ހަވާލުވާނެ ފަރާތެއް ނެތި 2 މަސް ވަންދެން މާލޭ ގެއެއްގެ ކޮޓަރިއެއްގައި އޮތް ބިދޭސީ އަންހެންމީހާ ދައުލަތުގެ ބެލުމުގެ ދަށަށް (ކ.ގުރައިދޫ ގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް) ގެންގޮސްފި އެވެ.

އެ އަންހެން މީހާ ގެންދިއުމުގައި ފުލުހުންނާއި ރެޑް ކްރެސެންޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެ އަންހެން މީހާ ޖެޓީއަށް ގެންދިޔައީ ރެޑް ކްރެސެންޓްގެ އެމްބިއުލާންސް ގައެވެ. ކ.ގުރައިދުއަށް ގެންގޮސްފައިވަނީ ފުލުހުންގެ ލޯންޗެއްގަ އެވެ. އެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރަކުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ. މިކަމުގައި ފުލުހުންގެ ފަރާތުން ހަރަކާތްތެރިވީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ވިކްޓިމް ސަޕޯޓް ޔުނިޓުންނެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ނައިބު މުހައްމަދު ޒާހިދު ވިދާޅުވީ އެ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ދައުލަތުން ޒިންމާ އުފުލާ ގޮތަށް ކަމަށާއި އެ ފަރާތައް މީގެ ކުރިން އެހީވެފައިވާ ހައްޖަ އަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ. އަދި ކާ އެއްޗެހި ހިފައިގެން ދިޔަ މީހުން އެ ގޭގެ ތެރޭގައި ބަންދު ކުރީތީ އެކަމާ ހިތާމަކުރާ ކަމަށްވެސް ޒާހިދު ވިދާޅުވި އެވެ.

”އެމީހާއަށް ކާންދީ ސާފު ކޮށްދިނީ ހައްޖަ ކިޔާ މީހެއް ، އެ ފަރާތައް ޝުކުރު އަދާކޮށްލަން ބޭނުން، އަދި އެ ގެއަށް ކާއެއްޗެހި ހިފައިގެން ދިޔަ މީހުން ގޭ ތެރެއަށްލާ ބަންދުކޮށް ތަޅުލާ ހެދީމަ އެކަމާ ހިތާމަކުރަން، ކަންތައް ކޮށްގެން ވާނެ ގޮތެއް ނޫން އެއީ“ ޒާހިދު ވިދާޅުވި އެވެ.
ހާއްސައެހީއަށް ބޭނުންވާ މި އަންހެން މީހާ އެމްބިއުލެންސަށް އެރުވި އިރު އަދި ގުރައިދުއަށް ފޮނުވާލި އިރުވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެމްބެސެޑަރު އަހުމަދު ހިސާން އެތާންގައި ހުންނެވިއެވެ. ހިސާން ވިދާޅުވީ އެ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ރާއްޖެއިން ބޭރު މީހަކަށް ވާތީ މިކަހަލަ ކަންކަމުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.
”މިކަމުގައި ފުލުހުން އަމަލުކުރި ގޮތް ވަރަށް ރަނގަޅު، ވަރަށް އޯގާތެރި ފުލުހުންނަށް ހާއްސަ ޝުކުރެއް ރައްދުކުރަން ބޭނުން، ލަހުން ނަމަވެސް މިކަން ވެގެން ދިއުމަކީ ހިއުމަން ރައިޓްސް ދާއިރާއިންވެސް ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަޅުގަނޑު މިދަނީ މިކަން ހިނގަމުން އަންނަގޮތް އިންޑިއަން އެމްބަސީއަށްވެސް އަންގަމުން“ ހިސާން ވިދާޅުވި އެވެ.
އެ އަންހެން މީހާއަކީ މީގެ 23 އަހަރު ކުރިން ރާއްޖޭގެ މީހަކާ ކައިވެނިކޮށް ދިރިއުޅުން މާލެ ބަދަލު ކުރި މީހެކެވެ. މީގެ ދެ މަސް ކުރިން ފިރިމީހާ ނިޔާވުމުން ހަވާލުވާނެ ފަރާތެއް ނެތި މާލޭގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އޮންނަތާ ދެ މަސް ދުވަސް ވަނީ ވެފައެވެ.
2 Responses
ގެއިން ބޭރުކޮއްލަން އިންޒާރުދީ ގެއަށް ވަނުން މަނާކުރި ގޭގެ ވެރިންނަށް ޝުކުރު ރައްދުވޭ. އެމީހުންގެ ސަބަބުން މިކަމަށް ސަރުކާރުގެ އެހީއެށް ލިބޭވަރު އެވީ…
ތިކަމަށް އެންމެ ބޮޑަށް ޝުކުރު އަދާކުރަން ޖެހެނީ ބަލިމީހާއަށާއި އޭނާގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރި ޓީމަށް އިންޒާރުދީ އިހާނެތިކޮށް ކަންތައްކުރި ޖެންޑަރ މިނިސްޓްރީގެ ކޯޑިނޭޓަރ ސުނީތާއަށް. އަދި އޭނާގެ އިންޒާރާއެކު ވެސް މިކަން އާންމުންގެ ސަލާމުކަމަށް ގެންެސް ދެއްވި ނޫސް ރިޕޯޓަރަށް ފަށްފަށުން ޝުކުރިއްޔާ!