ބަޔަކަށް ދޭން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސްކީމުން އެހީ ފޯރުކޮށްދިނުމުގައި ސަރުކާރުގެ އެއްވެސް ސްކީމަކުން ބޯހިޔާވަހިކަމެއް ހަމަޖެހިފައިނުވާ ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިކުއިޓީ ފައިނޭންސިން ދޭނެ ކަމުގެ ވާހަކަ ރައީސް ފުރަތަމަ ވިދާޅުވީ މިދިޔަ ޖޫން މަހުގެ 29 ގައެވެ.
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން ޖުމުލަ 9,003 ގޯތި ދޫކުރުމަށް ނިންމައި، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގޯތިތައް ހަވާލުކޮށް ނިމުނު ނަމަވެސް ގިނަ ސަބަބުތަކާ ހެދި ގޯތިތައް ބޭނުންނުކުރެވި ގިނަ ބަޔަކު ތިބި ކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް