ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމާއި ގުޅިގެން ރާއްޖެ ޒިޔާރަތް ކުރުމުގައި ސަމާލުކަށް ދިނުމަށް އިލްތިމާސްކޮށް ތައިވާނުން "ޔެލޯ އެލާޓް" ނެރެފި އެވެ.
ތައިވާނުގެ ނޫސްތަކުގައި ބުނެފައިވަނީ ރާއްޖެއަކީ ފަތުރުވެރިންގެ ހާއްސަ މަންޒިލެއް ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމާއި ގުޅިގެން އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން އިލްތިމާސް ކުރާ ކަމަށެވެ.
ތައިވާނުގައި ޓްރެވެލް އެލާޓް ނެރޭއިން ތިން ގިންތިއެއްގެ އެލާޓް ނެރެ އުޅެ އެވެ. ޔެލޯ އެލާޓަކީ އެ ގިންތި ތަކުގެ ތެރެއިން ތިން ވަނައަށް އެންމެ މަތީ އެލާޓެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.
“ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަ އާއި މަޝްވަރާ ލިބިފައިވާ ހިނދު މަތީގައިވާ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ކުއްލި ހާލަތު އިޢުލާން ކުރުމަށް ނިންމާ މިއަދުގެ މެންދުރު 12:00 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު އިއުލާންކުރުމަށްޓަކައި މި ޤަރާރު އެކަށައަޅައި މިކުއްލި ނުރައްކަލާ ގުޅިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަންނަނިވި މާއްދާތަކުގެ ދަށުން ލިބިދީފައިވާ ހައްގުތައް ހިފެހެއްޓުމަށާއި ހަނިކުރުމަށް އަދި އެހައްގުތަކާއި ގުޅިގެން ހަދާފައިވާ ގާނޫނުތަކުގެ ތެރެއިން އަންނަނިވި ގާނޫނުތަކަށް ވަގުތީ ގޮތުން ޢަމަލުކުރުން ހުއްޓާލުމަށް ކަނޑައަޅައިފީމެވެ،” ގަރާރުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް