''މާފަތިހަކާއި ހޭލައިގެން ކަލޭމެން ތިގަންނަނީ ކޮން ސަކަރާތެއް ހެއްޔެވެ؟'' ސިޓިންރޫމުގައި މާއަޑުގަދަވެގެން ކޮޓަރީގައި ޤުރުއާން ކިޔަވަން ނީދެވިގެން އައިސް ސިޓިންރޫމަށް ބޯދިއްކޮށްލަމުން ބޮޑުދައިތަ ގޮވާލިއެވެ. ''މިއީ ފަތިސްނަމާދު ވަޤުތު. ނަމާދު ނުކޮށް ތިގަންނަނީ ކޮންސަކަރާތެއްތަ؟'' ސިޓިންރޫމުގައި ދިއްލާފައިވާ ބޮކީގެ ފަޑުއަލިކަމުގެ ތެރެއިން އެމީހުންނާއި ދިމާއަށް ބަލާލާފައި ހައިރާންކަމާއެކު ބޮޑުދައިތަ ބުއްޏެވެ. ''މިހާރު އެހެރަ ފަސްގަޑިބައިވަނީ. އަދިވެސް ތިތިބީ ފަތިސްނަމާދު ވެސް ނުކޮށްދޯ.'' ބޮޑުދައިތަ އަހާލިއެވެ.
''ނޫނޭ މަންމާ. އަހަރެމެން މިއައީ ނަމާދުކޮށްގެންނޭ.'' ނޫރާ އަވަސް އަވަހަށް ބުއްޏެވެ. ''ނަމާދުކޮށްގެން އައިސް ސަކަރާތް ޖެހުންތަ ދެން އޮންނަނީ.'' ބޮޑުދައިތަ ކޮޓަރީގެ ދޮރު ލައްޕާލަމުން ބުއްޏެވެ. ''ދެންވެސް ސަކަރާތް ޖެހުން ހުއްޓާލަބަލަ. ބޮޑުދައިތަ އެދިޔައީ ވަރަށް ރުޅިއައިސްގެން ކަންނޭނގެ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ.
''މަންމަ އަބަދުވެސް އުޅޭނީ ހެން. އަޅާނުލާ ދޯ ޔުހާއްކޮ. ''ނޫރާ ޔޫހާގެ ކޮލުގައި ހިފާލަމުން ބުއްޏެވެ. ''އައްދޯތް ތުއްތަގަނޑާ. ތަދުވެއްޖޭ.'' ޔޫހާ ކޮލުގައި ފިރުމާލަމުން ބުއްޏެވެ. ''އާއެކޭ. ނޫރާއެއް ކަމަކު މިކުއްޖާއަށް ތަދުކުރާކަށް ނުވާނެއެއްނު ދޯ.'' ޒީޝާން ޔޫހާގެ ގައިގާ ބައްދާލަމުން ބުއްޏެވެ.
''ސޮރީ. ދޮންކަނބުލޯ.'' ނޫރާ ދެއަތްޖޯޑުކޮށްލަމުން ބުއްޏެވެ. އެމަންޒަރު ފެނުމުން ޔޫހާއާއި ޒީޝާން ގާތަށް ވަރަށް ހިނިއައެވެ. ''ކޮން ސަކަރާތެއް މިޖަހަނީ.'' ޝާހިދާ އައިސް ހުއްޓެމުން ބުއްޏެވެ. ''އެއީ ޔުހާއްކޮގެ ކިބައިން މަޢާފަށް އެދުނީ.'' ނޫރާ ޝާހިދާއަށް ބަލާލަމުން ބުއްޏެވެ.
''އަނެއްކާ މަގޭދަރިފުޅަށް ކީއްކުރީތަ މިކުއްޖާގަނޑު.'' ޝާހިދާ ޔޫހާއާއި ދިމާއަށް ބަލާލަމުން ނޫރާއާއި ދިމާއަށް ބުއްޏެވެ. ''މަންމާ. ތުއްތަ އަޅުގަނޑަށް ތަދުކޮށްލީ.'' ޔޫހާ މަންމަ ގާތަށް ގޮސް ހުއްޓެމުން ޝަކުވާ ކޮށްލިއެވެ. ''ކީއްވެތަ މަގޭ ދަރިފުޅަށް ތަދުކޮށްލީ.'' ޝާހިދާ ނޫރާގެ ކަންފަތުފޫޅުގަނޑުގައި ހިފަމުން ބުއްޏެވެ.
''އައްދޯތް ތިއްތާ. ތަދުވެޔޭ. މިހާރު ޔުހާއްކޮގެ ކިބައިން އަހަރެން މަޢާފަށްވެސް އެދެފީމޭ.'' ނޫރާ ކަންފަތުގައި ފިރުމާލަމުން ބުއްޏެވެ. އެމަންޒަރު ފެނުމުން ޔޫހާގާތަށް ވަރަށް ހިނިއައެވެ. ޒީޝާންވެސް އިނީ ހިނިއައިސްފައެވެ. ''ބަލާބަލަ ހެވިފަ ހުރި މަންޒަރު.'' ނޫރާ ޔޫހާއި ދިމާއަށް ބަލާލަމުން މޫނު ހަދާލިއެވެ. ޔޫހާ ނޫރާއާއި ދިމާއަށް ވައްތަރު ޖައްސައިގަތެވެ.
''ނޫރާ ހިނގާ ކޮފީބޯން ދަމާ.'' ޒީޝާން ތެދުވިއެވެ. ''ޔުހާއްކޮއެއް ނުގެންދާނަށް ދޯ.'' ނޫރާ ސޯފާއިން ތެދުވަމުން ބުއްޏެވެ. ''ތުއްތުގަނޑާ ރުޅި.'' ޔޫހާ މޫނު ހަދާލަމުން ބުއްޏެވެ. ''ޔުހާއްކޮ ދާނީ މަންމައާއިއެކު ދޯ.'' ޝާހިދާ ޔޫހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ޒީޝާން އޮތީ ކޮޓަރިތެރޭގައެވެ. އަތުގައި ފޮތެއް އޮތެވެ. އޭނާ އޮތީ ފޮތުގެ ތެރެއަށް ގެއްލިފައެވެ. ކުއްލިއަކަށް އިވުނީ މީހަކު ދޮރުގައި ޓަކިޖަހާލިއަޑެވެ. ޒީޝާން ސިހިފައި ދޮރާދިމާއަށް ބަލާލިއެވެ. ކުޑައިރުކޮޅަކު އެހެން ދޮރާއި ދިމާއަށް ބަލަން އޮތުމަށް ފަހު މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޝާހިލް ފެނުމުން އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. އަތުގައި ގަމީހެއްވެސް އޮތެވެ.
''ކަމެއް ކޮށްދީފާނަށްތަ؟'' ޝާހިލް މަޑުމަޑުން ބުނެލިއެވެ. ''ކޮންކަމެއްތޯ؟'' ޒީޝާން އަހާލިއެވެ. ''މަށަށް ގަމީހެއް އިސްތިރިކޮށްލަދީފާނަށްތަ؟ ތިއްތަވެސް ނޫރާވެސް ގެއަކު ނޫޅޭ. އެހެންވެ ޒީއަށް އުނދަގޫ ކުރަންޖެހުނީ. ސޮރީ އިނގޭ.'' ޝާހިލް އަތުގައި އޮތް ގަމީސް ޒީޝާނާއި ދިމާއަށް ދިއްކޮށްލަމުން ބުއްޏެވެ. ''ދެން އެއީ އެވަރުގެ ކަމެއް ނޫނެއްނު.ތިއްތައާއި ނޫރާވީ ޔޫހާގޮވައިގެން ސްކޫލަށް ގޮސް. އިރުކޮޅެއް ވެއްޖެ މިހާރު.'' ޒީޝާން ގަމީހުގައި ހިފަމުން ބުއްޏެވެ. ''އެހެންދޯ.'' ޒީޝާން ގޮސް އިސްތިރިކުރަން ފެށުމުން ޝާހިލް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
ޒީޝާން އިސްތިރިކޮށް ނިމިގެންގޮސް ޝާހިލްގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ''ދޮރުތިހިރީ ހުޅުވާފައޭ. ވަދެބަލަ.'' ޝާހިލް އެތެރޭން ގޮވާލިއެވެ. ޒީޝާން އެކޮޓަރިތެރެއަށް ވަނުމަށް ފަސްޖެހޭގޮތްވިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ ނަވީލް ކޮޓަރިއަށް ވަދެ އުޅުނަސް ޝާހިލްގެ ކޮޓަރިއަށް މިއިން ދުވަހަކުވެސް ވަދެފައެއް ނުވެއެވެ. ނަވީލާއި ޝާހިލް އޭނާއަށް ވަރަށް ތަފާތެވެ. އޭނާއަށް ނަވީލް ބެލެނީ ގާތްރަޚްމަތްތެރިއެއްގެ ގޮތުގައި ނަމަވެސް ޝާހިލާއި މެދު އޭނާއަށް އެފަދަ ނަޒަރަކުންނެއް ނުބެލެވެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ.
ދެފިކުރެއްގެ މަތީގައި ހުރެ އަނެއްކާވެސް އޭނާ ޓަކިޖަހާލިއެވެ. ޝާހިލް ހަމަ ކުރިންވެސް ގޮވާލިގޮތަށް މިފަހަރުވެސް ގޮވާލިއެވެ. އެންމެފަހުން އިތުރުގޮތެއް ނެތިގެން އޭނާ ކޮޓަރީގެދޮރުހުޅުވާލިއެވެ. ޝާހިލް އުޅެނީ ކަބަޑުން ކޮންމެވެސް އެއްޗެށް ހޯދުމުގައި އަވަދިނެތިއެވެ.
''މާވަރެއް ދައްކާލާފަ ކޯއްޗެއްތޯ ތިހޯއްދަވަނީ.'' ޒީޝާން ގަމީސް ގެންގޮސް ކޮނޑުގައި އަޅުވާފައި ހިނގައިގަންނަމުން ބުއްޏެވެ. ''މިހޯދަނީ އިއްޔެ ހޮސްޕިޓަލުގައި އުޅޭކުއްޖެއް އަތުން ގެނައި އިނގިރޭސި ފިލްމެއް. ވަތްގަނޑުތެރޭ ބޭއްވި ހަނދާންވަނީ.މިރޭ އޮފުވީމަ ބަލާލަން ކަމަށް މިހޯދަނީ.'' ޝާހިލް ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''އަހަރެން ހަވީރު ކެމްޕަހުން އައިއިރު ނޫރާ އިން އިނގިރޭސި ފިލްމެއް ބަލަން.'' ޒީޝާން މަޑުމަޑުން ބުއްޏެވެ.
''ތިވާނީ އެއަށްކަން ޔަޤީން. އެކުއްޖާގަނޑާހެދި މިހާރު އެއްޗެށް ބޭއްވޭކަންނެތޭ.'' ޝާހިލް ވަތްގަނޑު ލަސްޕާލުމަށް ފަހު ތެދުވެ ހިންދެމިލިއެވެ. ޒީޝާނުވެސް ހިނިތުންވެލާފައި ހިނގައިގަތެވެ. ''ޒީ. ވަރަށް ބޮޑަށް ތޭންކްސް އިނގޭ.'' ޝާހިލް ޒީޝާން ހިނގައިގަތުމުން ބުނެލިއެވެ. ''ދެން އެއީ މީހަކު ޝުކުރު އަދާކުރާވަރުގެ ކަމެއް ނޫނެއްނު.'' ޒީޝާނު މަޑުމަޑުން ބުއްޏެވެ. ޝާހިލްވެސް ހިނިތުންވެލިއެވެ.
މިހާރަކަށް އައިސް ޒީޝާނަށް އެކަނިވާއިރަށް އިނދެވެނީ ކޮންމެވެސް ޚިޔާލެއްގައެވެ. އޭނާއަށް ޝާހިލްގެ އެކުވެރިކަމުން ކޮންވެސް ކަހަލަ ނޭނގޭ އަސަރުތަކެއް ކުރުވަން ފަށައިފިއެވެ. އެޢުމުރުގެ ޒުވާން އަންހެންކުއްޖެއްގެ ހިތުގައި ނުއުފެދި ނުދާނެ ފަދަ އަސަރު ތަކެކެވެ. ނަމަވެސް އެއީ އަދި ނަމެއް ދޭން ނޭނގޭ އިޚްސާސްތަކެވެ.
ޒީޝާން އިނީ ކެމްޕަހުގެ ގޯތިތެރޭގައި ހުރި މޭޒެއްގެ ދޮށުގައެވެ. ގާތުގައި އޭނާގެ އެންމެގާތް އެކުވެރިޔާކަމުގައިވާ ދިމްނާ އިން ނަމަވެސް އޭނާއަށް ދިމްނާއަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އޭނާއަށް އިނދެވުނީ އެހެން ޚިޔާލެއްގައެވެ.މިއަދު އޭނާގޮވައިގެން ކެމްޕަހަށް އައީ ޝާހިލެވެ. ޝާހިލް އޭނާއަށް ވަރަށް ރަނގަޅެވެ. ކީއްވެގެން ކަމެއް އަދި ޝާހިލްގެ ހިތުގައި އޭނާއަށް ދެވިފައިވަނީ ކޮންފަދަ މަޤާމެއް ކަމެއްވެސް ނޭނގެއެވެ. އިގޭކަމަކީ ޝާހިލް އޭނާއަށް ވަރަށް ރަނގަޅުކަމާއި އޭނާއާއި މެދު ޚާއްޞަގޮތެއް ބަހައްޓާކަމެވެ.
''ޒީ. ކޮބާތަ އެއުޅޭ ނީލް.'' ދިމްނާ ޒީޝާން ގާތުއެހި ނަމަވެސް ޒީޝާނަށް އެއަޑު އިވޭކަމަކަށްވެސް ނުވިއެވެ. ''އޭ ޒީ. ކޮން ޚިޔާލެއްގަތަ؟'' ދިމްނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ''އޫނ. ކީކޭ؟'' ޒީޝާން ސިހިފައި ބުނެލިއެވެ. ''ވަރެއް ވެފަތާ ތީނީ.ކޮން ޚިޔާލެއްގަތަ؟'' ދިމްނާ އަހާލިއެވެ. ''ޚިޔާލެއް ނުކުރަމޭ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''އެކަމެއްވާ ނޭނގެ. އަހަރެން ގޮވާތާ މިހާރު ކިހާއިރެއް.'' ދިމްނާ ޝަކުވާކޮށްލިއެވެ.
''އެހެންތަ؟'' ''އާނ. އެހެންތަ. ނާބުނެބަލަ. ކޮން ކަމަކާއި މާބޮޑަށް ތިވިސްނަނީ. އަނެއްކާ ގޭމައްސަލައެއްތަ؟'' ދިމްނާ އަހާލިއެވެ. ''ދިމްއަށް ހީވޭތަ އަހަރެން އުޅޭ ގޭގަ އަހަރެންގެ ސަބަބުން މައްސަލައެއް ޖެހޭނެހެން.'' ޒީޝާން ދިމްނާއަށް ބަލާލަމުން ބުއްޏެވެ. ދިމްނާ ނޫނެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
''އޭތް. އަންނަ ހަފުތާއިން ފެށިގެން ޓުރޭނިންނަށް ހޮސްޕިޓަލަށް ނިކުންނަށް ޖެހެޔޯ.'' އައި ނައި ދިމާއެއް ނޭނގި އެތަނަށް އައިސް ހުއްޓުނު ނީލާ ބުނެލިއެވެ. ''މިހާރުތީ ކެމްޕަހުގެ އެޑުމިނިސްޓުރޭޓިވް އޮފިސަރުތަ؟'' ދިމްނާ ދިމާކޮށްލިއެވެ. "ސާބަހޭ. މިދިމް އުޅޭނެ އަބަދުވެސް ނީލް އާއި ދިމާކުރެވޭތޯ؟ އޭނައަށްވެސް އެނގޭ އެއްޗެށް ބުނީއެއްނު ދޯ ނީލް.'' ޒީޝާން ހުރީ ނީލާކޮޅަށްށެވެ.
''އަސްލުވެސް މަހީކުރީ ނީލްއަށް ކެމްޕަހުން މަޤާމެއް ލިބުނީ ކަމަށް. ދެން ބުނެބަލަ. ކޮން ހޮސްޕިޓަލަކަށޯ ދާން މިޖެހެނީ.'' ދިމްނާ އަހާލިއެވެ. ''ތިއެއް މަށަކަށް ނޭނގެ..............................................''
''ދެން ކޯއްޗެއް އެގިގެން ތިއުޅެނީ.'' ދިމްނާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''ސާބަހޭ ދިމް. އަބަދުވެސް ނީލްއާއި ދިމާ ކުރެވޭތޯ ބަލާތި.'' ޒީޝާން ހީލަމުން ބުއްޏެވެ. ''އެއަށް ކިޔާނީ ދިމާކުރުމެއް ނޫނޭ.''
''ދެން ކޯއްޗެއް ކިޔަންވީ.ޖެއްސުން ކުރުންތަ ކިޔަންވީ.'' ޒީޝާން ނީލާއަށް ބަލާލަމުން ބުއްޏެވެ. ''އެއީ ލޯބިވާލެއް ބޮޑުކަމުން....................................''ނީލާ އެހެން ބުނުމާއެކު އެންމެން އެއްފަހަރާ ކަކަ ކަކައަޅާފައި ހީގަތެވެ.
''ކާކު ކާކު ދެކެ މާބޮޑަށް ލޯބިވާތީ ތިއުޅެނީ.'' ޝާހިލު ގޮސް ވެއިޓިންގރޫމުގައި ތިބި ހޫދުމެން ގާތަށް ހުއްޓެމުން އަހާލިއެވެ. ''އަހަ. ޝާހިލް. އާދެވިއްޖެދޯ. މިދައްކަނީ ޝާފީގެ ތެޔޮނާށި ކާޅުޖަހައިގެން ވާހަކައެއްނު.'' ހޫދު ހީގަންނަމުން ބުއްޏެވެ. ''އޭ ހޫދު އެބުނީ ތެދެއްތަ ޝާފީ. އެހެންވެއްޖެއްޔާ ހާދަ ދެރައޭދޯ.'' ޝާހިލްވެސް ވާހަކައިގައި ބައިވެރިވިއެވެ. ''މަށަކަށް ނޭނގެ. ހީވަނީ ހޫދަށް ހުރިހާ އެއްޗެށްވެސް އެނގޭހެން.'' ޝާފީ މަޑުމަޑުން ބުއްޏެވެ.
''ދެން ތިވާހަކައެއް ނޫނޭ. ހިނގާބަލަ ސައިބޯން ދަމާ. މިހާރު ހާދަ ބަނޑުހައެއް އެބަވެއޭ.'' ޝާހިލް ބުއްޏެވެ. ''އާނ. ހިނގާދަމާ. ޝާފީއެއް ނުދާނަށްތަ؟'' ހޫދު ތެދުވަމުން ބުއްޏެވެ. ''ކީއްވެ އަހަރެން ނުދާނީ. އަހަރެންވީމަ ބަނޑުހައެއް ނުވާނެތަ؟'' ޝާފީވެސް ތެދުވެގެން ހިނގައިގަތެވެ.
************** ނުނިމޭ **************
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް