ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ސާޅީސް ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ހުމޭދާ ގޮވައިގެން ނާޝިދަށް ގެއަށް ދެވުނީ، ބޭކާރު އެތައް ހިނގުންތަކެއް ހިނގުމަށްފަހު އެވެ. ގެއަށްވަދެ ސޯފާގައި ހުމޭދާ ބައިންދާފައި، ތަށްޓަށް ފެންއެޅުމަށްފަހު އައިސް ހުމޭދާއަށް ނ...

19 Dec 2023 | 05:32

ކުރީގެ އަދަދާއި ގުޅޭ...

ހުމޭދާ ގޮވައިގެން ނާޝިދަށް ގެއަށް ދެވުނީ، ބޭކާރު އެތައް ހިނގުންތަކެއް ހިނގުމަށްފަހު އެވެ. ގެއަށްވަދެ ސޯފާގައި ހުމޭދާ ބައިންދާފައި، ތަށްޓަށް ފެންއެޅުމަށްފަހު އައިސް ހުމޭދާއަށް ނާޝިދު ފެންތަށި ދިއްކޮށްލިއެވެ. ހާސްވެ ބިރުގެންފައިވާ ވަރުން ހުމޭދާއަށް އެ ތަށްޓަކު ނުހިފުނެވެ. އަތް ތުރުތުރުއަޅާ ވަރުންނެވެ. އެންމެފަހުން ހުމޭދާގެ ތުންފަތުގައި ފެންތަށި ޖެއްސީ ނާޝިދުގެ އަތުންނެވެ. ހުމޭދާ ފެންފޮދެއް ބޯލިއެވެ. ފެންފޮދު ދިރުވާލެވުނީވެސް ގަދަކަމުންނެވެ.

"ނަސީބެއްނު އެގަޑީގައި ފެންފޮދެއް ބޯލަން ނާޝިދަށް ތިރިއަށް އާދެވުނުކަން..... ސިޑިން ފައިބަނިކޮށް، ހުމޭ ދޮރުން ނުކުތްތަން ފެނުނީ.... ކިހިނެތްތަ އަސްލުވީ......؟ ހުމޭއަކީ ނިދީގައި ހިނގާ ކުއްޖެއްވެސް ނޫނެއްނު....." ވީގޮތް އެނގޭއިރުވެސް ހުމޭދާ ގާތުގައި އިށީންނަމުން ނާޝިދު ސުވާލުކޮށްލިއެވެ.

"ހުމޭ ކުޑައިރު ނިދީގައި ހުރެގެން ހިނގައޭ މަންމަ ކިޔާނެ...." ނާޝިދާ ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.

"އެހެންތަ.....؟ ތިއީ އަދި ނާޝިދުއަށް ނޭނގޭ ކަމެއް..... ހުމޭ ނުވެސް ބުނޭވިއްޔަ....." ހުމޭދާ ބިރުގަންފައި ހުރުމުން މަޖާކޮށްލުމުގެ ގޮތުން ނާޝިދު ބުނެލިއެވެ.

"ހޭވެރިކަން ވީއިރު ހުރެވުނީ ގަސްތަކުގެ މެދުގައި..... ހާދަބިރެއްގަތޭ.... ނަޞީބެއް ނާޝިދު ހުރިކަން....." ނާޝިދުގެ ކޮނޑުގައި ބޯއަޅާލަމުން ހުމޭދާ ބުނެލިއެވެ.

"ހުމޭ ކިހިނެތް ނިދާފައި ހުރެގެން ކޮޓަރީގެ ދޮރުހުޅުވީ.....؟ ތަޅުދަނޑި ޖަހައިގެންނު ދޮރު ހުޅުވޭނީވެސް....." ކަންކަން ހިނގިގޮތް އެނގޭއިރު ނާޝިދު ސުވާލު ކޮށްލިއެވެ.

"އެއްގޮތަކަށްވެސް ނޭނގެ ވީނުވީއެއް.... ނިދުނުކަން އެނގެނީ.... ދެން ހޭލެވުނުއިރު ހުރީ އެތާނގައި....." ހުމޭދާ، ނާޝިދާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ނިދަން ދާންވީނު...." ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"ނިދީގެ އަސަރެއްވެސް ނެތް.... ނުވެސް ކެރޭނެ މިރޭ ދެން ކޮޓަރީގައި އެކަނި އޮންނާކަށްވެސް" ހުމޭދާ، ނާޝިދަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ފަހަކަށް އައިސް ހުމޭއަށް ކިހިނެއްބާ މި ވަނީ....؟" ދުރަށް ބަލަހައްޓައިގެން އިނދެ ހުމޭދާ ބުނެލިއެވެ.

"ނިދީގައި ހިނގުމަކީ ހުމޭއަށް އެކަނި ދިމާވާ ކަމެއް ނޫނޭ..... އެހެން ނޫނަސް އެއީ މައްސަލައެއް ނޫނޭ.... ހުމޭ މާބޮޑަށް ތިވިސްނަނީއޭ.... ހިނގާ ދެން ނިދަންދަމާ....." ހުމޭދާގެ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ނާޝިދު ބުނެލިއެވެ.

"މިރޭ އެގަޑީގައި ނާޝިދަށް ތިރިއަށް ނާދެވުނު ނަމަ ޔޯ.....؟" ހުމޭދާ އަނެއްކާވެސް ނާޝިދު އާއި ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

ނާޝިދު އެކަމާ ވިސްނާލިއެވެ. އެ ކަމުގެ ހުރި ބިރުވެރިކަން ނާޝިދުއަށް އިހުސާސްވެސް ކުރެވެއެވެ. އަދި އެކަމާ ނާޝިދު ފައިޓްކުރަންވެސް ބޭނުންވިއެވެ. އެހެން ނަމަވެސް ހުމޭ އިތުރަށް ބިރުގެންފާނެތީ އެ ރޭ ދެން އިތުރަށް އެ ވާހަކަ ދައްކާކަށް ނާޝިދު ބޭނުން ނުވިއެވެ.

"އެކަމަކު ނާޝިދުއަށް ޓައިމަށް އާދެވުނެއްނު..... ހުމޭއަށް އެއްވެސް ކަމެއްވެސް ނުވެއެއްނު.... އަނެއްކާ ހުމޭ ތިއިނީ މިހާރު ގޭގައެއްނު...." ދެން އެކަމާ ނުވިސްނަބަލަ....." ހުމޭދާގެ އުނގަނޑުގައި ހިފަހައްޓާލަމުން ނާޝިދު ބުނެލިއެވެ.

"އެކަމަކު ހުމޭ ވަރަށް ބިރުގަނޭ އެބަ..... ބޮޑުކަޅު ހިޔަންޏެއް ފެނުހެންވެސް ހުމޭއަށް ހީވި...." ނާޝިދުއަށް ބަލަންއިނދެ ރޮވިފައި ހުމޭދާ ބުނެލިއެވެ.

"ނާޝިދު ހުއްޓަ ހުމޭ އަކަށް އެއްވެސް ކަމެއް ނުވާނެއޭ.... މިރޭވެސް ނުވިއެއްނު..... ނާޝިދުއަށް ނޭނގި ނަމަވެސް ޓައިމަށް ނާޝިދަށް އާދެވުނެއްނު...." ހުމޭދާގެ ބުރަކަށީގައި ފިރުމާލަމުން ނާޝިދު ބުނެލިއެވެ.

ހުމޭދާގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަމަށް އަދިވެސް ލުޔެއް ނުލިބިއެވެ.

"އެކަމަކު ކީއްވެގެންތަ ހުމޭއަށް އެހެން އެވީ.....؟ ހުމޭ ބޭނުމެއްނޫން ނިދާފައި ހިނގާ މީހަކަށްވާކަށް....." ހުމޭދާ އަނެއްކާވެސް ނާޝިދުގެ ކޮނޑުގައި ބޯއަޅައިލަމުން ބުނެލިއެވެ.

"ހުމޭއަށް އިނގޭތަ، ދިމާވާ ހުރިހާ މައްސަލައަކަށް ހައްލެއް ނުހޯދޭނެ..... ހުރިހާ ސުވާލެއްގެ ޖަވާބެއް ވެސް ނުލިބޭނެ...." ބައެއް ކަންކަމަކީ ކެރިގެން ކުރިމަތިލާންޖެހޭ ކަންކަން..... ހުމޭއަށްވެސް މިކަހަލަ ކަންކަން އަދި އެނގޭނެ....." ހުމޭދާއަށް ވިސްނައިދޭން ނާޝިދު މަސައްކަތް ކުރިއެވެ.

"ނާޝިދު ތިބުނި އެއްޗެއް ހުމޭއަކަށް ނޭނގުނު....." ނާޝިދުގެ މޫނަށް ބަލަން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"އަދި އިނގޭނެ..... މިރޭ މިދިމާވި ކަންކަން އެއްވެސް މީހެއް ކައިރީގައި ނުބުނާތި އިނގޭ.... މަންމަ މެންނަށްވެސް މިވާހަކަތައް އަދި ކިޔާނުދޭތި...." ހުމޭދާގެ ކޮލުގައި ޖަހާލަމުން ނާޝިދު ވާހަކަ ދެއްކިއެވެ.

އެ ބިރުވެރިކަމުން ހުމޭ ސަލާމަތް ކުރަން ނާޝިދު ވެސް ބޭނުމެވެ. އެކަން އިތުރަށް ތަކުރާރު ނުވާން ވެސް ބޭނުމެވެ. އެކަމަކު ތިމާއަށް އެއްވެސް ބާރެއް ނުފޯރުވޭ ކަންކަން ތިމާ ކިތަންމެ ނުރުހުނަސް ތަކުރާރު ވެސް ވެދާނެއެވެ. ނަމަވެސް އެކަން އިތުރަށް އެހެން ނުވާނެ ގޮތަށްވޭތޯ ބެލުމަށް ނާޝިދު ޢަޒުމް ކަނޑައެޅިއެވެ.

"ދެން ހިނގާ ކޮޓަރިއަށް ދާން....." އަނެއްކާވެސް ހުމޭދާގެ އަތުގައި ހިފައިގެން ތެދުވަމުން ނާޝިދު ބުނެލިއެވެ.

"ނާޝިދު ދޭ ކޮޓަރިއަށް..... ހުމޭ އަދި މަޑުކޮށްލާފައި ދާނީ....." ހުމޭ ކޮޓަރިއަށް ދާން ބޭނުން ނުވާތީ ނާޝިދުއާއި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"އޯކޭ...... އެހެންވީމާ ނާޝިދުވެސް މަޑުކުރާނީ.... ހިނގާ ފިލްމެއް ބަލަމާ....." ޓީވީގެ ރިމޯޓް ނަގަމުން ނާޝިދު ބުނެލިއެވެ.

ފިލްމު އަޅުވައިގެން، ފިލްމުގެ ވަކި ހިސާބަކަށް ދިޔަތަނާ ހުމޭދާ ނިދިއައިސްގެން އާފުރެން ފަށާފިއެވެ.

"ނިދިއައީތަ....؟" ހުމޭދާ އާފުރޭތަން ފެނުމުން ހުމޭދާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"ފިލްމު ބަލަންފެށީމަ ނިދިއަތުވެއްޖެ....." ހުމޭދާ އަނެއްކާވެސް އާފުރެމުން ބުނެލިއެވެ.

"ހިނގާ އެހެންވީމާ ނިދަންދަމާ ދެން...." ނާޝިދު ޓީވީ ނިއްވާލަމުން ބުނެލިއެވެ.

ހުމޭދާ ކޮޓަރިއަށް ވަނުމުން ނާޝިދުވެސް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް އޮށޯތުމާއެކު ނާޝިދަށްވެސް ނިދިއްޖެއެވެ.

ހުމޭދާއޮތީ ނިދާފައެވެ. ކޮޓަރީގެ ދޮރުގެ ތަންޑު މަޑުމަޑުން ނެއްޓުމަށްފަހު ދޮރު ހުޅުވުނެވެ. ހުމޭދާގެ ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު މަޑުމަޑުން ނެގުނެވެ. އަދި، މީހަކު ފައިގައި ހިފާފައި ދަމާލީމާ މަޑުމަޑުން ދެމިގެން އަންނަހެން ހުމޭދާ މަޑުމަޑުން އެނދުން ސޮހިގެން އައިސް ތަޅުންގަނޑަށް ވެއްޓުނެވެ. ވެއްޓުމާއެކު ހުމޭދާއަށް ލޭވިއްޖެއެވެ. ހުމޭދާ ތަޅުންގަނޑުމަތީގައި ދެމެމުން ދޮރާދިމާއާށް ދާން ފަށައިފިއެވެ. ހީވަނީ ދެފައިކޮޅުގައި މީހަކު ހިފަހައްޓައިގެން ދަމާފައި ގެންދާހެންނެވެ. ގެންފައިވާ ބިރުން އަޑުގެ ކޮޅަށް ހުމޭދާ ހަޅޭއްލަވަމުން ގެންދިޔައެވެ. ކުއްލިއަކަށް ކުރިއަށްވުރެ ބާރަށް ހުމޭދާ ދަމައިގަތެވެ. އެވަގުތު ނާޝިދަށް އެތަނަށް އާދެވުނެވެ. ހުމޭދާ ދޫކޮށްލާށޭ ގޮވަމުން ނާޝިދު ހުމޭދާ ފަހަތުން ދުއްވައިގަތެވެ. ކުއްލިއަކަށް ހުމޭދާ ބޭރަށް ދަމައިގަތުމަށްފަހު ވަރަށް ބާރަށް ދޮރުލެއްޕުނެވެ. ނާޝިދު ދުވެފައިގޮސް ދޮރުގައި ހިފާލިއިރު ދޮރެއް ނުހުޅުވުނެވެ. ދޮރު ހުރީތަންޑު އެޅުވިފައެއް ނޫނެވެ. ހީވަނީ ތާށިވެފައިހުރިހެންނެވެ. ނާޝިދު ގައިގަހުރި ހުރިހާ ބާރެއް ލުމުން ވެސް ދޮރެއް ނުހުޅުވުނެވެ. އޭރު ވެސް ހުމޭދާ އެހީއަށް އެދި ގޮވާއަޑު ނާޝިދަށް އިވެއެވެ. ނާޝިދު ދުވެފައިގޮސް ކުޑަދޮރު ހުޅުވާ ބޭރުބަލާލިއެވެ. އޭރު ބޮޑުކަޅު ހިޔަންޏެއް ހުމޭދާ ބިންމަތީގައި ދަމާފައި ދޮރާށިން ބޭރަށް ނެރެނީއެވެ. ނާޝިދު ކުޑަދޮރު ހުޅުވާފައި ބޭރު ބަލާލި ވަގުތު ހުމޭދާއަށް ނާޝިދު ފެނުނެވެ. އެވަގުތު ހުމޭދާ ނާޝިދަށް ވަރަށް ބާރަށް ގޮވާލިއެވެ. އަދި އެހީއަށް އެދޭ ފަދައިން ހުމޭދާގެ ދެއަތް ނާޝިދާއި ދިމާއަށް ދިއްކޮށްލިއެވެ. ނާޝިދުވެސް ވަރަށް ބާރަށް ހުމޭދާއަށް ގޮވާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 21 ޑިސެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް