N/A
ހޮލީވުޑްގެ މާޝަލް އާޓްސް ޗެމްޕިއަން އަދި އެކްޝަން ފިލްމުތަކުގެ ތަރި ޗަކް ނޮރިސް ބުރާސްފަތި ދުވަހު ހެނދުނު ހަވާއީގައި މަރުވެއްޖެއެވެ. އޭނާގެ ޢުމުރަކީ 86 އަހަރެވެ.
ނޮރިސްގެ ޢާއިލާއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ މަރުވިއިރު ޢާއިލާ ކައިރީގައި ތިބި ކަމަށެވެ. ނޮރިސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބުދަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށްވާއިރު، ބުދަ ދުވަހު އޭނާއާ ވާހަކަ ދެއްކި ފަރާތަކުން ބުނީ އެ ދުވަހު ކަސްރަތުކޮށް ވަރަށް ހެޔޮ ހާލުގައި ހުރި ކަމަށެވެ.
1940 ވަނަ އަހަރު އެމެރިކާގެ އޮކްލަހޯމާގައި އުފެދުނު ކާލޯސް ރޭ "ޗަކް" ނޮރިސް، އެމެރިކާގެ ވައިގެ ސިފައިންގައި ޚިދުމަތްކުރި ދުވަސްވަރު ދެކުނު ކޮރެއާގައި މާޝަލް އާޓްސް ދަސްކުރިއެވެ. 1972 ވަނަ އަހަރު ބްރޫސް ލީއާ އެކު "ދަ ވޭ އޮފް ދަ ޑްރެގަން" ގައި ފެނިގެން ގޮސް، 1970 އަދި 80 ގެ އަހަރުތަކުގައި "މިސިން އިން އެކްޝަން" އަދި "ޑެލްޓާ ފޯސް" ފަދަ ފިލްމުތަކުން އެކްޝަން ތަރިއެއްގެ ގޮތުގައި މަޝްހޫރުވިއެވެ. 1993 އިން 2001 އަށް ދެއްކި "ވޯކާ، ޓެކްސަސް ރޭންޖަރ" ޓީވީ ސީރީޒުން އައު ފޭނުންތަކެއް ހޯދިއެވެ.
ފަހުގެ އަހަރުތަކުގައި ނޮރިސް ވަނީ އިންޓަނެޓް މީމްތަކުގެ ޒަރީޢާއިން އައު ޖީލެއްގެ މެދުގައި މަޤުބޫލުކަން ހޯދައިފައެވެ. މި މަހުގެ 10 ވަނަ ދުވަހު 86 ވަނަ އުފަންދުވަސް ފާހަގަކުރަމުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރި ނޮރިސް ވަނީ ހަވާއީގައި ކަސްރަތުކުރާ މަންޒަރު ދައްކާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް