ޒީޝާން ގަޑިބަލާލިއެވެ. އަސްތާއެވެ! މިހާރު އެހެރަ ބާރަޖަހަނީއެވެ. އަދި މާދަމާ އަށެއް ޖަހާއިރު ކެމްޕަހަށް ވެސް ދާން އެބަޖެހެއެވެ. އޭނާ އަތުގައި އޮތް މަޖައްލާ އެއްފަރާތެއްގައި ބާއްވާލުމަށް ފަހު ގޮޑިން ތެދުވިއެވެ. އޭނާ ޓީވީ ނިއްވާލުމަށް ފަހު އެތާގައި އޮތް މަޖައްލާއެއް ކިޔަން އިންތާ މިހާރު ކިތަށްމެ އިރެއް ވެއްޖެއެވެ. އޭގައި އޮތް ކުރުވާހަކަ ކިޔާލުމުން އޭނާއަށް ވަރަށް އަސަރުކޮށްފައި ވެއެވެ. އެވާހަކައިގާ އަންހެންކުއްޖަކު އޭނާގެ ލޯބިވެރިޔާއަށްޓަކައި ކޮށްފައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ލޯބި ހާސިލް ކުރުމަށްޓައި އޭނާ ނުއުފުލަނީ ކޮން ބުރައެއްހެއްޔެވެ؟ ލޯތްބަށްޓަކައި އަމިއްލަ ފުރާނައިންވެސް އަތްދޮވެލަން އެއަންހެންކުއްޖާ ހުރީ ތައްޔާރަށްށެވެ. ވާހަކަ ލިޔެފައިވަނީ ވިންދުޖަހާ ހިތަކަށް އަސަރު ކުރާނޭ ފަދަ ގޮތަކަށްށެވެ.
އޭނާމަޑުމަޑުން ގޮޑިން ތެދުވެގެން ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ސިޓިންގރޫމުގެ ދޮރުހުޅުވާލާފައި އައިސްވަނީ ޝާހިލެވެ. ޝާހިލް ފެނުމުން ޒީޝާން ސިހޭގޮތްވި ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.
''މިގަޑީގަ......... ނުނިދާ ކީއްތިކުރަނީ.'' ޝާހިލް އައިސް ޒީޝާން ގާތަށް ހުއްޓެމުން ބުއްޏެވެ. ''ހަމަ ނުނިދާ ކުރާކަމެއް ނޭނގޭތީތަ ތި އެހީ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ހޫނ.......... ބުނީމައެއްނު އިނގޭނީ.'' ޝާހިލް ވައިއަޑުން އަހާލިއެވެ. ''ޝާހިލްގެ އިންތިޒާރުގަ އިންނަށް މަގޭ ހިތް މަޖުބޫރުކުރާތީ އެއްނު.'' ޒީޝާން ފަޑުއަލީގެ ތެރެއިން ޝާހިލްގެ މޫނަށް ބަލާލަމުން ބުއްޏެވެ.
''އެހެންތަ. ހަމަ އެހާލޯބިވޭތަ އަހަރެން ދެކެ.'' ޝާހިލްގެ ހިތް އުފަލުން ނަށައިގަތެވެ. ''މިހިތަކަށް ޤަބޫލެއް ނުކުރެވޭދޯ.'' ޒީޝާން ޝާހިލްގެ ހިތާދިމާ މޭގައި އިނގިލި ޖައްސާލަމުން ބުއްޏެވެ.
''ނޫނޭ. މިހިތް ޤަބޫލުކުރެއޭ ޒީ ވަރަށް ލޯބިވާކަން. ހަމަ އެގޮތަށް މިހިތްވެސް ޒީދެކެ ވަރަށް ލޯބިވޭ.'' ޝާހިލް ޒީޝާނު ގެނެސް މެޔާލާ ބޮނޑިކޮށްލަމުން ބުއްޏެވެ. ''ދުވަހަކުވެސް ޝާހިލް އަހަރެން މަތިން އަޅެ ހަދާންނައްތާލާނަށްތަ؟'' ޒީޝާން ޝާހިލްގެ މޭގައި ބޯއަޅާލައިގެން އޮވެ ވާހަކަދައްކަމުން ދިޔައެވެ.
'' މޮޔަޔާ. އެއްވެސް މީހަކަށް އެމީހެއްގެ ހިތާދެކޮޅަށް ކިހިނެއް ކަމެއް ކުރެވޭނީ. އަހަރެންގެ ހިތްއެދެނީ ތާއަބަދު ޒީއަހަރެންގެ އަތުތެރޭގައި ވުމަށް. ޒީއަށްޓަކައި އަހަރެން ކޮންމެ ކަމަކާއިވެސް ކެރިގެން ކުރިމަތިލާނަށް.''
''އެހާ ހިތްވަރު އެބަހުރިތަ؟'' ޒީޝާނަށް އަހާލެވުނެވެ. ''ޒީ. ތީދެން މީހުން އަހާ ކަހަލަ ވާހަކަތަ؟ ލޯތްބަކީ ހާދަހާ ބާރުގަދަ އެއްޗެކޭ. އެއީ ދެހިތެއްގައި އުފެދޭ އާދަޔާ ޚިލާފު ޖަޒުބާތަކަށް ކިޔާނަމެއް. ލޯބި ޚާޞިލް ކުރުމަށްޓަކައި ބައެއް ފަހަރު މީހުން ވަރަށް ވަރުގަދަ ޤުރުބާނީތަކެއްވޭ.''
''އެކަމަކު އެފަދަ މީހަކަށް ޝާހިލް ނުވައްޗޭ.'' ޒީޝާނު ޝާހިލްގެ ވާހަކަތައް މެދު ކަނޑާލަމުން އަވަސް އަވަހަށް ބުއްޏެވެ. ''އެއީ ކީއްވެތަ ޒީ.'' ޝާހިލް ޒީޝާނުގެ މޫނަށް ބަލާލަމުން ބުއްޏެވެ.
''އަހަންނަށްޓަކައި އެފަދަ ޤުރުބާނީއެއް ވާން އަހަރެން ދެންމީ ކާކު؟'' ޒީޝާން ބުނެލިއެވެ. ''ތީ މިޝާހިލްގެ ނިކަމެތި ހިތަށް ލޯބިވާން ފެނުނު ފުރަތަމަ އަންހެންކުއްޖާއަށް ވެފަ އެހިތަށް ތިލޯބި ނޫނީ ބޭނުން ނުވާތީ. ވުމާއެކު ޒީއަށްޓަކައި އަހަރެން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ފަހެއް ނުޖެހޭނަށް.'' ޝާހިލް ވާހަކަ ދައްކަމުން ދިޔައީ ދެއަތުން ޒީޝާންގެ މޫނުގައި ހިފަހައްޓާލައިގެން ހުރެއެވެ.
ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ސިޓިންރޫމުގެ ބޮކީގެ އަލި ގަދަވުމާއި ގުޅިގެންނެވެ. ދެމީހުންނަށް ވެސް ސިހިސައި ބަލާލެވުނެވެ. އޭރު އެމީހުންނާއި ދާދި ގާތުގައި ބޮޑުދައިތަ ހުއްޓެވެ. މޫނުމަތިން ފެންނަނީ ރުޅިވެރި ކަމުގެ އަސަރެވެ.
''ޝާހިލް. ކޮންކަމެއް ފަށައިގެން މިހާރު ތިއުޅެނީ.'' ބޮޑުދައިތަގެ އަޑުގައި އެކުލެވިގެންވަނީ ރުޅިވެރިކަމެވެ. ''ބޮޑުދައިތާ! އަހަރެން އެބައުޅެންތަ ކަމެއް ފަށައިގެން. ހީވަނީ އަހަރެން ޒީ އާއި ވާހަކަދެއްކުމަކީ ބޮޑުދައިތަ ވަރަށް ނުރުހޭކަމެއް ހެން.'' ޝާހިލް ހުރީ ޒީޝާންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ''ކިހިނެއް ޝާހިލަށް ބޮޑުދައިތަ ނުރުހޭކަމެއް އެނގުނީ.'' ބޮޑުދައިތަ ބުނެލިއެވެ. ''ބޮޑުދައިތަ ތިވާހަކަދައްކާ ގޮތުން.'' ޝާހިލް ބޮޑުދައިތަ އާއި ދިމާއަށް ބަލާލަމުން ބުއްޏެވެ.
''އަހަރެން ނުރުހެނީކީ ނޫނޭ. އަހަރެން ނޭދެން ނަވީލަށް ޖެހުނު ހާލު ޝާހިލަށް ޖެހޭކަށް. ތިގުޅުން އިތުރަށް ކުރިއަށް ނުގެންދިޔައްޔާ އަހަންނަށް ރަނގަޅީ.'' ބޮޑުދައިތަ ރުޅިވެރިކާއި އެކު ޒީޝާނަށް ބަލާލަމުން ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ.
''ޝާހިލް ބޮޑުދައިތަ އާއި ތިވާހަކަ ދެއްކީކީ ރަނގަޅަކަށް ނޫން.'' ޒީޝާން ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''ޒީ. ބުނެބަލަ. ބޮޑުދައިތަ އަހަންނާއި ވާހަކަދެއްކީ ރަނގަޅަށްތަ؟ ބޮޑުދައިތަ ކީއްތަވާނީ އެންމެ ފަހަރަކުވެސް ރީތިކޮށް އަހާލިއްޔާ. ހަމަ އަންނަގޮތަށް އައިސް ޖެހެނީ ހަޅޭލަވައިގަންނަށްތަ؟'' ޝާހިލް ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''އެކަމަކު ޝާހިލް ކަހަލަ ދަންދޮރު ދަންނަ މީހަކު ތިގޮތަށް ކަންތައް ކުރީމަ ކަންތައްތައް މާކަރަނގަޅެއް ނުވާނެ. މިހާރަކަށް އައިސް ބޮޑުދައިތަ ހުންނަނީ ފާޑަކަށް އަހަރެން ދެކެވެސް ރުޅި އައިސްފައޭ. ނޭނގެ ކީއްވެގެން ކަމެއް. ވާހަކަދައްކާނީވެސް ވަރަށް ރުންކުރު ފާޑަކަށް. އަހަންނަށް ހީވަނީ އަހަރެންނާއި ޝާހިލްގެ ގުޅުމަކީ ބޮޑުދައިތަ އެހާ ރުހޭކަމެއް ނޫންހެން. ވަރަށް ދެރަވޭ ބޮޑުދައިތަ އެގޮތަށް ކަންތައް ކުރާތީ.'' ޒީޝާން ދެރަވެލާފައި ބުއްޏެވެ.
''ބޮޑުދައިތައަށްތަ އިނގެނީ އަހަރެން ރައްޓެހިން ވާންވީ މީހުންނާއި އަހަރެން ވާހަކަދައްކަން ޖެހޭ މީހުންނާ. ބޮޑުދައިތަގެ ކަންތައްތަކާއި ޒީ މާބޮޑަށް ނުވިސްނާތި އަނެއްކާ. ބޮޑުދައިތަގެ ކަންތަކާއި ވިސްނަށް ހަދައިގެން ޒީގެ ކިޔެވުމަށް ބުރޫއެރުމަކީ އަހަރެން އެދޭ ގޮތެއް ނޫން. ދެންހިނގާ އަވަހަށް ނިދަންދަމާ. އަދި ޒީ ޖެހެއެއްނު މާދަމާ ހެނދުނު ކެމްޕަހަށް ވެސް ދާން.'' ޝާހިލް ހިނގައިގަންނަމުން ބުނެލިއެވެ. ''ޝާހިލަށް ކިހިނެއް އެނގުނީ މާދަމާ އަހަރެން ކެމްޕަހަށް ދާން ޖެހޭކަމެއް.'' ޒީޝާން ހައިރާންވެފައި އަހާލިއެވެ.
''ލޯބިވަންޏާ ހަމަ އެގިދާނެއެއްނު.'' ޝާހިލް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓެމުން ހިނިތުންވެލާފައި ބުއްޏެވެ. ''އޯކޭއޭ ދެން.'' ޒީޝާންވެސް ޖަވާބުގައި ލޯބިގޮތަކަށް ހިނިތުންވެލަމުން ގޮސްވަނީ ކޮޓަރިއަށެވެ.
ނަސީމު އިނީ ސައިބޯށެވެ.ގާތުގައި އަތްގާތް ކޮށްދޭން ހުރީ ބޮޑުދައިތައެވެ. ބޮޑުދައިތަގެ މޫނުމަތިން ފެންނަނީ ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިކަމުގެ ޢަލާމާތްތަކެވެ.ނަސީމަށް އެކަން ފާހަގަ ކުރެވުނެވެ.
''ބޮޑުދައިތަ ހީވަނީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިހެން. އަނެއްކާ ކިހިނެއްވީތަ؟'' ނަސީމު ބޮޑުދައިތަގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''މިހާރު މިގޭތެރޭގައި ހިނގާ ކަންތައްތައް ކޮއްކޮއަކަށް ނޭނގޭނެ.އިނގޭނަމަ ގައިމުވެސް ތިހެން ނުބުނާނެ ކަން ނޭނގެ. ''ބޮޑުދައިތަ ބުނެލިއެވެ. ''މިގޭތެރޭގައި އަނެއްކާ ކޮންކަމެއް ހިނގަނީތަ؟'' ނަސީމު ހައިރާންވެފައި އަހާލިއެވެ.
''އިނގޭތަ ޝާހިލް މިހާރު އުޅޭގޮތެއް.''
''އެސޮރު އަނެއްކާ ކޮން ގޮތަކަށް އުޅެނީތަ؟'' ނަސީމު އަވަސް އަވަހަށް އަހާލިއެވެ. ''ޝާހިލް އުޅެނީ ..................................އެވަގުތު ކާގޭ ދޮރުމައްޗަށް އައިސް ހުއްޓުނީ ޒީޝާންނެވެ.
ޒީޝާން ފެނުމުން ބޮޑުދައިތަ ދައްކަމުން ދިޔަ ވާހަކައަށް ހުއްޓުން އަރާގޮތް ވުމުން ނަސީމު ހައިރާންވާގޮތްވިއެވެ. އަނެއްކާ ބޮޑުދައިތަ ދައްކަން އެއުޅެނީ ކޮން ކަހަލަ ވާހަކައެއްބާއޭ ނަސީމުގެ ހިތަށް އެރިއެވެ. ޒީޝާނަށް ވެސްވީ ހަމައެވަރެވެ. ބޮޑުދައިތަ ދައްކަމުން ދިޔަ ވާހަކައަށް ހުއްޓުން އަރާގޮތްވުމުން އޭނާއަށް ހީވީ ބޮޑުދައިތަ ދައްކަން އެއުޅެނީ އޭނާ އާއި ބެހޭ ވާހަކައެއް ކަމަށް ހީވެ ކުޑަކޮށްބިރުގަންނަ ގޮތްވިއެވެ.
ޒީޝާން ކާގެއަށް އައީ ޔޫހާއަށް ކިރުތައްޓެއް ހަދާށެވެ. އޭނާ އަވަސް އަވަހަށް ކިރުތަށި ހަދާލައިގެން ކާގެއިން ނިކުތުމަށް ހިނގައިގަތެވެ. ''އެކޮއި. ހާދަ އަވަސް އަރުވާލާފަ ތިއުޅެނީ. ތާކަށް ދާންތަ ތިއުޅެނީ.'' ނަސީމު ޒީޝާންގެ ޢަމަލުތައް ހުރިގޮތުން އަހާލިއެވެ.
''ނޫނޭ. ތާކަށް ދާކަށް ނޫން. ލަސްވެއްޖެއްޔާ ޔުހާއްކޮ ނުބޮއިވެސް ފާނެ. އެއީ ފާޑެއްގެ ކުއްޖެއް.'' ޒީޝާން ހިނިތުންވެލަމުން ބުއްޏެވެ. ''އާނ. ތިބުނީ ތެދެއް. އަވަހަށްދޭ.'' ނަސީމު ހިނިތުންވެލަމުން ބުއްޏެވެ. ޒީޝާންވެސް ހިނިތުންވެލާފައި ހިނގައިގަތެވެ. ބޮޑުދައިތަ އިނީ ހަމަ އޭނާގެ ގޮތުގައެވެ. ޒީޝާނާއި ދިމާއަށް ރުހުމުގެ ލޮލަކުން ބަލައެއްވެސް ނުލިއެވެ.
''ބޮޑުދައިތާ. ޒީޝާން އަހަރެމެންގެ އާއިލާ އެދެކެނީ އަމިއްލަ އާއިލާ ފަދައިން. އެއީ ކިހާ ރަނގަޅުކުއްޖެއް. އޭނާ ކިޔަވާ ނިމިގެން އަހަރެމެންގެ އާއިލާ އާއި ވަކިވެދާ ދުވަހަކީ ގައިމުވެސް މިއާއިލާގެ ބައެއްގެ ލޮލުން ކަރުނު އޮހިގެންދާނެ ދުވަހެއްކަން ޔަޤީން.
''ހޫނ...... ނަސީމުކޮއްކޮ ތިބުނީ ރަނގަޅު ވާހަކައެއް. ކޮންމެވެސް މީހަކު ހުންނާނެ ވަރަށް ދެރަވާނެ.'' ބޮޑުދައިތަ މަލާމާތުގެ ވައްތަރަކަށް ހިނިތުންވެލަމުން ބުއްޏެވެ. ނަސީމު އެކަން ފާހަގައެއް ނުކުރެވުނެވެ.
''އިނގޭތަ ޝާހިލް ކުއްޖަކާއި ރައްޓެހިވީކަން.'' ބޮޑުދައިތަ ޖަގުން ފެންއަޅަމުން މާނޫން ކަމަށް ހަދާލާފައި ބުއްޏެވެ.' 'އޭނ. ކީކޭ؟ ޝާހިލް ކުއްޖަކާއި ރައްޓެހިވީއޭ. އަނެއްކާ އެއީ ކޮންކުއްޖެއް؟'' ނަސީމު އަހާލިއެވެ. ''ދުވަސް ކޮޅަކުން ނަސީމުކޮއްކޮއަށް ވެސް އެއީ ކާކުކަން އެގިދާނެހެން ހީވަނީ. އެދުވަހަކުން ފަހަރެއްގަ....................'' ބޮޑުދައިތަގެ ޖުމުލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ކާގެއަށް އައިސްވަނީ ލީޒާއެވެ.
''އަހަ އެކޮއި ލީޒާ. ނަސީމުބޭ އަޑުއެހިން މަންމަވެސް މިކޮޅަށް އައިވާހަކަ. އައީތަ މިހާރު.'' ނަސީމު އަހާލިއެވެ. ''މަންމަ އައިތާ މިހާރު ކޮންދުވަހެއް. އެކަމަކު ބައްޕަ ދުރުވާނެ މިއަންނަ ހަފުތާގަ.'' ލީޒާ މޭޒުމަތީގައި ހުރި ތަށިން މަސްރޮއްޓެއް ނަގަމުން ބުއްޏެވެ. ''އެހެންތަ. މަންމަގެ ހާލު ރަނގަޅުތަ. ކޮންގެއަކު މަންމަމެން ތިބެނީ.'' ނަސީމު ތެދުވަމުން އަހާލިއެވެ. ''ވާސިފުބޭމެން ގޭގަ.'' ލީޒާ ވާހަކަ ދެއްކީ ކަމުންނެވެ. ''އެހެންތަ. މަންމައަށް ސަލާމް ބުނަށްޗޭ. އަދި މިހެން އުޅެލާފަ ކޮންމެވެސް ދުވަހަކުން މަންމަ ގާތަށް ގޮސްލާނަށް.'' ނަސީމު ހިނގައިގަތީ ކާގެއިން ނިކުތުމަށްށެވެ.
''ރަޒިއްތާ. ކޮބާ ޝާހިލް؟'' ލީޒާ އަހާލިއެވެ. ''މިއަދު ގެއަށް އައިސް ވަނުމާއެކު ޝާހިލް ހޯދަނީ އަނެއްކާ ކީއްކުރަންތަ؟'' ރަޒީނާ ލީޒާއަށް ބަލާލަމުން ބުއްޏެވެ. ''ޝާހިލް ގޭގަ އުޅެންޏާ މަރަދުއަށް ދާން ކަމަށް.'' ލީޒާ ބުނެލިއެވެ.
''ލީޒާކޮއްކޮ ހީވޭތަ އޭނާ ލީޒާކޮއްކޮ އާއި އެކު ގޮސްފާނެހެން.'' ރަޒީނާ އުއްމީދެއް ނެތްގޮތަކަށް ބުނެލިއެވެ. ''ކީއްވެ އަހަންނާއި އެކު ނުދާންވީ. ގައިމުވެސް އޭނާ ޒީޝާން ގޮވައިގެން ވަރަށް ތަންތަނަށްދޭ. އެކުއްޖާގަނޑަށް ވުރެ އެއްތަންކޮޅުވެސް އަހަރެން ހުތުރެއް ނުވާނެ. ވަންޏާ ވާނީ ރީތިކަން ނޭނގެ.'' ލީޒާ ވާހަކައިން އޭނާ ރީތިކަމާއި މެދު ފަޚުރުވެރިވާކަން ހާމަކޮށްދެއެވެ.
''ކާކުތަ ބުނީ ލީޒާކޮއްކޮ ހަޑިއޭ. ތީ ހަމަ ވަރަށް ރީތިކުއްޖެއް. އެކަމަކު ޒީޝާނަކީ.......................''
''ޒީޝާނަކީ އެއީ ވަކި ކާކުތަ؟'' ލީޒާ ރަޒީނާ ވާހަކަ މެދުކަޑާލަމުން ބުނެލިއެވެ. ''ވެދާނެއެއްނު ޒީޝާނު އެއީ ޝާހިލްގެ މާގާތް ކުއްޖަކަށް ވެސް.''
''އެހެންތަ. ހަމަ ހިލާ ތިޔަހެން ވިޔަކަ ނުދޭނަށް. އަހަރެން ހުއްޓާ އެހެން އަންހެންކުއްޖަކަށް ޝާހިލާއި ގާތް ވެވުނަކަ ނުދޭނަށް.'' ލީޒާ ދަތްކުނޑި ވިކާލަމުން ބުއްޏެވެ. ''ތީ އަޒުމެއްތަ؟'' ރަޒީނާއަށް ލީޒާގެ ވާހަކަތައް އަޑުއިވުމުން ފާޑެއްގެ އުފަލެއް ލިބުނު ކަހަލައެވެ. ''ހޫނ...................'' ލީޒާ ބޯޖަހާލިއެވެ.
ރަޒީނާ އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. އޭނާ އާއި އެކު ޒީޝާނާއި ދެކޮޅަށް ތެދުވަން ބޭނުންވަނީވެސް އެފަދަ އަޒުމު ވަރުގަދަ ކެރޭ އަންހެންކުއްޖެކެވެ. އޭނާއަށް ޒީޝާނާއި ޝާހިލް ދުރުކުރުމުގައި އެހީއެއް ލިބޭނެ ހަމައެކަނި މީހަކީ ލީޒާކަން ކަށަވަރުވެ ޔަޤީންވިއެވެ. ހަމަ ހިލާ އޭނާ ދުނިޔޭގައި ހުއްޓާ އެއާއިލާގެ އެއްވެސް ފިރިހެން ކުއްޖަކު ރަށުން ބޭރު މީހަކާއި ގުޅުމަކީ އޭނައަށް ރުހެވޭނޭ ކަމެއް ނޫނެވެ. ނަސީމުގެ މުދާވެރިކަމުގެ ތެރެއަށް ރަށުން ބޭރު މީހަކު އަތްގަދަ ކުރުމަކީ އޭނާއަށް ކިހިނެއް ރުހެވޭނޭ ކަމެއް ހެއްޔެވެ؟ އެއީ ވާނޭކަމެއް ނޫނެވެ.
************* ނުނިމޭ ************
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް