ކިމް ޔޫ ޖުންގް އާއި ޕާކް ޖިންގްޔޯން --
ދެކުނު ކޮރެއާގެ ޖާސޫސީ ލޯބީގެ ޑްރާމާ "100 ޑޭސް އޮފް ލައިސް" ގެ ފުރަތަމަ ޓީޒާ ނެރެފިއެވެ.
މި ޑްރާމާ ޕްރިމިއާ ކުރާނީ މި އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ޓީޒާ ނެރެފައި މިވަނީ ޑްރާމާ ޕްރިމިއާ ކުރާ ދުވަހުގެ ސީދާ 100 ދުވަސް ކުރިންނެވެ.
މި ޑްރާމާގެ ލީޑް ރޯލުން ފެނިގެން ދާނީ ކިމް ޔޫ ޖުންގް އާއި ޕާކް ޖިންގްޔޯން އެވެ. މި ޑްރާމާ ދައްކަން ފަށާނީ އޮކްޓޯމަރު މަހު ޓީވީއެން އިންނެވެ.
މި ޑްރާމާ ބިނާވެފައި ވަނީ ޖަޕާނުގެ އިސްތިއުމާރު ދަށުގައި 1930 ގެ އަހަރުތަކުގައި އޮތް ގިޔޮންގްސޮންގް ނުވަތަ މިހާރުގެ ސޯލްއަށެވެ.
ވާހަކައިގައި ކިމް ޔޫ ޖުންގް އަދާކުރާ ލީ ގާ ކިޔޮންގް އަކީ ގިޔޮންގްސޮންގްގެ އެންމެ ކުޅަދާނަ ޖީބުކެނޑުންތެރިޔާއެވެ. އޭނާގެ ހަމައެކަނި އަމާޒަކީ އެމެރިކާއަށް ފިލައިގެން ދާން ފައިސާ އެއްކުރުމެވެ. ނަމަވެސް ގުގުކްދާން ނަމަކަށް ކިޔާ މިނިވަންކަމުގެ ޖަމާއަތުން އޭނާ ނުރައްކާތެރި މިޝަނަކަށް ރެކްރޫޓް ކުރުމުން ހުރިހާ ކަމެއް ބަދަލުވެއެވެ. އޭނާ 100 ދުވަހަށް ޖަޕާނު ގަވަނަރ ޖެނެރަލް އޮފީހުގައި ތަރުޖަމާނެއްގެ ގޮތުގައި ސިއްރު މިޝަނަކަށް ވަދެއެވެ.
ގޮޓް7 ގެ ޕާކް ޖިންޔޮންގް އަދާކުރާ ކިމް ޓެ ވޫންގް (ޖަޕާނު ނަމުން ސާޓޯ ހިޑެއޯ) އަކީ ޑައިރެކްޓާ ޖެނެރަލްގެ އެޑޮޕްޓެޑް ދަރިއެއްގެ ގޮތުގައި ދިހަ އަހަރު ބޭރުގައި އުޅުމަށްފަހު ޖޮސޮންއަށް އެނބުރި އަންނަ ކޮރެއާ ބަހާއި ޖަޕާނު ބަހާއި އިނގިރޭސި ބަހުން ފަރިތަ ޒުވާނެކެވެ.
އޭނާ އިސް މަގާމެއްގައި ހުރި ނަމަވެސް އޭނާ ވެސް ފޮރުވިފައިވާ ސިއްރުތަކެއް ގެންގުޅެއެވެ. މީގެ އިތުރުން ޓީޒާއިން ކިމް ހިޔުން ޖޫ އަދާކުރާ ގުގުކްދާންގެ ސްނައިޕާ ޔޫ ސޯ ރާން އާއި ލީ މޫ ސެންގް އަދާކުރާ އެމެރިކާ ނޫސްވެރިޔާ ޔޫ ފިލިޕް ވެސް ތައާރަފްވެއެވެ.
މި ސީރީޒް އަކީ "އެކްސްޓްރައޯޑިނަރީ އެޓާނީ ވޫ" އާއި "ޑޮކްޓާ ރޮމޭންޓިކް" ފަދަ މަޝްހޫރު ޑްރާމާތައް ޑައިރެކްޓް ކުރި ޔޫ އިން ޝިކް އާއި "ޑޫ ޔޫ ލައިކް ބްރާމްސް" ލިޔުނު ލިޔުންތެރިޔާ ރިޔޫ ބޯ ރީ ފުރަތަމަ ފަހަރަށް ގުޅިގެން ކުރާ މަސައްކަތެކެވެ.
16 އެޕިސޯޑުގެ މި ސީރީޒް ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހު ޓީވީއެންގެ ޕްރައިމް ޓައިމް ސްލޮޓުގައި ދައްކާނެއެވެ. އަދި ހަމަ އެއާ އެކު ނެޓްފްލިކްސް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެސް ޕްރިމިއާ ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް