އަހަންނަކީ ރޮހިންޖާގެ އަހުސަނު: މިއީ އަހަންނަށް ދިމާވި ހިތްތަދި ހާދިސާގެ ވާހަކަ

މިޔަންމާ ސަރުކާރުން ރޮހިންޖާގެ މުސްލިމުން މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް އެތައް ލައްކަ ބަޔަކު ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ގޮސްފަ އެވެ. މިއީ އޭގެން އެކެއްގެ ވާހަކަ އެވެ. ނަމަކީ އަހު...

14 Sep 2017 | 08:39

މިޔަންމާ ސަރުކާރުން ރޮހިންޖާގެ މުސްލިމުން މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް އެތައް ލައްކަ ބަޔަކު ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ގޮސްފަ އެވެ. މިއީ އޭގެން އެކެއްގެ ވާހަކަ އެވެ. ނަމަކީ އަހުސަން އެވެ. އުމުރަކީ 30 އަހަރެވެ. ނިސްބަތްވަނީ ޗިން ޚަލީ އަވަށަށެވެ.

މިއީ އަހުސަނު އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގެ ތަރުޖަމާ އެކެވެ.

---------------------------------------------------------------------------------

އަހަރެންގެ އަވަށުގައި އަހަންނަކީ ދަނޑުވެރިއަކީމެވެ. ލިބޭ ހުސްވަގުތުގައި ކުދިންނަށް އިނގިރޭސި ކިޔަވައިދެމެވެ. އެހެންކަމުން އަންނަކީ ވަރަށް އަވަދިނެތި އުޅެމުންދިޔަ މީހެކެވެ.

އަސްކަރިއްޔާއިން ހަތިޔާރާއެކު އަހަރެމެންގެ އަވަށަށް އެރީ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުގަ އެވެ. އޭރު އަހަރެން އިނީ އާއިލާގެ އެހެން މެމްބަރުންނާއެކު ހެނދުނު ސައިބޯށެވެ. އެމީހުން އައިސް ދިން ހަމަލާގައި އަހަރެންގެ އާއިލާގެ ފަސް މީހަކު މިދުނިޔެ ދޫކޮށްފައި ވެ އެވެ.

އަހަރެންގެ މަންމަ މަރުވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ދުށީމެވެ. ބުރަކަށްޓަށް އުންޑަތައް އަމާޒުވުމުން ޒަހަމްތައް ތާޒާކަމާއެކު ފެންނަން ހުއްޓެވެ. މަންމަގެ ހަށިގަނޑުގެ ކައިރީގައި އަހަރެންގެ ދައްތަގެ ހަށިގަނޑުވެސް އޮތެވެ. އެވެސް ފުރާނަ ނެތް މަސްގަނޑެވެ. ދައްތަގެ މޫނަށް ވަޅިން ހަމަލާދީފައިވާތީ އަހަރެން ދުށީމެވެ.

ދެރަ ވާކަށްވެސް އަހަންނަކަށް ވަގުތެއް ނުލިބުނެވެ. އަހަރެންވެސް ބެލީ ފުރާނަ ސަލާމަތް ކުރެވޭތޯ އެވެ. ނޫންނަމަ އަހަރެން މަރައިލާނޭކަން ކަށަވަރެވެ.

ސިފައިންގެ މީހަކު އަހަރެންގެ އަންހެން ކޮއްކޮ ރޭޕް ކުރަން މަސައްކަތް ކުރި އެވެ. ކާމިޔާބު ނުވުމުން ކޮއްކޮއަށް ވަރަށް އަނިޔާ ކުރިއެވެ. ކޮއްކޮ އަށް ފެނުނު މަންޒަރުތަކާއި ލިބުނު އަނިޔާގެ ސަބަބުން ކޮއްކޮގެ ހަމަބުއްދި ވަނީ ފިލާގޮސްފަ އެވެ. ބޭބެއާއި އަހަރެން ބަންގްލަދޭޝް އަށް މިއައީ އޮނެއްގައި ރަޖާގަނޑެއް ބަނދެ އެ ރަޖާގަނޑުގެ ތެރެއަށް އަންހެން ކޮއްކޮ ލައިގެންނެވެ.

ބަންގްލަދޭޝް އަށް އައުމަށް ކުރި ދަތުރުގައި ހިތްދަތި އެތައް މަންޒަރެއް އަހަންނަށް ފެނުނެވެ. މަރުވެފައިވާ މީހުންގެ ހަށިތައް މަތިން އަހަރެމެން ހިނގަން ޖެހުނެވެ. ރޯން ތިބި ކުޑަކުދީން ފެނެ އެވެ. ބަނޑުހައިވެގެން އުޅޭ، އުމުރުން ދުވަސްވީ މީހުންވެސް ފެނުނެވެ. ހައިރާން ކަމެއް ލިބުނީ އައްސޭރިފަށަށް ދެވުމުންނެވެ. އަހަރެމެންފަދަ އެތައް ހާސް ބަޔަކު އޭރު އައްސޭރިފަށަށް ޖަމާވެފައި ތިއްބެވެ. ބަންގްލަދޭޝް އަށް ދިއުމަށްޓަކަ އެވެ. އަހަރެމެން ބަންގްލަދޭޝްއަށް އައީ ބޯޓެއްގަ އެވެ.

ބަންގްލަދޭޝްގައި އަހަރެމެންގެ ހާލަތު ވަރަށް ގޯހެވެ. ބޯހިޔާ ކޮށްލާނެ ތަންކޮޅެއް ނެތެވެ. ގައިން ތާހިރުވާނެ ގޮތެއް ނެތެވެ. ރެފިއުޖީ ކޭމްޕްތަކުގައި އެންމެން ނިދާނެ ޖާގައެއްވެސް ނެތެވެ. އެހެނަސް އަހަރެމެން މި ދިރިއުޅެނީ އެވެ. އަދި މަރުނުވާތީ އެވެ. މިޔަންމާގައި ތިބި ނަމަ މަރައިލީސްކަން ކަށަވަރެވެ.

މުޅި ދުނިޔެ އަހަރެމެންނަށް އެހީވާތީ އެކަމަށް އަހަރެން ޝުކުރު ކުރަމެވެ. އެހެނަސް އަހަރެން އެދެނީ އަހަރެމެންގެ ހާލަތު ދުނިޔެއަށް ރަނގަޅަށް އެނގުމެވެ. އަހަރެމެންނަކީވެސް ހަމަ އެހެން އިންސާނުންނެކޭ އެއްފަދަ އިންސާނުންނެވެ. އަހަރެމެންގެ ގައުމަށް ސުލްހަ ގެނެސްދޭށެވެ. އަދި ދުނިޔޭގައި އެހެން އިންސާނުން އުޅޭގޮތަށް އަހަރެމެން އުޅުމުގެ ފުރުސަތު ހޯދައިދޭށެވެ.

މިފަދަ އިތުރު ހާދިސާތައް:-

އަހަންނަކީ ރޮހިންޖާގެ ބޭގަމް ޖާން: އުމުރަކީ 65 އަހަރު، އެމީހުން އަހަރެން މަރައިފާނެތީ ބިރުގަނޭ

ދަރި މަރާލައި، ކަރުގައި ވަޅި އެޅުމަށްފަހު މަރުވާން ދޫކޮށްލި ރޮހިންޖާ އަންހެނެއްގެ ވާހަކަ

އަހަންނަކީ ރޮހިންޖާގެ ރަހިމޯލް: ފަޔަށް ވަޒަނެއް އަރާފައިވާތީ އާއިލާއިން އަހަރެން މިތަނަށް ގެނައީ ވަރަށް ހާލުން

ރޮހިންޖާގެ މި މުހައްމަދު 10 ދުވަހު ހިނގީ އޭނާގެ މަންމަ ކޮޑަށް ލައިގެން !

ރޮހިންޖާގެ މި ކުޑަ ކުޑަ ޖާޝިމް ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ މިއީ !

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް