އަލީ އާއި ޖޭސްޒިމް --
ބިގް ބޮސް 14 އިން ލޯބީގެ ގުޅުމެއް ފެށި ޓީވީ ތަރި ޖެސްމިން ބާސިން ބައިވެރިޔާ އަލީ ގޯނީއާ ރުޅިވި ކަމަށް ފެތުރެމުންދިޔަ ވާހަކަތައް ދޮގުކޮށްފިއެވެ.
ޖެސްމިން އިންސްޓަގްރާމްގައި ހިއްސާކުރީ އޭނާގެ ފުރަތަމަ ޓެޓޫގެ ފޮޓޯއެކެވެ. އެ ޓެޓޫގައި ލިޔެފައި އޮންނަނީ "އައި އެމް އިނަފް" މިހެންނެވެ.
އެ ޕޯސްޓާ އެކު ދިގު ލިޔުމެއް ޝާއިޢުކޮށް ލޯބި ހޯދުމުގެ ބޭނުމުގައި އަމިއްލަ ޝަޚްޞިއްޔަތު ދެން ދޫކޮށްނުލާނެ ކަމަށް ޖެސްމިން ބުންޏެވެ. ގިނަ ބަޔަކު އެ ލިޔުން ސިފަކުރީ އަލީއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމުގެ ސިއްރު މެސެޖެއްގެ ގޮތުގައެވެ.
ޑިލީޓްކުރި ޕޯސްޓުގައި ޖެސްމިން ލިޔެފައިވާ ގޮތުގައި ލޯތްބާއި ޤަބޫލުކުރުން ހޯދުމަށްޓަކައި ދިގު މުއްދަތެއް ވަންދެން އަމިއްލަ ނަފްސު ބަދަލުކޮށް ކުޑަކޮށް ފައްތަން މަސައްކަތް ކުރި ކަމަށެވެ. އެ ތެރޭގައި އެންމެ މުހިންމު މީހާ ގެއްލިގެން ދިޔަ ކަމަށާއި އެއީ ޚުދު އޭނާގެ އަމިއްލަ ނަފްސު ކަމަށް ޖެސްމިން ބުންޏެވެ. އެ ޓެޓޫއަކީ ދެން ދުވަހަކުވެސް ލޯތްބެއް ހާސިލުކުރުމަށް އަމިއްލަ ނަފްސު ދޫކޮށްނުލާނެ ކަމަށް ވީ ވަޢުދެއް ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.
އެ ވާހަކަތައް ފެތުރެން ފެށުމުން ޖެސްމިން އެ ޕޯސްޓް ޑިލީޓްކޮށް ރުޅިވީ ކަމުގެ ވާހަކަ ދޮގުކުރިއެވެ. އޭނާ ބުނީ ދިރިއުޅުމުގެ ހުރިހާ ކަމަކީ ގުޅުމާ ބެހޭގޮތުން ދައްކާ ސިއްރު ވާހަކަތަކެއް ނޫނެވެ. ބައެއް ފަހަރު އަންހެނަކު ހަމައެކަނި އޭނާގެ އަމިއްލަ ވާހަކަވެސް ދައްކަފާނެއެވެ.
ސަމާލުކަން ހޯދުމަށްޓަކައި، މީޑިއާ ޕޭޖުތަކުން ޕޯސްޓުތައް އޮޅުވާލައި، މީހުންގެ ސަމާލުކަން ހޯދޭނެ ފަދަ ގޮތަކަށް ލޯބިވެރިންގެ ފޮޓޯތައް ބޭނުންކޮށްގެން އެ ވާހަކަތައް ދައްކަން ފެށުމަކީ ހައިރާންވާ ފަދަ ކަމެއް ކަމަށާއި އެންމެން ހަމަޖެހިލުމަށް އޭނާ އެދިފައިވެ އެވެ.
ބިގް ބޮސް 14 ގައި ބައިވެރިވި ދުވަސްވަރު ގުޅުން ފެށި ޖެސްމިންއާއި އަލީ މިހާރު ދިރިއުޅެމުން ދަނީ މުމްބާއީގައި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް