ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ސާޅީސް ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެލޯގަނޑުގައިވަނީ ރާއިދުގެ ފޮޓޯއެކެވެ. ޔަޤީންކޮށްލުމަށްޓަކައި އިރުކޮޅަކު ފޮޓޯއަށް ބަލަހައްޓައިގެން ހުމޭދާ ހުއްޓެވެ. އެއަށްފަހު ނިދާފައިއޮތް ޢާއިޝާގެ މޫނަށް ހުމޭދާ ބަލާލިއެވެ. ރ...

24 Dec 2023 | 04:49

ކުރީގެ އަދަދާއި ގުޅޭ...

އެލޯގަނޑުގައިވަނީ ރާއިދުގެ ފޮޓޯއެކެވެ. ޔަޤީންކޮށްލުމަށްޓަކައި އިރުކޮޅަކު ފޮޓޯއަށް ބަލަހައްޓައިގެން ހުމޭދާ ހުއްޓެވެ. އެއަށްފަހު ނިދާފައިއޮތް ޢާއިޝާގެ މޫނަށް ހުމޭދާ ބަލާލިއެވެ. ރާއިދުގެ ފޮޓޯއެއް ޢާއިޝާ ގެންގުޅެންވީ ކީއްވެހެއްޔެވެ؟ ޢާއިޝާ އާއި ރާއިދުގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. ރައީދަކީ ކުޑަދުވަހުން ފެށިގެން ވިލިނގިލީގައި ދިރިއުޅެމުންދާ މީހެކެވެ. އެހެން ނަމަވެސް ޢާއިޝާ އަކީ ފުވައްމުލަމުގައި ދިރިއުޅެމުންދާ ކުއްޖެކެވެ. ހުމޭދާގެ ހިތަށް އެއްފަހަރާ އެތައް ސުވާލެއް އަރާ ފައިބަމުން ދިޔައެވެ. ހުމޭދާ ރާއިދުގެ ފޮޓޯއަށް ބަލާލުމަށްފަހު ޢާއިޝާއަށް ބަލާލިއެވެ. އޭރު ޢާއިޝާ މަޑުމަޑުން ލޯ ހުޅުވާލަނީއެވެ.

"މިއީ... މިއީ... ކޮން ފޮޓޯއެއް.... ކާކުމީ....." ހުމޭދާ އަޅައަޅައިގަންނަމުން ޢާއިޝާ އާއި ސުވާލު ކޮށްލިއެވެ.

"ކިހިނެތްވީ.....؟" ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު އެއްފަރާތަށް ކަހާލަމުން އެނދުން ތެދުވަމުން ހުމޭދާ ސުވާލުކޮށްލިއެވެ.

"ރާއިދުގެ ފޮޓޯއެއް ކީއްވެ ޢާއިޝާ އަތުގަ އޮންނަންވީ....." ޢާއިޝާ ކައިރީގައި އެނދުގައި އިށީންނަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"އާނ.... ތީ ރާއިދު.... ހުމޭ ރާއިދު ދަންނަންތަ....؟ ޢާއިޝާވެސް ޙައިރާންވެފައި އިނދެ ފޮޓޯ ލޯގަނޑުގައި ހިފަމުން ސުވާލުކޮށްލިއެވެ.

ޢާއިޝާގެ މި ސުވާލަށް ހުމޭދާ އެއްވެސް ޖަވާބެއް ނުދެއެވެ. ޙައިރާންވެފައި ޢާއިޝާއާއި ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

"ކީއްވެ ރާއިދުގެ ފޮޓޯއެއް ޢާއިޝާ އަތުގައި.....؟ އަނެއްކާވެސް ހުމޭދާ ޢާއިޝާ އާއި ދިމާއަށް ބަލަންއިދެ ސުވާލު ކޮށްލިއެވެ.

"ހުމޭ، ރާއިދު ދަންނަންތަ.....؟ ބުނެބަނަ.... ހުމޭ ރާއިދު ދަންނަންތަ......؟ ހުމޭދާގެ އަތުގައި ހިފާލަމުން ޢާއިޝާ ސުވާލު ކުރިއެވެ.

"އާނ..... ރާއިދުތީ ނާޝިދުގެ ބެސްޓުފުރެންޑް..... ނާޝިދުއާއި އެކު އަބަދު އުޅޭނީ..... އެކަމަކު ކީއްވެ ޢާއިޝާ އަތުގައި މިފޮޓޯ އޮންނަންވީ..... ޢާއިޝާ ރާއިދު ދަންނަންތަ.....؟ އަނެއްކާ ކަމެއްތަ.....؟" ހުމޭދާ، އާއިޝާއާއި ދިމާއަށް ބަލަންއިނދެ މަޖާ ރާގެއްގައި އަހާލިއެވެ.

"ނާޝިދުގެ ބެސްޓް ފުރެންޑޭ..... އާނ.... މީގެ ދުވަސްކޮޅެއް ކުރިން ރާއިދު ކޮންމެވެސް ވަރަކަށް އެނގުނު..... އެކަމަކު ބޮޑަށް ނޭނގުނީމަ މައްސަލައަކީ..... ބޮޑަށް އެނގުނުނަމަ މިހެންވާކަށް ނުޖެހުނީސްހެންހީވަނީ....." ޢާއިޝާގެ ލޮލުން އައިސްފައިހުރި ކަރުނަތައް ފޮހެލަމުން ހުމޭދާއާއި ވާހަކަ ދެއްކިއެވެ.

"ޢާއިޝާ..... ކިހިނެތްތަވީ.....؟ ހުމޭއަށް ތިވާހަކަ ކިޔާދީބަލަ.....!" ޢާއިޝާގެ ގޮނޑުގައި އަތް ޖައްސާލަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"ހުމޭ ހަނދާންވޭތަ، ހުމޭ އަހަރުމެން ރަށަށް ގޮއްސަ އެއްދުވަހު އަހަރުމެން ތުނޑިއަށް ދިޔައިމެއްނު..... އެދުވަހު ތުނޑިން ގެއަށް ދާންވެގެން ބަލާލިއިރު ޢާއިޝާގެ ސައިކްގެ ހަންފަޅައިގެން ގޮއްސައެއްނު ހުރީ..... ދެން އެދުވަހު ހުމޭ އެތާގައި ބަހައްޓާފައި ގެއަށް ސައިކެއް ބަލާ ޢާއިޝާ ދިޔައީ އެހެންލާފަ ދިޔަ ޢާއިޝާގެ ފުރެންޑެއްގެ ފަހަތުގައެއްނު..... އޭނައަށް ކިޔަނީ ނައުޝާދު..... ހުމޭ ހަނދާން އެބަހުރިތަ....؟ ހުމޭދާއާއި ދިމާއަށް ބަލަން އިނދެ ޢާއިޝާ ވާހަކަ ދެއްކިއެވެ.

"އާނ..... ހަނދާން އެބަހުއްޓޭ.... ދެން ކިހިނަތްތަވީ އެދުވަހު......" ޢާއިޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާދެމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"އެދުވަހު ސައިކަލުގައި ދަމުން......" ޢާއިޝާ މަޑުމަޑުން ދެލޯ މަރާލުމާއެކު މާޒީގެ ޞަފްޙާތައް ޢާއިޝާގެ ކުރިމަތީގައި ކެހިގެން ދިޔައެވެ.

ފުވައްމުލަކުގެ ހިތްގައިމު މަގުތަކުގައި ނައުޝާދު ސައިކަލް ދުއްވަމުންދިޔައީ ވަރަށް ބާރަށެވެ.

"ސާބަސް..... ހާދަބާރަކަށް ތިދުއްވަނީ..... އެއްޗެއްގައި ޖެހިދާނެ......" ސައިކަލްގެ ފަހަތުގައި އިން ޢާއިޝާ، ނައުޝާދުގެ ބުރަކަށީގައި ޖަހާލުމަށްފަހު ބުނެލިއެވެ.

"ފުރެންޑަކާ މީޓްކޮށްލަންދަނިކޮން ޢާއިޝާ އާއި މި ދިމާވީ..... އޭނާ ހުންނާނެ މިހާރު ލަސްވެފަ..... އެހެންވެ ޢާއިޝާ އަވަހަށް ގެޔަށްލާފައި އެދިމާއަށް ދާންވެގެން....." ސައިކަލު ކުޑަކޮށް މަޑުކޮށްލަމުން ނައުޝާދު ބުނެލިއެވެ.

"އެހެންތަ.....؟ އެހެންވިއްޔާ ބާރަށް ދުއްވާ....." ޢާއިޝާ މަޖާ ރާގަކަށް ބުނެލިއެވެ.

އެވަގުތު ނައުޝާދުގެ ފޯނު ރިންވިއެވެ. ސައިކަލް އެއްފަރާތަކަށް މަޑުކޮށްލުމަށްފަހު ނައުޝާދު ފޯނުން ވާހަކަ ދެއްކިއެވެ.

"ލަސްވެގެން އޭނަ އެގުޅީ..... އޯކޭތަ އޭނަކައިރިއަށް ގޮއްސަ ޢާއިޝާ ގެއަށް ގެންދިޔަސް..... މާލަހެއް ނުވާނެ.... އެއްޗެއް ހަވާލުކޮށްލަންވެގެން....." ސައިކަލް ދުއްވާލަމުން ނައުޝާދު ބުނެލިއެވެ.

"އޯކޭވާނެ.... އެކަމަކު ލަސްކޮށްގެންނުވާނެ އިނގޭ..... ޢާއިޝާވެސް މިއުޅެނީ ތުނޑީގައި ކުއްޖެއް ބަހައްޓާފައި.... އިރުއޮއްސުމުގެ ކުރިން އޭނަވެސް ގެއަށް ގެންދަންޖެހޭނެ....." ސައިކަލުގެ ފަހަތުގައި އިނދެގެން ޢާއިޝާ ވާހަކަ ދެއްކިއެވެ.

"އެއަރޕޯޓްމަގު ނިމޭ ހިސާބުގައި އޭނަހުރީ.... އެހިސާބާއި ތިގެއާއި އެހާދުރެއް ނޫނެއްނު..... އެހެންވީމާ މާލަހެއް ނުވާނެޔޭ...." ސައިކަލުގެ ދުވެލި ބާރުކޮށްލަމުން ނައުޝާދު ވާހަކަ ދެއްކިއެވެ.

ނައުޝާދުގޮސް ސައިކަލު މަޑުކޮށްލީ އެތަނުގައިހުރި ޒުވާން ފިރިހެނެއްގެ ކައިރިއަށެވެ.

"ހާދަލަސްވީ.... ކޮންއިރެއް މިހާރު މިތާހުންނަތާ.... ބިޓް ގޮވައިގެން ބުރުޖަހަނީއޭވެސް ކުރިން ބުނިނަމަތާ އެނގޭނީ....." އެ ޒުވާނާގެ އަތުގައި އޮތް ކުޑަ ޕާރަސަލެއް ދިއްކޮލަމުން ބުނެލިއެވެ.

"ސާބަސް.... އަދިވެސް ތި ދިމާކުރުމުގެ ކަންތައްގަނޑު ދޫކޮށްލާކަށް ނޫޅެންދޯ..... މިއީ ބިޓެއް ނޫނޭ..... ފުރެންޑެކޭ.....މީނަ ގެއަށް ވައްޓާލަދޭން މިދަނީ....." ޕާރަސަލްގައި ހިފަމުން ނައުޝާދު ބުނެލިއެވެ.

"އޯ..... ސޮރީ ސޮރީ..... އަހަންނަށް އޮޅުނީ....." އަނެއްކާވެސް ދިމާކުރާ ރާގަކަށް އެޒުވާނާ ބުނެލިއެވެ.

"އެހެން ވެދާނެ..... އެއީ ދެން މާފަށް އެދޭވަރުގެ ކަމެއް ނޫނެއްނު...... ހަމަ އޮޅިދާނެއޭ....." އެޒުވާނާއާއި ދިމާއަށް ބަލަންހުރެ ނައުޝާދު ވާހަކަ ދެއްކިއެވެ.

އެޒުވާނާގެ އަޑު އިވުމާއެކު އެއަޑުގެ އަސަރުގަދަ ކަމުން ޢާއިޝާ އިސްއުފުލާ އެ ޒުވާނާއާއި ދިމާއަށް ފުރަތަމަ ފަހަރަށް ބަލާލިއެވެ. ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ އެޒުވާނާއަކީ ވަރަށް ރީތި މީހެކެވެ. ބްރައުން ރޮނގުދެމި ޓީޝާޓަކާއި، ވައިޓް ޖިންސެއްގައިހުރި އެޒުވާނާގެ ހަށިގަނޑު ފެނިފައި ޢާއިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިސާބަކަށް ދިގުކޮށްލާފައިވާ އިސްތަށިގަނޑުވަނީ ވަރަށް ރީތިކޮން ފުނާއަޅާލާފައެވެ. ދަތްދޮޅީގައިވާ ކުޑަ ތުނބުޅި ކޮޅުން އެޒުވާނާގެ މޫނުމަތި އިތުރަށް ފުރިހަމަ ވެފައިވެއެވެ. އެއްވެސް އިޚްތިޔާރެއްނެތި ކުޑައިރުކޮޅަކު އެޒުވާނާއާއި ދިމާއަށް ބަލަހައްޓައިގެން ޢާއިޝާ އިނެވެ. އެޒުވާނާވެސް ހުރީ ޢާއިޝާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

"މިރޭ ގޭގައި އެބައޮތް ކުޑަ ޑިނަރ އެއް..... އަންނަންވާނެ..... " އެޒުވާނާއާއި ދިމާއަށް ބަލަން އިނދެ ނައުޝާދު ބުނެލިއެވެ.

"ޔޭސް..... ކިހާއިރަކު ދާންވީ.... ފްރެންޑް އިންޓްރޯޑިއުސްވެސް ނުކޮށްދެމެއްނު..... އިންޓްރޯޑިއުސް ކޮށްދީބަލައި......" އެޒުވާނާ ނައުޝާދާއި ވާހަކަ ދެއްކިއެވެ.


ވާހަކައިގެ ސާޅީސް ހަތްވަނަބައި، މި ލިންކުން ކިޔާލަން ލިބިލައްވާނެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް