ދަރި މަރާލައި، ކަރުގައި ވަޅި އެޅުމަށްފަހު މަރުވާން ދޫކޮށްލި ރޮހިންޖާ އަންހެނެއްގެ ވާހަކަ

ބަރުމާގައި މުސްލިމް ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޖަރީމާއިން ސަލާމަތްވުމަށް ގިނަ ބަޔަކު ބަންގްލަދޭޝް އަށް ގޮސްފައިވާއިރު މިއީ އެތައް ވޭނަކާއި އަނިޔާއެއް ތަހައްމަލު ކުރި ރޮހިންޖާގެ ރައްޔިތެއް ކ...

12 Sep 2017 | 23:20

ބަރުމާގައި މުސްލިމް ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޖަރީމާއިން ސަލާމަތްވުމަށް ގިނަ ބަޔަކު ބަންގްލަދޭޝް އަށް ގޮސްފައިވާއިރު މިއީ އެތައް ވޭނަކާއި އަނިޔާއެއް ތަހައްމަލު ކުރި ރޮހިންޖާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 25 އަހަރުގެ ރާޝިދާގެ ވަހަކައެވެ.

ނޫސްވެރިއެއްގެ ލޮލުގައި ރާޝިދާ އަޅައިގަތީ ބަންގްލަދޭޝް ބޯޑަރު ސަރަހައްދުގައި އިށީނދެ އިންދަ އެވެ. ކަރުގައި ފުންކޮށް ވަޅި އަޅާފައި ހުއްޓެވެ. ނޫސްވެރިޔާ ސުވާލު ކުރުމުން ގިސްލާ ރޮމުން ރާޝިދާ އޭނާއަށް ދިމާވި ހާދިސާ ނޫސްވެރިޔާއާ ހިއްސާ ކުރި އެވެ.

"އެމީހުން އަހަރެންގެ ކަރުގައި އެތައް ފަހަރަކު ވަޅި އެޅި، އަހަރެންގެ ދަރި މަރާލައިފި، ފިރި މަރާލައިފި" ރާޝިދާގެ އަޑު ބެދުނެވެ.

ނޫސްވެރިޔާއަށް ރާޝިދާ ފެނުނު އިރު ރާޝިދާއަށް ސިއްހީ ފަރުވާ ލިބިފައެއް ނުވެ އެވެ. ރާޝިދާއަށް ދިމާވި ހާދިސާ ކުރިއަށް ގެންދިޔަ އެވެ.

ރާޝިދާ ނިސްބަތްވަނީ ޓުލަ ޓޮލީ ވިލެޖަށެވެ. ރާޝިދާ ބުނީ އޯގަސްޓް 30 ވަނަ ދުވަހު ކަތިވަޅިއާއި ބަޑި ހިފައިގެން ބަޔަކު އެ އަވަށަށް އެރި އިރު އޭނާ ހުރީ އޭނާގެ ދުއްތު ދަރިފުޅު އުރާލައިގެން ކަމަށެވެ. ދަރިއަށް ވީ އެންމެ މަހެއް ކަމަށެވެ. އަދި ދަރިއަށް ނަންވެސް ނުކިޔާ ކަމަށެވެ.

ރާޝިދާ ބުނީ އެމީހުން އައިސް މެރުނު ބަޔަކު މަރާ ބަޑިއާއި ވަޅިން ބިރު ދެއްކުމަށްފަހު އަންހެނުންނާއި ކުޑަކުދިން އަދި ފިރިހެނުން ވަކި ކުރި ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިން ކޯރުތެރެއަށް އުކި ކަމަށެވެ. އަދި ކޯރުގެތެރެއަށް ހުއްޓުމެއްނެތި ބަޑި ޖަހަމުން ދިޔަ ކަމަށެވެ.

ރާޝިދާ ބުނިގޮތުގައި ބިންމަތީގައި އޮށޯވެ އޮތީ އޭނާގެ ދަރި، ފޮތިކޮޅެއްގެ ތެރެއަށް ލާ ފޮރުވައިގެންނެވެ. ބަޑީގެ ހަމަލާތައް މެދުކެނޑުމަށްފަހު މަރުނުވާ މީހަކު ހުރިތޯ އެމީހުން ބެލުމަށްފަހު އަނެއްކާވެސް ބަޑި ޖަހަން ފެށި ކަމަށެވެ.

"އެންމެން މަރާ ނިމުނުހެން ހީވުމުން އެމީހުން ބޮޑު ވަޅެއް ކޮނުނު، އަދި އެ ވަޅުގެ ތެރެއަށް މީހުންގެ ހަށިތައް އަޅަން ފެށި، އަހަރެންގެ ފައިގަ ހިފާ ދަމާފައި ވަޅާއިދިމާއަށް ގެންދަނިކޮށް އަހަރެން މަރުނުވާކަން އެނގުމުން ބޮލުގައި ކަތިވަޅީގެ މުއްގަނޑުން ޖެހި، ކަރުގައި ވަޅި އެޅި" ރާޝިދާއަށް ދިމާވި ހިތްދަތި ހާދިސާ ކިޔައިދިނެވެ.

ރާޝިދާ ބުނިގޮތުގައި އެވަގުތު އޭނާ ހޭނެތުނެވެ. އަދި ދެން ހޭވެރިކަން ވީ އިރު އޮއްސި އަނދިރިވި ފަހުންނެވެ. އޭރު އޭނާގެ ދަރި ކައިރިއަކު ނެތެވެ. އޭރު އޭނާ އޮތީ ކޮންމެވެސް ގެއެއްގެ ތެރޭގަ އެވެ. އިތުރު ހަތް އަންހެނުންވެސް އެ ގޭގެ ތެރޭގައި ތިއްބެވެ.

ރާޝިދާ ބުނީ އެމީހުންނަށް އެތައް އަނިޔާއެއް ދިން ކަމަށާއި ތަކުރާރުކޮށް ރޭޕް ކުރި ކަމަށެވެ. އަދި މަރުވަން ބައިތިއްބާފައި އެ ގޭގައި ރޯކޮށްލި ކަމަށެވެ.

"އަހަރެމެންގެ ފުރާނަ ދާންދެން އެމީހުން އަނިޔާ ކުރި، އަހަރެން ފަހުން އޮތީ މަރުވާ ކަމަށް ހެދިގެން، އެމީހުން އެ ގޭގައި ރޯކޮށްލާފައި ދިއުމުން، ކަށިން ހިތްވަރު ނެރެގެން ފިރުކިފަ އެ ގެއިން އަހަރެން ނިކުތިން" ރާޝިދާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ރާޝިދާ ބުނީ ގިނަ އިރުތަކެއް ވަންދެން ޖަންގަލީގައި ފިލާ އޮތް ކަމަށާއި ދަރިއާއި ފިރީގެ ހަބަރެއް ވޭތޯ އަވަށް ދިޔަ ކަމަށެވެ. ނަމަވެސް ފެނުނީ މުޅި އަވަށް ސުންނާފަތި ކޮށްލާފައިވާ މަންޒަރު ކަމަށެވެ. ބަންގްލަދޭޝަށް ދިއުމަށް ފައިމަގުގައި ދަތުރުފެށީ އެއަށް ފަހުގައި ކަމަށް ރާޝިދާ ބުނެފައި ވެ އެވެ.

ރާޝިދާގެ ފިރިމީހާއާއި ފަހުން ބައްދަލުވި

ރާޝިދާގެ ވާހަކަ ނޫސްވެރިޔާއަށް ކިޔާދިންތާ މާ ގިނައިރެއް ނުވެ ސިއްހީ އެހީތެރިކަން ރާޝިދާއަށް ލިބުނެވެ. އަދި ރާޝިދާގެ ވާހަކަ ކޭމްޕްތަކުގައި ދައުރުވާން ފެށި އެވެ. ދައުރުވާން ފެށި އެ ވާހަކަ އަޑު އިވުނު އެކަނީ އުމުރުން 27 އަހަރުގެ މުހައްމަދު ހުސެއިން އެވެ. މުހައްމަދު ހުސެއިނަކީ ރާޝިދާގެ ފިރިމީހާ އެވެ.

އެ ވާހަކަ ހަމަ އިވުމާއެކު މުހައްމަދު ހުސެއިނު ދުވެފައި ދިޔައީ މެޑިކަލް ކޭމްޕަށެވެ. އަންހެނުން ގާތަށެވެ.

"އަހަރެން ގޮސް ކްލިނިކްގެ ހުރިހާ ސީޓެއް، ހުރިހާ އެނދެއް ބެލިން، އަންހެނުން ފެނުމުން، އަންހެނުންނަށް ކޮށްފައިވާ ހާލުފެނި އިތުރަކަށް ކެތެއް ނުކުރެވުނު" މުހައްމަދު ބުނެފައި ވެ އެވެ.

މުހައްމަދު ބުނީ އޭނާ ހީކުރީ ރާޝިދާ މަރުވީ ކަމަށް ކަމަށާއި ރާޝިދާ ހީކުރީ މުހައްމަދު ދުނިޔޭގައި ނެތްކަމަށް ކަމަށެވެ. ދެއްވި ރަހުމަތަށް ޝުކުރު ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް