ޗައިނާގައި ކާރު އުފައްދާ ފެންޓްރީއެއް --
ޔޫރަޕްގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން، އެމީހުން ބޭނުންވާ ވަރަށް ތަރައްޤީކޮށްފައިވާ ކާރުޚާނާތައް ނެތުމުގެ ސަބަބުން އިޓަލީގައި ކާރު އުފެއްދުން މަޑުޖައްސާލާފައިވާކަމަށް އިޓަލީވިލާތުގެ ސިނާޢަތާއި ބެހޭ ވަޒީރު އަޑޯލްފޯ އުރުސޯ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން ޔޫރަޕިއަން ޔޫނިއަންގައި ކާރު އުފައްދާ ކާރުޚާނާތައް ގާއިމުކުރަން ބޭނުންވަނީ، ވިލާތުގައި ވިއްކާ އިލެކްޓްރިކް ވެހިކަލްތަކުގައި ހުންނަންޖެހޭ ވިލާތުގެ އުފެއްދުންތަކުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައެޅުމުގެ ގަވާއިދުތަކެއް ބްރަސެލްސްއިން އެކުލަވާލަމުންދާތީއެވެ.
ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުގެ މަންދޫބުން ޔޫރަޕުގެ ގައުމުތަކަށް ޒިޔާރަތްކޮށް، ވަގުތުން އޮޕަރޭޓްކުރަން ފެށޭފަދަ ތައްޔާރީ ހާލަތުގައިވާ ކާރުޚާނާތައް ލިބޭތޯ މަސައްކަތްކުރަމުން އަންނަކަމަށް އިޓަލީވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން އުރުސޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބީ.ވައި.ޑީ ގެ ޔޫރަޕިއަން އެޑްވައިޒަރު އަލްފްރެޑޯ އަލްޓާވިއްލާ ހިމެނޭ ގޮތަށް ޗައިނާގެ އޮޓޯ އިންޑަސްޓްރީގެ މަންދޫބުން އިޓަލީގެ ކާރުޚާނާތަކަށް ޒިޔާރަތްކޮށް، އެކަށީގެންވާ ތަނެއް ނުފެނި، އުރުސޯއާ އެކު އެތައް ފަހަރަކު ބައްދަލުކުރެއްވިއެވެ.
މީގެ ސަބަބަކީ އިޓަލީގައި ކާރު އުފައްދާ އެންމެ ބޮޑު ކުންފުނި ސްޓެލާންޓިސް އިން އެކުންފުނީގެ އިޓަލީ އެއްވެސް ކާރުޚާނާއެއް ދޫކޮށްލުމުގެ ބަދަލުގައި، ޗައިނާގެ ކުންފުނިތަކާ ގުޅިގެން ކާރު އުފެއްދުމަށް ނިންމާފައިވުން ކަމަށް އުރުސޯ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް