މަޝްހޫރު ތަމަޅަ އެކްޓަރު ޝްރީޖިތު ރަވީ ޖިންސީ ގޯނާގެ މައްސަލައެއްގައި ޖަލަށް ލައިފި

24 Nov 2026 | 14:35
ޝްރީޖިތު ރަވީ  --

ޝްރީޖިތު ރަވީ --

އިންޑިއާގެ ކެރެލާގެ ތުރިސޫރުގައި 2022 ވަނަ އަހަރު ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވެ، މަޝްހޫރު ތަމަޅަ އަދި މާލަޔާލަމް ތަރި ޝްރީޖިތު ރަވީ އެއް އަހަރަށް ޖަލަށް ލައިފި އެވެ.

ތުރިސޫރު ފާސްޓް ޓްރެކް ސްޕެޝަލް ކޯޓު-2 އިން އިއްޔެ އިއްވި ހުކުމުގައި އަހަރު ދުވަހު ޖަލު ހުކުމާއި އެކު 50,000 އިންޑިއަން ރުޕީސްގެ ޖޫރިމަނާއެއް ކޮށްފައިވެ އެވެ. މި ހުކުމް ކޮށްފައި މިވަނީ ހަތަރު އަހަރު ދުވަހުގެ ޝަރީއަތެއް ހިންގުމަށް ފަހު އެވެ.

Advertisement

ރިޕޯޓުތައް ބުނާގޮތުގައި ޝްރީޖީތާއި ދެކޮޅަށް އެ ދައުވާ އުފުލީ 2022 ވަނަ އަހަރުގެ ޖުލައި ހަތަރު ވަނަ ދުވަހު ތުރިސޫރުގެ އައްޔަންތޯލެ ސަރަހައްދުގައި ސްކޫލުން ގެއަށް ދިޔަ ދެ ކުޑަ ކުދިންގެ ފަހަތުން ކާރެއްގައި ގޮސް، އެ ކުދިންގެ ކުރިމަތީގައި ޝްރީޖިތު ރަވީ ޖިންސީ ގުނަވަން ދައްކައި ނޭދެވޭ ޢަމަލެއް ހިންގި ކަމަށް ތުހުމަތުކޮށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ކުދިންގެ ބެލެނިވެރިންނެވެ. މި މައްސަލައިގަ ފުރަތަމަ ހައްޔަރުކުރުމަށް ފަހު ޝްރީޖީދު ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ،

މި މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން 21 ހެއްކެއް ހުށަހެޅި އެވެ. ނަމަވެސް ދައުވާއަށް އިންކާރުކޮށް ދަށު ހޯޓުގައި ކުރިޔަށް ދިޔަ މައްސަލަ ބާތިލް ކުރަން ޝްރީޖިތު ކެރެލާ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގެންނަން ނިންމި އެވެ.

މި މައްސަލައިގަ އޭނާ އާއި ދެކޮޅަށް ކުށް ސާބިތުވީ އެ ދެ ކުދިންގެވެސް ހެކި ބަހާއި އެކު އެވެ. މި މައްސަލައިގަ އިއްޔެ ހުކުމް ކުރި ނަމަވެސް ކޯޓުން ނިންމާފައިވަނީ ހުކުމ ތަންފީޒު ކުރުން އެއް މަހަށް ފަސް ކުރުމަށެވެ.

ޝްރީޖިތު ރަވީ އަކީ މާލަޔާޅަމް ސިނަމާގެ ތަޖުރިބާކާރު ތަރި ޓީޖީ ރަވީގެ ދަރިއެކެވެ. މާލަޔާޅަމް ފިލްމްތަކުގެ އިތުރުން ތަމަޅަ ފިލްމްތައް ކަމުގައިވާ ކުމްކީ އާއި ވެއްޓައި އާއި ކަތްކަލީ ފަދަ ފިލްމްތަކުގައި އޭނާ ފެނިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް