ކޮފީ ވިތް ކަރަން 9 ގެ އެޕިސޯޑު އެކެއްގެ ބައިވެރިންނާއި އެކު ކަރަން --
ކަރަން ޖޯހަރުގެ މަޝްހޫރު ޗެޓް ޝޯ ކޮފީ ވިތް ކަރަންގެ ނުވަ ވަނަ ސީޒަންގެ ފެށުމުގެ އެޕިސޯޑުގައި ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން މެހުމާނެއްގެ ގޮތުގައި ފެނިގެން ގޮސް، ޒާތީ ދިރިއުޅުމާއި ފިލްމީ ދާއިރާއާ ގުޅޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.
އެ އެޕިސޯޑުގައި ކަރީޝްމާ ކަޕޫރު ވެސް ސަލްމާނާ އެކު ބައިވެރިވެ، ރެޕިޑް ފަޔާ ބުރު ކުރިއަށް ގެންގޮސްފައިވެއެވެ. ޝޯގައި ސަލްމާން ވަނީ ކަރީޝްމާއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ސަމާސާ ރާގެއްގައި ވާހަކަ ދައްކައިފައެވެ.
މަޖާ ކުރުމުގެ ގޮތުން ސަލްމާން ބުނީ ކަރިޝްމާ އޭނާއަށް ބޭވަފާތެރިވެ، އެހެން މީހަކާއި ކައިވެނި ކުރީކަމަށެވެ. އެކަމާ ހެދި ހިތް ހަލާކުވެފައި ހުރި ކަމަށް ސަލްމާން ބުންޏެވެ.
ކައިވެންޏެއް ނުކޮށް ހުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަލްމާން ބުނީ ކައިވެނި ނުކުރަން ނިންމައި އެގޮތުގައި ހުންނަނީ އަމިއްލަ ނިންމުމަކުން ކަމަށެވެ. އަދި އެ ނިންމުމާއި މެދު އުފާ ކުރާ ކަމަށް ބުންޏެވެ. ކައިވެންޏެއް ކުރަން ބޭނުން ނުވިޔަސް ދަރިން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
ޒާތީ ދިރިއުޅުމުގެ ވާހަކަ ޢާންމުންނާ ހިއްސާ ނުކުރާ ސަބަބާ ބެހޭ ގޮތުން ސަލްމާން ބުނީ އުމުރުން 15 އަހަރުން ފެށިގެން އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން މީހުން ކައިރީ ވާހަކަ ދެއްކުން ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ދިރިއުޅުމުގެ ވާހަކަތައް އަމިއްލަ ކޮޓަރިން ބޭރު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.
އޭނާ ބުނީ ކޮފީ ވިތް ކަރަންގެ ކުރީގެ ސީޒަންތަކުގައި ދެއްކި ބައެއް ވާހަކަތަކާ މެދު މިހާރު ލަދު ގަންނަ ކަމަށާއި، ނަމަވެސް މާޒީ ހިފައިގެން ނޫޅެ ކުރިއަށް ދާން ޖެހޭ ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ. ސަލްމާން ޚާންގެ ސޮނެ ޔޫމޯ އާއި ކަރީޝްމާ ކަޕޫރުގެ ބައިވެރިވުމާ އެކު މި އެޕިސޯޑު ވެގެން ގޮސްފައި ވަނީ ނުވަ ވަނަ ސީޒަންގެ ޝައުގުވެރި ފެށުމަކަށް ކަމަށް ބެލުންތެރިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް