ރާއްޖޭގައި ކުއްލި ޙާލަތު އިޢުލާނު ކޮއްފި

ރާއްޖޭގައި ކުއްލި ޙާލަތު އިޢުލާނު ކޮއްފިއެވެ.

ކުއްލި ޙާލަތު އިޢުލާން ކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު އިއްވަވައިދެއްވަމުން ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވީ ކުއްލި ހާލަތު އިއުލާންކުރުމަށް ނިންމާފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން 1 މަސް ދުވަހަށް ކަމަށެވެ.

ބަންޑާރަނައިބް ވިދާޅުވީ ކުއްލި ޙާލަތު އިޢުލާން ކުރުމަށް ނިންމެވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާފައިވާތީ އާއި ޢާންމު ތަންތަނުން ހަތިޔާރު ފެނިފައިވާތީ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.

”ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަ އާއި މަޝްވަރާ ލިބިފައިވާ ހިނދު މަތީގައިވާ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ކުއްލި ހާލަތު އިޢުލާން ކުރުމަށް ނިންމާ މިއަދުގެ މެންދުރު 12:00 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު އިއުލާންކުރުމަށްޓަކައި މި ޤަރާރު އެކަށައަޅައި މިކުއްލި ނުރައްކަލާ ގުޅިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަންނަނިވި މާއްދާތަކުގެ ދަށުން ލިބިދީފައިވާ ހައްގުތައް ހިފެހެއްޓުމަށާއި ހަނިކުރުމަށް އަދި އެހައްގުތަކާއި ގުޅިގެން ހަދާފައިވާ ގާނޫނުތަކުގެ ތެރެއިން އަންނަނިވި ގާނޫނުތަކަށް ވަގުތީ ގޮތުން ޢަމަލުކުރުން ހުއްޓާލުމަށް ކަނޑައަޅައިފީމެވެ،“ ގަރާރުގައިވެއެވެ.

ކުއްލި ހާލަތާއި ގުޅިގެން ގާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ (ހ)އާއި 45 ވަނަ މާއްދާއަށް ވަގުތީ ގޮތުން އަމަލުކުރުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

މިމާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ހައްޔަރު ކުރުމާއި ބަންދުކުރުން ފިޔަވާ ދެން ހުރި ކަންކަމަށްވެސް އަމަލުނުކުރާނެ ކަމަށާއި ގާނޫނު އަސާސީގެ 47 ވަނަ މާއްދާ އާއި ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގައިވާ މުއްދަތު 14 ދުވަހުން 7 ދުވަހަށް ކުޑަ ކުރުންވެސް ހިމެނެއެވެ. އަދި ކުއްލި ހާލަތުގެ މުއްދަތުގެ ތެރޭގައި ސުލްހަވެެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އަމަލުކުރުންވެސް ވަނީ ހުއްޓާލާފައެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *