ދިޝާ އާއި ސުޝާންތް --
ބޮލީވުޑްގެ ކުރީގެ ބަތަލް ސުޝާލް ރާޖްޕުޓްގެ އޭރުގެ މެނޭޖަރު ދިޝާ ސަލިއާންގެ މަރުގެ މައްސަލައިގަ ތުހުމަތު ކުރާ މީހުންގެ ލިސްޓުގައިވެސް ރިއާ ޗަކްރަބަތީ ހިމެނިއްޖެ އެވެ.
ދިޝާ މަރުވީ 2020 ވަނަ އަހަރުގެ ޖޫން އަށެއްގައި އުސް އިމާރާތެއްގެ މަތިން ވެއްޓިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސުޝާންތް އޭނާ ދިރިއުޅުނު އެޕާޓްމެންޓުގައި މަރުވެފައި ހުއްޓަ ފެނުނީ އޭގެ ހަ ދުވަސް ފަހުންނެވެ.
ރިއާ އަކީ ސުޝާންތު މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ އެވެ. ސުޝާންތުގެ މަރުގެ މައްސަލައިގަ ރިއާ އެތައް އަހަރެއް ބަންދުގައި ހޭދަކޮށްފައިވާއިރު އެ މައްސަލައިގަ އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ނިންމައި މިނިވަން ކުރީ މިދިޔަ އަހަރު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދިޝާ މަރުވީންސުރެ އޭނާގެ މަރަކީ ހާދިސާއެއް ނޫން ކަަމަށާއި ބަޔަކު ކުރި ކަމެއް ކަމަށްބުނެ ދިޝާގެ ބައްޕަ ދިޔައީ ކޯޓަށާއި ފުލުހަށް މައްސަލަ ހުށަހަޅަމުންނެވެ. އެންމެ ފަހުން މިދިޔަ މަހު މުމްބާއީ ހައި ކޯޓުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ސީބީއައިއަށް އަންގާފައި އެވެ.
ހައި ކޯޓުން އެންގި އެންގެވުމަކާ ގުޅިގެން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހޯމަ ދުވަހު އެފްއައިއާރެއް ރަޖިސްޓްރީކޮށްފިއެވެ. މި މައްސަލައިގަ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު އޭގެ ތެރޭގައި ޝިވް ސެނާ (ޔޫބީޓީ) ގެ ލީޑަރު އާދިތްޔާ ޘެކެރޭ އާއި އެކްޓަރުން ކަމުގައިވާ ޑީނޯ މޮރެއާ އާއި ސޫރަޖް ޕަންޗޯލީ އާއި ރިއާ ޗަކްރަބަތީ އާއި ޝޯވިކް ޗެކްރަބޮރޓީ ހިމެނެއެވެ.
މީގެ އިތުރުން ރޯހަން ރޯއީ އާއި އާދިތްޔާގެ ބޮޑީގާޑުންނާއި ކުރީގެ ފުލުސް އޮފިސަރު ސަޗިން ވާޒޭ އާއި މުމްބާއީގެ ކުރީގެ ޕޮލިސް ކޮމިޝަނަރު ޕަރަމް ބީރް ސިންގް އާއި ޑީސީޕީ ވިޝާލް ޠާކޫރް އާއި މަހާރާޝްޓްރާގެ ކުރީގެ ޗީފް މިނިސްޓަރު އުދައްވް ޘެކެރޭ އާއި ސްޓޭޓުގެ ކުރީގެ ހޯމް މިނިސްޓަރު އަނިލް ދެޝްމުކް ގެ ނަން ހިމެނެއެވެ.
ޑޮކްޓަރުންނާއި ފޮރެންސިކް އޮފިޝަލުންނާއި ގިނަ ފުލުސް އޮފިސަރުންގެ ނަންވެސް އެ ލިސްޓުގައި ހިމެނިފައިވެއެވެ.

އެފްއައިއާރުގައި ފާހަގަކޮށްފައިވާ ގޮތުގައި އާދިތްޔާ ޘެކެރޭގެ ބައްޕަ ކުރީގެ ޗީފް މިނިސްޓަރު އުދައްވް ޘެކެރޭ އާއި އެހެން ފަރާތްތަކުން ޖިނާއީ ރޭވުމާއި އެ ރޭވުން ފޮރުވުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވެ އެވެ. މި ފަރާތްތައް ތަޙުޤީޤު ކުރެވޭނީ މައިގަނޑު ކުށުގެ ތުހުމަތުތަކާއި ޖިނާއީ ރޭވުމާއި ދޮގު އަމިއްލައަށް މަރުވި ކަމުގެ ވާހަކަ އުފައްދައި ފެތުރުމާއި ހެކި ނައްތައިލުމާ ގުޅިގެން ކަމަށް އެ ޑޮކިޔުމެންޓުގައި ބުނެފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަން މި މަހު ކުރީ ކޮޅު ހައި ކޯޓުން ސީބީއައިއަށް އެންގީ މުމްބާއީ ފުލުހުން ހަ އަހަރު ވީ އިރުވެސް އެފްއައިއާރެއް ރަޖިސްޓްރީ ކޮށްފައި ނުވާތީ ފާޑު ވިދާޅުވެ ފުލުހުންގެ ތަޙުޤީޤާ މެދު "ޖަވާބަށް ވުރެ ގިނަ ސުވާލު" އުފެދޭ ކަމަށް ފާހަގަކޮށެވެ. މައްސަލަ ހަމައެކަނި އެކްސިޑެންޓަލް ޑެތެއްގެ ގޮތުގައި ބެލުމާ މެދުވެސް ކޯޓުން ސުވާލު އުފައްދައި ތަޙުޤީޤުގައި "ބޮޑެތި ފުށުއެރުންތައް" ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް