ކުރީގެ އަދަދާއި ގުޅޭ...
''ޒީ. ކާކުގެ އިންތިޒާރުގަ މިތާގަ ތިހިރީ.'' ހޮސްޕިޓަލުގެ ކޮރިޑޯގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒީޝާނު ފެނުމުން ޝާހިލް އައިސް ޒީޝާން ގާތަށް ހުއްޓެމުން އަހާލިއެވެ.
''މީހެއްގެ އިންތިޒާރުގައެއް ނޫން. ނީލާމެންވީ މިތާކައިރީގަ ހުރި ބޭސްފިހާރައަކަށް ގޮސް. އެމީހުން ނައިސްގެން މިހިރީ.'' ޒީޝާނު މަޑުމަޑުން ބުއްޏެވެ. ''އެހެންތަ. އެހެންއިރު ހިނގާބަލަ އެމީހުން އަންނަށްދެން އެތާ ގޮނޑިއެއްގަ އިށީއްނަށް.'' ޝާހިލް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ކުޑައެއް ދޮށުގައި ހުރި ދެގޮނޑި ދައްކާލަމުން ބުއްޏެވެ.
''އެކަމަކު އެމީހުންނަށް ..............'' ''ސާބަހޭ ޒީ. އެމީހުން ނުލާގޮސްފާނެތީ ހާދަބިރެކޭ ތިގަންނަނީ ދޯ. އެމީހުން ނުލާގޮސްފިއްޔާ އަހަރެން ޒީގެންގޮސް ގެއަށް ލައިދީފާނަމޭ. އެހެން ނޫނަސް އެމީހުންނަށް ޒީ ފެންނަށް ނެތިއްޔާ ކޮބައިތޯ ބަލަން ގުޅާނެއެއްނު.'' ޝާހިލް ބުނެލިއެވެ.
''އާނ. ދޯ!'' ޒީޝާން އެއްބަސްވިއެވެ. ''ދެންވެސް ހިނގާބަލަ އެތާއިށީއްނަށް.'' ޝާހިލް ހިނގައިގަތެވެ. ޒީޝާނުވެސް ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޝާހިލްގެ ފަސްފަހަތުން ހިނގައިގަތެވެ.
''ޒީ....''
''ހޫނ.'' ޒީޝާނަށް ސިހިފައި ޝާހިލަށް ބަލާލެވުނެވެ. ''ބޮލުގަ ރިއްސަނީތަ އަނެއްކާ.'' ޝާހިލް ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ޒީޝާން ނޫނެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ''އެކަމަކު ހާދަހީނުވެއޭ ތިހެދީ ތެދެއްހެން.''ޝާހިލް ބުނެލިއެވެ. ''ތެދަށޭ މިބުނީ.'' ޒީޝާން ބުއްޏެވެ. ''އެކަމަކު މަގޭ ހިތެއް ނުބުނޭ ޒީ ތިހަދަނީ ތެދެކޭ.''ޝާހިލް މަޑުމަޑުން ބުނެލިއެވެ. ''ހުރިހާ ފަހަރަކު ހިތް ބުނާއެއްޗެއްވެސް ތެދެއް ނުވާނޭ.'' ހަޤީޤަތުގައިވެސް ޒީޝާނު އިނީ އޭނާގެ ބޮލުގައި ރިއްސާކަން ޝާހިލަށް އެގުމުން ހައިރާންވާގޮތްވެފައެވެ.
އެކަމަކު އެއީ ހައިރާންވާން ޖެހޭވަރުގެ ކަމެއް ނޫނެވެ. ޝާހިލަކީ ޑޮކުޓަރެކެވެ. ބައެއް ޑޮކުޓަރުންނަކީ ބަލިމީހާ ފެނުމުންވެސް އެއީ ކޮންފަދަ ވޭނެއް ތަޙައްމަލް ކުރަމުންދާ ބަލިމީހެއްކަން ފަސޭހަކަމާއެކު ދެނެގަންނަ މީހުންނެވެ. އަނެއްކާ ޝާހިލަކީވެސް އެފަދަ މީހެއް ނޫންބާއޭ ޒީޝާންގެ ހިތަށް އެރުމާއެކު ބޭއިޚްތިޔާރުގައި އޭނައަށް ޝާހިލަށް ބަލާލެވުނެވެ. އެވަގުތު ޝާހިލްވެސް އިނީ ޒީޝާނާއި ދިމާއަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެވަގުތު ޒީޝާންގެ ހިތަށްވެސް ގޮތްނޭނގޭ އަސަރުތަކެއް ކުރުވިއެވެ. އޭނާ ލަދުންގޮސް އަވަސް އަވަހަށް އިސްދަށަށްޖަހާލިއެވެ. އެކަން ޚުދު ޝާހިލަށްވެސް އިޚްސާސް ކުރެވުނެވެ.
''ދެން މިހެން ނުދަންނަ ދެބީރައްޓެހިން ހެން މިތާ ވާހަކަ ނުދައްކާ ތިބެންވީތަ އަޅެ. ކޮންމެވެސް ވާހަކައެއް ދައްކަބަލަ.'' ޝާހިލް ބޭނުންވީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ''ކޮން ވާހަކައެއްތޯ ދައްކަންވީ.'' ޒީޝާން އަދިވެސް އިނީ އިސްދަށަށް ޖަހާލައިގެންނެވެ.
''ކޯސް ނިމުނީމަ ރަށަށްތަ ދާނީ.'' ޝާހިލް އަހާލިއެވެ. ''އާނ. ބޭނުންވަނީ ރަށަށް ދާން. އެހެންނޫނަސް ސަރުކާރުގެ ޚަރަދުގައި ކިޔަވަންޏާ ޖެހޭނީ އެފަރާތުން ފޮނުވި ރަށަކަށްތާ ދާން. އެންމެނެއް ޝާހިލްހާ ނަސީބު ގަދައެއްވެސް ނުވާނެތާ.'' ޒީޝާން ޝާހިލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ''ދެން ތިހެން ބުނީމަ ހީވަނީ އަހަންނަކީ ވަރަށް ނަސީބުގަދަ މީހެއް ހެން.'' ޝާހިލް މަޑުމަޑުން ބުއްޏެވެ.
''އެކަމެއް ޤަބޫލެއް ނުކުރަންތަ؟'' ޒީޝާނު އަހާލިއެވެ. ''އަހަރެން ނުދެކެން އަހަންނަކީ މާނަސީބު ގަދަ މީހެއް ކަމަކަށް. މިހެން މިބުނީ އެލޯތްބަކާއި ނުލާ އިންސާނާގެ ދިރިއުޅުން އެންމެ ފުރިހަމަ ނުވާނެ މައިވަންތަކަމުގެ ލޯބިން އަހަރެމެން ހަތަރުބެއިން މަހުރޫމް ވެފައިވާތީ. ހީވަނީ ޚުދު ޒީއަށް ވެސް މިކަން އެނގޭނެހެން. އަޅެ ނޫންތަ؟'' ޝާހިލް އިނީ ފެންކަޅިވެފައެވެ.
''އަހަންނަށް މިދެއްކުނީ ކޮންކަހަލަ ވާހަކައެއް. ސޮރީ ޝާހިލް.'' ޒީޝާނަށް ބޭއިޚްތިޔާރުގައި މޭޒުމަތީގައި އޮތް ޝާހިލްގެ އަތުގައި ހިފާލެވުނެވެ. އެވަގުތު ޝާހިލަށް ވެގެން ދިޔަގޮތެއް ދަންނަވަންވެސް ދައްޗެވެ. ޒުވާން އަންހެންކުއްޖެއްގެ އެފަދަ ބީހިލުމަކީ ދަންނަވަންވެސް ދަތި އަސަރުތަކެއް ކުރުވާނެކަމެއްކަން ޔަޤީނެވެ. އަމުދުން އެމީހެއްގެ ހިތްއެދޭ މީހެއްގެ ބީހިލުމެކެވެ.
ޝާހިލަށް ވެސް އިނީ އެފަދަ ގޮތްތަކެއް ވެފައެވެ. އެއީ މިހާތަނަށް ފެނުނު އޭނާ އެންމެ ހިތްއެދޭ ފަދަ ސިފަތަކެއް ޤުދުރަތުން ދެއްވާފައިވާ އަންހެންކުއްޖާއެވެ. ފުރަތަމަ ފެނިލުމާއެކުވެސް އޭނާގެ ހިތުގެ އެންމެ ހިމަނާރަށް ދާން ދެން އަސަރުކުރުވި އަންހެންކުއްޖާއެވެ.
''ޒީ. ތިހެން އަހަރެން އަތުގައި ހިފަހައްޓައިގެން އިންދާ މީހަކަށް ފެނިދާނެ. އޭރުން ލަދު ގަންނާނީ މަށެއް ނޫނޭ. ހަމަ ޒީ.'' ޝާހިލް ބޭނުންވީ ޒީޝާން ލަދު ގަންނަވާލާށެވެ. ''އޯހ. ސޮރީ.'' ޒީޝާނު ހަޤީޤަތުގައި ވެސް ލަދުގަތެވެ. އޭނާ އަވަސް އަވަހަށް އަތްދަމައިގަތެވެ. ޒީޝާނުގެ ޢަމަލުތައް ހުރިގޮތް ފެނުމުން ޝާހިލް ގާތަށް ހިނިވެސް އައެވެ. ޒީޝާނު އިނީ މިކުރެވުނު ކަމެއްގެ ސަބަބުން ހަޤީޤަތުގައިވެސް ލަދުގަނެ ރަކިވާގޮތްވެފައެވެ. އޭނާއަށް ދެވަނަ ފަހަރަށް ޝާހިލާދިމާއަށް ބަލާލަންވެސް ނުކެރުނެވެ.
އެދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ޒީޝާން އިނީ އިސްދަށަށް ޖަހާލައިގެންނެވެ. ޝާހިލް އިނީ ކަޅިވެސް ޖަހާނުލާ ޒީޝާނަށް ބަލަހައްޓައިގެންނެވެ. ޝާހިލް ބަލަން އިން ގޮތުން ހީވަނީ އެދެލޮލުގެ އެސްފިޔަތަކުގެ ދަށުގައި ޒީޝާން ފޮރުވަން އުޅޭހެންނެވެ.
ކުއްލިއަކަށް އެދެމެދަށް ވެރިވެފައިވާ ހަނުހިމޭންކަން ފޫދުއްވާލީ ފޯނުގެ ރިންގުގެ އަޑެވެ. ޒީޝާން އަވަސް އަވަހަށް ފޯނުނަގާފައި ހަލޯއޭ ބުއްޏެވެ. އެއީ ދިމްނާއެވެ. އެމީހުން ޒީޝާނަށް ގުޅީ ގެއަށް ދާން އަވަހަށް އައުމަށް އެދިއެވެ. ޒީޝާން ދަބަސް ނަގާ ކޮޑުގައި އަޅުވާލަމުން ތެދުވިއެވެ.
''ދަނީ ދެން. އެމީހުން ލަސްވެގެން އެގުޅީ.'' ޒީޝާން ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''އޯކޭ.'' ޝާހިލް ޒީޝާނަށް ބަލާލާފައި ހިނިތުންވެލިއެވެ. ޒީޝާނު ހިނގައިގަތީ ހޮސްޕިޓަލުގެ ގޭޓާ ދިމާއަށެވެ. ޝާހިލަށް އިނދެވުނީ ޒީޝާނު ދާމަންޒަރު ބަލާށެވެ.
ޒީޝާނު ގޭޓުކައިރިއަށް އައިއިރު ނީލާއާއި ދިމްނާ އޭނާގެ އިންތިޒާރުގައި ގޭޓުކައިރީގައި ތިއްބެވެ. ޒީޝާނު އައިސް އަރާހަމަވުމުން ތިންމީހުންވެސް ހިނގައިގަތީ ވާހަކަދައްކަމުންނެވެ.
''ކޮންތާކުން ތިއައީ.'' ސިޓިންރޫމުގައި އިން ބޮޑުދައިތަ ވާހަކަ ދެއްކީ ގެއަށް އައިސްވަން ނަވީލާއެވެ. ''ފިހާރައިން.'' ނަވީލްގެޖަވާބު ވަރަށް ކުރެވެ. ''ކައިފިންތަ؟'' ދެވަނަ ސުވާލެއްވެސް ބޮޑުދައިތަ
ކުރިއެވެ. ''އަދި ނުކަން.'' ނަވީލް ޖަވާބު ދިނުމަށް ފަހު އިތުރު ޖަވާބަކަށް އިންތިޒާރުކުމެއް ނެތި ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ''ހިނގާކާން ދަމާ.'' ބޮޑުދައިތަ ގޮވާލިއެވެ. ''ނުކާނަށް.'' ނަވީލް ޖަވާބު ދިނީ ބޮޑުދައިތައާއި ދިމާއަށް ބަލާވެސް ނުލައެވެ.
''ނަވީލް. ކައިފިންތަ؟ ކާގެއާއި ދިމާއަށް އައި ޒީޝާނަށް ނަވީލް ފެނުމުން އަހާލެވުނެވެ. ''އަދި ނުކަން. ޒީތިދަނީ ކޮންތާކަށް ދާންތަ؟'' ނަވީލް ޒީޝާނާއި ދިމާއަށް ބަލާލަމުން އަހާލިއެވެ. ''އަހަރެން މިދަނީ ކާން. ނަވީލްވެސް އާދޭ.'' ޒީޝާން ނަވީލަށް ބަލާލަމުން ބުއްޏެވެ. ''ހޫނ.ހ ިނގާ.'' ނަވީލް މިފަހަރު ދެކޮޅު ހެދުމެއްނެތި ޒީޝާނާއި އެކު ކާގެއާއި ދިމާއަށް ހިނގައިގަތެވެ.
އެމަންޒަރު ފެނުމުން ބޮޑުދައިތައަށް ލިބުނީ ހައިރާންކަމެވެ. އޭނާ ބުނުމުން ކާން ނުދިޔަ ނަވީލް ޒީޝާނު ހަމަ ބުނުމާއެކު ކާންދާން އެއްބަސްވީތީ އެވެ. ބައެއް ފަހަރު ނަވީލަކީ ގޮތް ނޭނގޭ އަރަތެއް ކަހަލަ އިންސާނެކެވެ. ބައެއް ފަހަރު އޭނާ އަނެކާއަކަށް ނުވިސްނާނެއެވެ. އޭނާގެ ހިތްއެދޭކަމެއް ކުރުމަށް އޭނާ އަނެކާގެ އިޚްސާސްތައް ކަތިލައިވެސް ފާނެއެވެ. އެއީ އޭނާގެ މިޒާޖެވެ.
''ނަވީލް ކީއްވެތަ މިހާރު ކެއުމަށް ފަރުވާކުޑަ ކުރަނީ. ތިހެން އުޅެނިކޮށް ނަވީލް ބަލިވެދާނެއެއްނު.'' ޒީޝާން ވާހަކަދެއްކީ ނަވީލަށް ބަތްއަޅައިދެމުންނެވެ. ''އަހަރެން ބަލިވިޔަސް ދެރަވާނެ މީހަކު ނުހުންނާނެ.'' ނަވީލް ވާހަކަދެއްކީ އިސްދަށަށް ޖަހައިގެން އިނދެއެވެ. ''އަބަދު ކީއްވެތަ ތިހެން ތިބުނަނީ.'' ޒީޝާން މަޑުމަޑުން އަހާލިއެވެ.
''ޒީއަށްވެސް އެނގޭނެ އަހަރެން ކަހަލަ މީހަކަށް ނުވާ މީހަކު ބަލިވިޔަސް ދެރަވާނެ މީހަކު ނުހުންނާނެކަން.'' ނަވީލް ވާހަކަދެއްކީ ކަމުންނެވެ. ''ތީ ނަވީލަށް ހަމަ ހީވާގޮތް. މިގޭ އެންމެންވެސް ނަވީލް ދެކެ ވަރަށް ލޯބިވޭ. އެންމެންވެސް ނަވީލް ބަލިވެއްޖެއްޔާ ވަރަށް ދެރަވާނެ.'' ޒީޝާން ވާހަކަދެއްކީ މަޑުމަޑުންނެވެ. ''ޒީއަށް ޔަޤީންތަ؟''
''ތުއްތުއަށް ކޮންކަމެއް ޔަޤީން ނުކުރެވިގެން މިއުޅެނީ.'' ކާގެއަށް އައިސް ވަން ޝާހިލް އަހާލިއެވެ. ''މިދައްކަނީ ނަވީލްމާ ކުޅިކޮށް ކާވާހަކަ ދޯ.'' ޒީޝާން ވާހަކަ ބަދަލުކޮށްލިއެވެ. ނަވީލްވެސް އެއްބަސް ވުމުގެ ގޮތުން ޒީޝާނާއި ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ.
''ތުއްތޫ. ޒީ އެބުނީ ރަނގަޅު ވާހަކައެއް. އެހާކުޅިކޮށް ކާކަށް ނުވާނެ. އޭރުން މޭއިންދިލަ ނަގާ ކެއްސާ ކަންތައްވާނެ.'' ޝާހިލް ވާހަކަދެއްކީ ލޯތްބާއެކުގައެވެ. ''ނަސީބެއްތާ ފެމެލީގަ ތިހެން ބުނެދޭނެ ޑޮކުޓަރެއްވެސް ހުރިކަން ދޯ ޒީ.'' މިފަހަރު ނަވީލްގެ އެޖުމުލަ ޒީޝާނަށް ވެސް ވަރަށް ކަމުދިޔައެވެ. ''ހޫން.''
''މިޑޮކުޓަރު އަބަދުވެސް ތިކޮއްކޮއަށްޓަކައި ހުންނާނެ އިނގޭ.'' ޝާހިލް ހިނިތުންވެލަމުން ބުއްޏެވެ. ނަވީލްވެސް ޝާހިލަށް ބަލާލާފައި ހިނިތުންވެލިއެވެ. އެމަންޒަރު ބަލަން އިން ޒީޝާން ވަރަށް އުފާވިއެވެ. އެއީ މިފަހަކަށް އައިސް ނަވީލްގެ މޫނުމަތިން ހިނިތުންވުމެއް ފެނުނު ފުރަތަމަ ދުވަހެވެ.
''ޝާހިލް ކާންވީ ނޫންތޯ؟'' ޒީޝާން ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''ނޫނޭ. ބަނޑުގަ ނެތޭތަނެއް. އެއްގަޑި ބައިވީ ފަހުން ރައްޓެހިކުއްޖަކާއެކު ގޮސް ހޮސްޕިޓަލު ކައިރީގަ ހުރި ރެސްޓޯރެންޓަކުން ކެއީ. އަންނާނަށް ފެންވަރާލައިގެން. ތުއްތޫ. ދޮންބެ އަންނަށްދެން ބޭރަށް ނުގޮސް މަޑުކޮށްލައްޗޭ. މިއަދުވާނެ މަރަދޫކޮޅަށް ބުރެއް އަޅާލަން ދާން.'' ޝާހިލް ހިނގައިގަތީ ޒީޝާނާއި ދިމާއަށް ބަލާލާފައި ހިނިތުންވެލަމުންނެވެ. ޖަވާބުގައި ޒީޝާނުވެސް ހިނިތުންވެލިއެވެ.
********* ނުނިމޭ ***********
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް