ޝާހިލް އިނީ އެހެން ދުވަސް ދުވަހާއި ޚިލާފަށް މިއަދު މަސައްކަތާއި މާގަޔާ ނުވެވިފައެވެ. އޭނާއަށް މިއަދު މާބޮޑަށް ޒީޝާން މަތިން ހަނދާންވަނީއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ލީޒާ އައި ފަހުން ގޭތެރޭގައި ކުރިން އޮންނަ އުފާވެރިކަމެއް މިހާރަކު ނެތެވެ. ނޫރާ އާއި އެކު އަބަދު ގޭތެރޭން ފެންނަ ޒީޝާން މިހާރު ގޭތެރޭން ފެންނަނީ ވަރަށް މަދު ފަހަރަކުއެވެ. ގިނަ ވަގުތު އޭނާ ހޭދަކުރަނީ ކޮޓަރިތެރޭގައެވެ. އެކަނިވެރިކަމާއި އެކުގައެވެ. ގިނަފަހަރު އޭނާގެ އެއެކަނިވެރި ކަމުގައި ބައިވެރިވެ އޭނާގެ މޫނުމަތިން އުފާވެރިކަން ގެނެސްދެނީ ކުޑަކުޑަ ޔޫހާއެވެ. ޔޫހާ ގޭގައި އުޅެއްޏާ އަބަދުވެސް އުޅޭނީ ޒީޝާންގެ ގާތުގައެވެ. ޝާހިލަށް ވެސް ޒީޝާނާއި ގިނަ ފަހަރަށް ބައްދަލު ވަނީ ޑިއުޓީއަށް އަންނަ ގަޑީގައާއި ޑިއުޓީ ނިމޭގަޑީގައެވެ. އެއީވެސް މަދު ވަގުތު ކޮޅަކަށްށެވެ. ޝާހިލް ބޭނުންވަނީ މުޅި ޢުމުރަށް ވެސް ޒީޝާން އޭނާ ގާތުގައި ހުރުމަށްށެވެ. ނަމަވެސް...................
ޝާހިލް ސިއްސައިގެން ދިޔައީ ދިމްނާ އައިސް މޭޒުމަތީގައި ފައިލެއް ބޭއްވި އަޑަށްށެވެ. ''ޑޮކުޓަރ ޝުހާދު ވިދާޅުވި ޝާހިލް ގާތު ބުނުއްވާށޭ މިފައިލްގަ ހުރި ލިޔެކިޔުންތައް އަދި އެއްފަހަރު ޗެކުކޮށްލައްވާށޭ.'' ދިމްނާ ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''އަނެއްކާ ވެސް.............................'' ޝާހިލް ހައިރާންވެފައި ބުނެލިއެވެ. ''ކީއްތޯވީ؟ އަޅުގަނޑުވެސް ޝާހިލަށް އެހީތެރިވާނަމޭ.'' ދިމްނާ ގޮނޑިއެއް ދަމާލާފައި އިށީއްނަމުން ބުއްޏެވެ. ''ހީވަނީ މިހާރު މިހޮސްޕިޓަލުގަ އަހަރެން ނޫން އެހެން ޑޮކުޓަރަކަށް މިފަދަކަމެއް ވެސް ކޮށްލާކަށް ނޭނގޭހެން.'' ޝާހިލް އިނީ ދެވަނަ ފަހަރަށް އެއެއްޗެހި ޗެކުކުރަން ޖެހުމުން ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތްވެފައެވެ. ''ވެދާނެއެއް ނޫންތޯ އެހެން ޑޮކުޓަރުންނަށް ވުރެ ފަރުވާބަހައްޓައިގެން ޝާހިލް މަސައްކަތް ކުރައްވަނީ ކަމަށް ވެސް.'' ދިމްނާ ބުނެލިއެވެ. ޝާހިލް ވަކި އެއްޗެކޭ ނުބުނެ ފަޑުގޮތަކަށް ހިނިތުންވެލިއެވެ.
''ކޮބާ ޒީ.'' ދިމްނާ އަހާލިއެވެ. ''ކީއްވެ ތިހެން ތިއެހީ.'' ޝާހިލް ދިމްނާއަށް ބަލާލަމުން ބުއްޏެވެ. ''ޝާހިލްމެން ގޭގައެއް ނޫންތޯ ޒީ އުޅެނީ. އަޅުގަނޑު ވަރަށް ގުޅައިފިން ޒީއަށް. އެކަމަކު ފޯނެއް ނުނަގާ. އެހެންވެ މިއަހާލީ.'' ދިމްނާ ބުއްޏެވެ. ''އަޅެ އަހަރެން ގުޅާލަންތަ؟'' ޝާހިލް ފޯނުނަގަމުން ބުނެލިއެވެ. ދިމްނާ އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
ޝާހިލް ދެފަހަރަކު ގުޅާލުމުންވެސް ފޯނުނަގާ ގޮތެއް ނުވިއެވެ. ''ނުނަގާ ފޯނެއް. އަނެއްކާ ކިހިނެއްވީބާ؟'' ޝާހިލް މަޑުމަޑުން ބުނެލިއެވެ. ''ޝާހިލަށް ހަމަ ނޭނގޭތޯ ވީގޮތެއް.'' ދިމްނާ ގޮނޑިން ތެދުވަމުން ބުއްޏެވެ. ''ހޫނ..............'' ޝާހިލް ބުނެލިއެވެ. ''އަޅުގަނޑު ހީކުރީ ލޯބިވެރިޔާގެ ހުރިހާކަމެއް ވެސް އެގިލައްވާނެ ކަމަށް.'' ދިމްނާގެ ރާގުގައި އެކުލެވިގެންވަނީ ސަމާސާގޮތެވެ.
''ތިބުނީ ކީކޭ؟ އަނެއްކާ މިއަދު މީ މާޙާއްޞަ ދުވަހަކީތަ؟'' ޝާހިލް އަވަސް އަވަހަށް ބުނެލިއެވެ. ''ހޫނ......... ތިހީވެލެއްވީ ރަނގަޅަށް. މިއަދު މީ ޒީގެ...................''
''ތޭންކްސް ދިމްނާ.'' ޝާހިލް ދިމްނާގެ ވާހަކަ ނުނިމެނީސް އަވަސް އަވަހަށް ބުއްޏެވެ. ''ކޮންމެ އަހަރަކުވެސް މިދުވަސް ދާނީ ޒީ އޭނާގެ ރައްޓެހިންގެ ފޯނަށް ޖަވާބު ނުދޭ ދުވަހެއްގެ ގޮތުގަ. ކީއްވެގެން ކަމެއް ނޭނގެ. ދިމާވީމަ އަހަރެމެން ވަރަށް ދިމާކޮށްލަމޭ.'' ދިމްނާ ހެމުން ހެމުން ހިނގައިގަތެވެ.
ދިމްނާ ދިން ޚަބަރަކުން ޝާހިލަށް މިހާރު ގެއަށް ނުގޮސް އިނދެވޭވަރެއް ނޫނެވެ. ބޭނުންވަނީ އެންމެ ފުރަތަމަ ޒީއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާމީހަކަށް އޭނާވާށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މިއަދު އޭނާގެ ހަރަކާތްތަކާއި ޢަމަލުތައްވަނީ އަވަސް ވެފައެވެ. ހިތްއެދެމުން ދަނީ ޑިއުޓީ ނިމުނުހާ އަވަހަކަށް ޒީޝާނާއި ބައްދަލުކުރާށެވެ.
ނަވީލް ބޭރުގައި އުޅެއުޅެފައި ގެއަށް އައިސްވަނީ އެގާރަޖަހާ އުޅެނިކޮށްށެވެ.އޭނާ މަޑުމަޑުން ގޮސްވަނީ ކާގެއަށްށެވެ.އޭރު ކާގޭމޭޒުދޮށުގައި ތަރުކާރީތަކެއް ކޮށަން ޒީޝާން އިނެވެ.ބޮޑުދައިތަ ބަދިގެތެރޭގައި އެއްޗެށް ކައްކަން ހުއްޓެވެ.
''ސައިތައްޓެއް ހަދައިދީފާނަށްތަ؟''ނަވީލް ބުނަށް ނުބުނަށް އިނދެފައި ކަހަލަ ގޮތަކަށް ޒީޝާނާއި މުޚާތަބުކޮށް ބުނެލިއެވެ.''ކޮފީއެއްތަ؟''ޒީޝާން ތެދުވަމުން އަހާލިއެވެ.''ނޫނޭ.ހަކުރު ނާޅާ ކިރުސައިތައްޓެއް ރަނގަޅުވާނެ.'' ނަވީލް އިނީ އިސްދަށަށް ޖަހާލައިގެންނެވެ.ހީވަނީ އޭނާ ޒީޝާން އާއި ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާހެންނެވެ.
ޒީޝާން ޖޯޑެއް ނަގައިގެން ގޮސް ކިރާއި ފެން އެޅުމަށް ފަހު ދިޔައީ ސަމުސަލެއް ބަލައެވެ. ވަގުތު ބަލަން ހުރި ބޮޑުދައިތަ އަވަސް އަވަހަށް ގޮސް ދެތިން ހަތަރު ސަމުސާގެ ހަކުރު ޖޯޑަށް އަޅާލިއެވެ.ޒީޝާނަށް އެއިން އެއްކަމެއް ވެސް ނޭގެއެވެ.އޭނާ އަވަސް އަވަހަށް އައިސް ކިރުތަށި ގިރާލުމަށް ފަހު ގެންގޮސް ނަވީލް ގާތުބެހެއްޓިއެވެ.
ހައިވެފައި ހުރިލެއް ބޮޑުކަމުން ޒީޝާން ހަމަ ބެހެއްޓުމާއެކު ނަވީލް ކިރުތަށީގައި އަނގަޖަހައިފިއެވެ.ފުރަތަމަ ކޯވަރު ބޯލުމާއެކު އޭނާ ރުޅިވެރިކަމާއި އެކު ޒީޝާނަށް ބަލާލިއެވެ.
''ކިހިނެއްވީ؟''ޒީޝާން ނަވީލް ބަލާލިގޮތުން ބިރުން އިނދެ އަހާލިއެވެ.''ކިހިނެއް ނުވަނީ. ކަމަކު ބުނީމަ މިހާރު ތިޖެއްސުން ކުރަނީ ވިއްޔާ. ޒީޝާން އަހަންނަށް ކީއްކުރާނަމޭ ހިތާތަ ތިއުޅެނީ. ''ނަވީލް ހަޅޭލަވައިގަތެވެ. ''ނަވީލް. އަޅެ ވީގޮތެއް ބުނެދީފާނަށްތަ؟''ޒީޝާންގެ ލޮލުން ކަރުނު ހިލޭގޮތްވިއެވެ. ''އަހަރެން ބުނިތަ ކަލޭ ގާތު ހަކުރު އަޅާށޭ. ''ނަވީލް ބުއްޏެވެ. ''އެކަމަކު............ އަހަރެން.......... ތިޔަކަށް ހަކުރެއް ނާޅަން.ހަމަ ތެދަށް މިބުނީ.''ޒީޝާންގެ އަޑުވަނީ ކުރެހިފައެވެ.
''ދެން ތިބުނަނީ އަހަރެން މިހަދަނީ ދޮގޭތަ. ތިގޮތަށް އަހަންނަށް ޖެއްސުން ނުކުރިޔަސް ހެވޭ. މަށަކަށް ނުވާނެޔޭ ބުނިނަމަ މާރީތިވީހެއްނު. ''ނަވީލްގެ ދުލުން ބޭރުވަމުން ދާކޮންމެ ޖުމުލައަކުން ބަދިގެތެރޭގައި ކައްކަން ހުރި ބޮޑުދައިތަގެ މޫނުމައްޗަށް ދިޔައީ ހިނިތުންވުން ވެރިވަމުންނެވެ. ''ނަވީލް.ހަމަ ރަނގަޅަށް މިބުނީ. އަހަރެން ހަކުރެއް ނާޅަމޭ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''އެހެންވީއިރު ކަލޭ ބޯންވީނު.'' ނަވީލް އައިރުޅީގައި ސައިޖޯޑު ހޫރުވާލިއެވެ.އެވަގުތު އެއިން ސަލާމަތްވާން މަސައްކަތް ކުރިނަމަވެސް ޖޯޑުއައިސް ޖެހުނީ ޒީޝާންގެ ގައިގައެވެ. ހޫނު ސައިޖޯޑު ގަޔަށް ބަންޑުންވުމުން ޒީޝާނަށް ތެޅިގަނެވުނެވެ.ޖޯޑުހޫރާލުމަށް ފަހު އެންމެ ހިނދުކޮޅެއްވެސް ކާގޭގައި މަޑުކޮށްލުމެއް ނެތި ނަވީލް ނިކުމެގެން ހިނގައްޖެއެވެ.
ކާގެއިން އެއްޗެއް ވެއްޓުނު އަޑަށް ބޭރުން އައިސް ގެއަށްވަން ޝާހިދާއަށް ވެސް އެދިމާއަށް ހިނގައިގަނެވުނެވެ. އެވަގުތު ވައިރޯޅިއެއްހާ ހަލުވިކަމާއި އެކު ކާގެއިން ނިކުމެގެން ދިޔަ ނަވީލް ޝާހިދާގެ ލޮލުގައި އަޅައިގަތެވެ. ވުމާއެކު ކޮންމެވެސް ގޯހެއް ހިގައިފިކަން ޝާހިދާއަށް ވިސްނާލާކަށް އުނދަގުލެއް ނުވިއެވެ. އޭނާ އަވަސް އަވަހަށް ގޮސް ކާގެއަށް ވަނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި ތަޅައިގެން ގޮސްފައި އޮތް ޖޯޑެވެ.ޒީޝާން އިނީ ތަޅައިގެން ގޮސްފައިވާ ޖޯޑުގެ އެތިކޮޅުތައް އެއްކުރާށެވެ. ތަންކޮޅެއް ދުރުގައި ބޮޑުދައިތަ ހެވިފައި ހުއްޓެވެ. ޝާހިދާ ފެނުމުން އޭނާ އަވަސް އަވަހަށް ބަދިގެ ތެރެއަށް ވަނެވެ.
''ޒީ.ކިހިނެއްވީ؟ ''ޝާހިދާ ކާގެތެރެއަށް ވަންނަމުން އަހާލިއެވެ.'' ކަމެއް ނުވޭ.'' ޒީޝާން މަޑުމަޑުން ބުނެލިއެވެ.''ކަމެއްވާ ނުވެއެއްނު.ޖޯޑުވެސް ތިއޮތީ ތަޅާލާފަވިއްޔާ.''ޝާހިދާ ބުނެލިއެވެ. ''އެއީ....... އެއީ........'' ''ނަވީލް އައިރުޅީގަ ޖޯޑު އެއްލާލީދޯ. ''ޝާހިދާ ޒީޝާންގެ ވާހަކަ މެދުކަނޑާލަމުން ބުއްޏެވެ. ޒީޝާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.އޭނާއަށް ޝާހިދާގެ ވާހަކަތަކުން ވަރަށް އަސަރުކުރިއެވެ. ހޫނުސައިޖޯޑު ގަޔަށް އެޅުމުން ގައިންވެސް ދިޔައީ ދިލަނަގަމުންނެވެ.އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް އެތަނުންދާށެވެ. އެހެން ނޫނީ ޝާހިދާގެ ސުވާލުތަކަށް ޖަވާބުދޭން އޭނާއަށް މަޖުބޫރުވާނެއެވެ.
'' ބޮޑުދައިތާ. ނަވީލް ރުޅިއައީ ކީއްވެގެންތަ؟ ''ޝާހިދާގޮސް ބޮޑުދައިތަ ގާތަށް ހުއްޓެމުން އަހާލިއެވެ. ''މަށަށްތަ އިނގެނީ. ކަން ކުރިމީހާއަކަށްނު އިނގޭނީ.'' ބޮޑުދައިތަ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ''ބޮޑުދައިތައަށް ހަމަ ނޭނގޭތީތަ ތިހެން ތިބުނީ.'' ޝާހިދާ އަނެއްކާވެސް އަހާލިއެވެ.
''ދެން ޝާހިދާކޮއްކޮ ތިބުނަނީ މިގޭތެރޭގައި ހިނގާ ހުރިހާކަމެއްވެސް ހިނގަނީ އަހަންނަށް އެނގިގެންނޭތަ؟'' ބޮޑުދައިތަ ކުޑަކޮށް ނުރުހުންވާގޮތްވިއެވެ. ''ބޮޑުދައިތާ. އަހަރެން ބުނެފިތަ ތިހެން. އަހަރެން މިއަހާލީ ހަމަދެންމެ އަކު މިތާގައި ހިނގި ކަމެއްގެ ވާހަކަ. އަހަރެން ހީކުރީ ބޮޑުދައިތައަށް އިނގޭނެކަމަށް. ''ޝާހިދާ އިތުރަށް އެންމެމިނެޓެއް ވެސް އެތާ މަޑުކުރުމެއް ނެތި ހިނގައިގަތެވެ.
ބޮޑުދައިތައަށް ލިބުނު އުފަލުގެ ދަންނަވަންވެސް ދައްޗެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ޒީޝާން އެއާއިލާއިން މުޅިން އެއްފަރާތް ކޮށްލާށެވެ. އެޔަތީމު އަންހެންކުއްޖާގެ ހިޔަނިވެސް އެއާއިލާއަށް އެޅުމަކީ އޭނާއަށް ކިހިނެއް ރުހެވޭނެކަމެއް ހެއްޔެވެ؟ އޭނާއަށް ވެގެން ވަންޏާ ޒީޝާންގެ މުޅި ޢުމުރު އެއާއިލާ އާއި އެކު ހޭދަކުރިޔަކަ ނުދޭނެއެވެ.
ޒީޝާން އިނީ ކޮޓަރިތެރޭގައެވެ. ހެނދުނު ދިމާވި ކަންތައްތަކުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ނަވީލް އެވަރަށް އެއްޗެހިކީއިރުވެސް ބޮޑުދައިތަ ހެވިފައި ބަލަން ހުރީތީ އޭނާއަށްވަނީ ހައިރާންކަމެއް ލިބިފައެވެ. ބޮޑުދައިތަގެ ހިތުގައި އޭނާއާއިި މެދު ނަފުރަތު އުފެދޭ ފަދަ ކަމެއް ގައިމުވެސް އަދި މިވީ ތަނަކަށް އޭނާއެއް ނުކުރެއެވެ.ނަމަވެސް....................................................
ކުއްލިއަކަށް ޒީޝާން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާއަޑަށްށެވެ. އޭނާ އަވަސް އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ.
''އޭ. ކޮބާ ކޭކު؟'' އެކޮޅުން އިވުނީ ރިޢުމާންގެ އަޑެވެ. ''ކޮން ކޭކެއްގެ ވާހަކައެއްތަ ތިދައްކަނީ.'' ޒީޝާން ހައިރާންވެފައި ބުނެލިއެވެ. '' މިއަދުމީ ކަމަނާގެ އުފަން ދުވަހެއް ނޫންތަ؟'' ''އޯހ. ތީދޯވީ ގޮތަކީ. ނޫރާ ބުނީދޯ.''ޒީޝާންގެ މިލާފައިވާ މޫނު މައްޗަށް ފަޑުހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
''ބަލަ ނޫރާ ނުބުއްޏަކަސް މަށަށް އެނގެއޭ މިއަދަކީ ޒީގެ އުފަން ދުވަސް ކަން. ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން އިނގޭ. މިވަގުތަކު ނެތޭ ވާހަކަދައްކަން މާގިނަ އިރަކު އިނދެވޭކަށެއް ވެސް. މިއުޅެނީ ދެތިން ބެލެނިވެރިއެއް ގެނެސްގެން. އަދި ވަގުތެއް ހޯދާލައިގެން ގުޅާނަށް އިނގޭ. '' ރިޢުމާން އަވަސް އަވަހަށް ބުނެލިއެވެ. ''އޯކޭ. މާންމެން ކަހަލަ ޕުރިންސިޕަލުންނަށް އަބަދުވެސް އުޅެންޖެހޭނީ ތިހެން.'' ޒީޝާން ހިނިތުންވެލަމުން ބުއްޏެވެ.
ރިޢުމާންގެ އެފޯނުކޯލްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ޒީޝާންގެ ނުތަނަވަސް ހިތަށް ލިބުނެވެ. އޭނާ މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. ބޭނުންވަނީ ފެންވަރާ ތާޒާވެލުމަށްށެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް