ރޮހިންޖާގެ މި މުހައްމަދު 10 ދުވަހު ހިނގީ އޭނާގެ މަންމަ ކޮޑަށް ލައިގެން !

މިޔަންމާގެ ރަކީން ސްޓޭޓްގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެގައުމު ދޫކޮށް އެތައް މުސްލިމުންނެއް މަޖުބޫރީ ހާލުގައި އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައ...

11 Sep 2017 | 02:33

މިޔަންމާގެ ރަކީން ސްޓޭޓްގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެގައުމު ދޫކޮށް އެތައް މުސްލިމުންނެއް މަޖުބޫރީ ހާލުގައި އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައިވާއިރު މިއީ އޭގެ ތެރެއިން އެކެއްގެ ވާހަކަ އެވެ. ނަމަކީ މުހައްމު ސޮޔި އެވެ. އުމުރަކީ 33 އަހަރެވެ. މުހައްމަދު ދިރިއުޅެމުންދިޔައީ ރަކީން ސްޓޭޓްގެ ބުތިޑުއަން ޓައުންގަ އެވެ. ބަންގްލަދޭޝަށް މުހައްމަދު ދިޔައީ މީގެ 10 ދުވަސް ކުރިންނެވެ. މިއީ މުހައްމަދު އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުއެކެވެ.

---------------------------------------------------------------------------

އަހަންނަކީ ބުތިޑުއަން ޓައުންޝިޕްގެ ދަނޑުވެރިއެއް. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް އަހަރެން އުޅުނީ މަސައްކަތުގަ. ތައުލީމު އުނގެނުމުގެ ހައްގާއި ސިފައިންގެ ނުވަތަ ޕޮލިސް ނުވަތަ ރަނގަޅު އޮފީހަކުން ވަޒީފާ ލިބުމުގެ ހައްގަކީ އަހަރެމެންނަށް އޮންނަ އެއްޗެއް ނޫން. އަހަރެމެން އަނގަޔާ އަތާ ދިމާކުރަނީ ދަނޑުވެރިކަން ކޮށްގެން ނުވަތަ ވަލުން އޮނު ހޮވައިގެން. އެހާލުގައި އުޅެނިކޮށް އަހަރެމެންގެ ދިރިއުޅުން ގެއްލުނީ ހަމަ އެންމެ ދުވަހަކުން.

މިކަން ހިނގީ މީގެ ދެ ހަފްތާ ކުރިން. ބުދިސްޓް ކޮމިއުނިޓީއާއި އަސްކަރިއްޔާއިން އަހަރެމެންގެ އަވަށަށް އައި. އައިސް ބަޑި ޖަހަން ފެށި. އަހަރެމެން ދިރިއުޅެމުން ދިޔަ ގެތަކުގައި އަލިފާން ރޯކުރަމުންދިޔަ. އަހަރެންގެ ބޭބެގެ މޫނަށް ވަޒަނެއް އަމާޒުވެ ވަގުތުން މަރުވި. ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ އަހަރެމެންނަށް ޖެހުނީ ދުވަން. ނޫން ނަމަ އަހަރެމެން މަރާނެ.

ޖަންގަލީގެ ތެރެއިން ދަތުރު ކުރަމުންދިޔައިރު އަހަރެމެންގެ މިސްރާބުހުރީ ކޮން ދިމާލަކަށް ކަން އަހަންނަކަށް ނޭނގެ. ބަންގްލަދޭޝް ފެނުނީ 10 ދުވަސް ފަހުން.

އަހަރެންގެ މަންމަގެ އުމުރަކީ 80 އަހަރު. މަންމައަކީ ވާގިނެގޭ ބަލި ޖެހިފައިވާ އަދި ނޭވާ ހިއްލާ ބަލި ޖެހިފައިވާ މީހެއް. މުޅި ދަތުރުގައި ޖެހުނީ މަންމަ އުރައިގެން އުޅެން.

ތިން ކޯރު ހުރަސްކުރީ ދޯނީގައި. ދެން މުޅިންވެސް ޖެހުނީ ހިނގަން. ބައެއް ފަހަރު ވަރުބަލި ވުމުން ޖަންގަލީގައި މަޑު ކޮށްލަން. ބައެއް ފަހަރު ސިފައިންނާ ދިމާވެ އަހަރެމެންނާ ދިމާއަށް ބަޑިޖަހަން ފަށާ. އަހަރެމެން ކަޑައްތު ކުރި ޖަންގައްޔަކީ ނުރައްކާތެރި ޖަނަވާރުތައް ދިރިއުޅޭ ޖަންގައްޔެއް.

ބަންގްލަދޭޝް އާއި ހަމައަށް އާދެވުނީ އެތައް ހުރަހެއް ގިރާ ކުރުމަށްފަހު. ކާމިޔާބުވީ އުންމީދު ކަނޑާނުލާ ކުރި ދަތުރުން. މިހާރު ކުރިއަށްވުރެ މާ ބޮޑަށްވެސް ހިތްހަމަ ޖެހޭ. އަހަރެމެން އަވަށުގައި ތިބި ނަމަ ފުރާނަ ސަލާމަތް ނުވީސް.

އެހެނަސް ބަންގްލަދޭޝް އަކީވެސް އަހަރެމެންނަށް އާ ތަނެއް. މި ގައުމާއި ބެހޭގޮތުން އަހަރެމެންނަށް އެކައްޗެއްވެސް ނޭނގެ. އަހަރެމެންނަކީ ކިޔަވައިގެން ތިބި ބައެއް ނޫން. މިތާ އަހަރެމެން ކުރާނީ ކީއްކަމެއް ނޭނގެ. ނަމަވެސް ފުރާނަ ސަލާމަތުން މި ތިބީ މިތާ ތިބީތީ. ގައުމުގެ މަސްރަހު ހައްލަކަށް އެޅިއްޖެ ނަމަ އަހަރެމެން އެނބުރި ގައުމަށް ދާން ބޭނުން.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އަހަރެމެންގެ މިހާލު ފޮޓޯތަކުން ބަލާކަން އަހަރެމެންނަށް އެނގޭ. ނަމަވެސް އަހަރެމެންގެ ސަރުކާރަށް އެއްވެސް ބަޔަކު ޕްރެޝަރެއް ނުކުރޭ. ހައްލެއް ގެންނާކަށް އެމީހުން ބޭނުމެއް ނުވޭ. ބައިނަލްއަގްވާމީ ގައުމުތަކުން އަހަރެމެންގެ ސަރުކާރަށް ޕްރެޝަރު ނުކުރަނީ ކީއްވެބާއޭ ހިތައް އަރާ.

މުޅި ދުނިޔެއަށް އަހަރެން ދޭން ބޭނުންވާ މެސެޖަކީ އަހަރެމެންނަކީވެސް އެހެން އިންސާނުންފަދަ އިންސާނުންނޭ. ދީނަކީ އިންސާނިއްޔަތު ތަފާތުކުރާ އެއްޗެއް ނޫނޭ. ބުދު ދީނުގެ މީހުންގެ ހަށިގަނޑުގަވެސް މަހާއި ލޭ ހުންނަހެން އަހަރެމެންގެ ހަށިގަނޑުގަވެސް ހުންނަނީ މަހާއި ލެއޭ. އެމީހުންނަށް މިނިވަން ކަމާއެކު އުޅެވޭއިރު އަހަރެމެންނަށް ނޫޅެވެންވޭ ކީއްވެހޭ؟ އަހަރެމެން އެންމެންނަކީވެސް އިންސާނުންނޭ. އުފަންވީ ހަމަހަމަކަންމަތީގައޭ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް