އެހީއަށް އެދި ކޮޓަރީގައި ބަންދުވެފައި އޮންނަތާ ދެމަސް

ކުޅުދުއްފުށީ މީހަކާ އިނދެގެން އިންޑިއާ އަންހެނަކު މާލެ އައީ މީގެ 23 ވަރަކަށް އަހަރު ކުރިންނެވެ. ކައިވެންޏަށް ދެ ދަރިން ލިބުނު ނަމަވެސް ހިތާމަވެރި ގޮތަކަށް ދެ ދަރިން ނިޔާވީއެވެ. އެއް ކުއްޖަކު ނިޔާވީ ވިހޭތާ ދެ ދުވަސް ނުވަނީހެވެ. އަނެއް ކުއްޖާ ނިޔާވީ ގްރޭޑް 9 ގައި ކިޔަވަމުން އަންނަނިކޮށެވެ. ކެންސަރު ޖެހިގެންނެވެ. އިތުރު ދަރިއަކަށް ބަލިވެއިން ނަމަވެސް ބައި ގެންދިޔައީއެވެ. ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން އެއްކޮށް ޕެރަލައިޒް ވިއެވެ. ޕެރަލައިޒް ވި ފަހުން 20 އަހަރު ވީއެވެ. އަދިވެސް އުނަގަނޑުން ތިރި ޕެރަލައިޒް ވެފަ އެވެ.  ފުއްޕާމެޔަށް ޖެހުނު ބައްޔެއްގައި ފިރިމީހާ ނިޔާވީ މީގެ ދެ މަސް ކުރިންނެވެ.

މިއީ މި ދިވެހިރާއްޖެ އެހީއަށް ބޭނުންވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އެހީއަށް އެދޭ އަދި މިފަދަ ކޮންމެ ހާލަތެއްގައި ދިވެހިންނަށް އެހީ ފޯރުކޮށްދޭ އިންޑިއާގެ ރައްޔިތަކަށް ދިމާވެފައިވާ ހިތްދަތި ހާލަތެކެވެ. މިހާރު މިވަނީ އެ އަންހެން މީހާއަށް ކުރިއަށްވުރެ ހިތް ދަތި ގޮތެއް ދިމާވެފައެވެ.

އަޅާލާނެ ފަރާތެއް ނެތީއެވެ. ހަވާލު ވާނެ ފަރާތެއް މުއައްސަސާއެއް، ސަރުކާރެއް ނެތީއެވެ. މިވަގުތު އޮތީ ފިރިމީހާ ދުނިޔޭގައި ހުރި އިރު ކުއްޔަށް ހިފި ކޮޓަރިއެއްގައެވެ. އެ ކޮޓަރިއަށް ކުލި ނުދައްކާތާ ދެމަސް ވީއެވެ. މި ހާލުގައި ދެ މަސް ވިއިރު ކިރިޔާވެސް އެހީތެރިކަމެއް ފޯރުކޮށްދެނީ މި އަންހެން މީހާގެ ނިޔާވެފައިވާ ފިރިމީހާއަށް ބޮޑުބޭބެ ކިޔާ ހައްޖަ އެވެ. ހައްޖަ އެމީހާއަށް ކާއެއްޗެހި ގެންގޮސް ދެއެވެ. ސާފު ކުރެއެވެ. އެހެން ނަމަވެސް އިއްޔެ އިން ފެށިގެން މި އަޅާލުމުންވެސް މި އަންހެން މީހާ މަހުރޫމް ވެއްޖެ އެވެ. އެ އަންހެން މީހާ މިވަގުތު އޮތް ގެއިން ނެރުމަށާއި އަދި މީގެ ފަހުން ކާއެއްޗެއް ހިފައިގެންވެސް އަދި އެހެން ގޮތަކުންވެސް އެގެއަށް ވަދެގެން ނުވާނެ ކަމަށް ހައްޖައަށް އެގެއިން އެންގީއެވެ.

”ކާންދެނީ އަޅުގަނޑު ސާފު ކުރަނީ އަޅުގަނޑު، ބޮޑު ބޭބެ ކައިވެނި ކުރި މީހަކަށް ވީތީއާއި އިންސާނިއްޔަތަށްޓަކައި މިކަން ކުރަނީ، އަހަރެންވެސް މިއުޅެނީ 2 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން ދަރިންނާއެކު މާލޭގަ، އަހަންނަށްވެސް އެމީހާ ގެންދެވޭނެ ތަނެއް ނެތް، ބޭބެ ނިޔާވީއްސުރެ އަހަރެން ކާންދެން، ސާފު ކޮށްދެން“ ހައްޖަ ބުންޏެވެ.

ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ މި އަންހެން މީހާ އޮންނަ ގެއަށް ހައްޖައާއި ހައްޖަގެ ދަރިން ނުވަނުމަށް އެ ގެއިން ވަނީ ހައްޖައަށް އަންގާފައެވެ. ހަމައެކަނި އެންގީކީ ނޫނެވެ. މިދިޔަ ބުރާސްފަތި ދުވަހު ކާއެއްޗެހި ހިފައިގެންދިޔަ ހައްޖަގެ ދަރިން، ބަލި އަންހެން މީހާ އޮންނަ ކޮޓަރިއަށް ވަނުމުން އެ ގެއިން ވަނީ ހައްޖަގެ ދަރިން ހިފަހައްޓާފައެވެ. އެ ކުދިންނަށް އެ ގެއިން އެންގީ ކުދިންނަށް އެ ގެއިން ނިކުމެވޭނީ ހައްޖަ އެ ގެއަށް އައުމުން ކަމަށެވެ. އަދި ހައްޖައާއި ހައްޖަގެ ދަރިންވެސް އެގެއަށް ނުވަނުމަށް ތަކުރާރުކޮށް ވަނީ އަންގާފައެވެ.

މި އަންހެން މީހާ މިވަގުތު އޮތް ގެއަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެމްބެސެޑަރު އަހުމަދު ހިސާން، ބުރާސްފަތި ދުވަހުގެ ރޭ ޒިޔާރަތް ކުރިއެވެ. ހިސާން އާއެކު އަޅުގަނޑުވެސް އެ ގެއަށް ދިޔައިވެމެވެ. އެ ގެއިން އޮއްސާލީ ޝަކުވާގެ ގޯންޏެކެވެ. އެއީ އެގޭގެ މީހުންގެ ކަންބޮޑު ވުންތަކެވެ.

”އަހަރުމެން ނުޖެހޭނެ ދޯ އެމީހާ ބަލާކަށް، ކޮޓަރި ތެރޭގައި އެހެން އެ އޮންނަނި ސާފުވެސް ކޮށްނުލާ، ކުޑަކަމުގޮސް ބޮޑު ކަމުގޮސް ސާފުވެސް ނުކޮށް އޮންނަނީ ކޮޓަރި ތެރޭގަ، ކިހާ އުނދަގޫވާނެ ގޭތެރޭގަ އުޅެން، ދުވާ ވަހުން ނޯއް ދަމާލްން ނުކެރޭ، އުމުރުން ދުވަސްވީ މަންމައަކު އެބައޮތް، ކުޑަކުދިންވެސް އުޅޭ މިގޭގަ، އަހަރުމެން ބޭނުމީ މިގެން އެމީހާ ނެރެން“ މީ އެގޭ މީހުންގެ އިހުސާސްތައް އެމްބެސެޑަރާ ހިއްސާ ކުރި ގޮތެވެ.

އެގޭ މީހުންގެ ކަންބޮޑުވުމަކީވެސް ރަނގަޅު ކަންބޮޑު ވުމެކެވެ. އެގޮތަށް ނުބައި ވަސްދުވާ އުނދަގޫ ވާނަމަ އެގޭ މީހުންނަށްވެސް އުނދަގޫ ވަނެއެވެ. ދަތި ވާނެއެވެ.އެކަން ގަބޫލު ކުރަމެވެ.

އެހެން ނަމަވެސް އެގޭ ތެރެއިން އަހަންނަށައި ހިޝާން އަށްވެސް އިންޒާރެއް ލިބުނެވެ. އެއީ ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓާރު ސުނީތާ މުހައްމަދުގެ އިންޒާރެކެވެ. އެގެއަކީ ސުނީތާ އުޅޭ ގެއެވެ. ސުނީތާ ހީކުރީ އޭނާ ދެއްކި ވާހަކަތައް އަޅުގަނޑު ފޯނުން ދައްކާ ވާހަކަތައް ރިކޯޑް ކުރަނީ ކަމަށެވެ.

”ރެކޯޑް ކުރަނީ ދޯތީ؟ އަޅުގަނޑުގެ ވާހަކައެއް ނޫހަކަށްވެސް އަދި އެހެންގޮތަށްވެސް މީގެން ވާހަކައެއް އަޑުއިވިއްޖެއްޔާ ހުއްދަ ނުހޯދާ ރެކޯޑް ކުރީތީ ތި މީހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރާނަން“ ސުނީތާ އިންޒާރު ދިނެވެ.

މިއީ ހާއްސަ އެހީއަށް ބޭނުންވާ މީހާ މިވަގުތު އޮތް ގެއާއި އެމީހާ އަށް ކާންދީ ސާފު ކުރާ ހައްޖަގެ ޝަކުވާތަކެވެ. ދެން އޮތީ މިކަމާމެދު ކަމާ ބެހޭ ފަރާތްތަކުން ދެކޭ ގޮތެވެ. އެ ފަރާތްތަކުން މިހާތަނަށް ކުރީ ކޮންކަމެއްތޯއާއި އަދި ކުރަމުން އަންނަނީ ކޮންކަމެއް ކަމާމެދު އުފެދޭ ސުވާލެވެ. ޖެންޑާ މިނިސްޓްރީން ވަނީ އެމީހާއާ ހަވާލުވުމަށް ހައްޖައަށް އަންގާފައެވެ. އަދި އެއީ ދިވެއްސަކަށް ނުވާތީ ހަވާލު ނުވެވޭނެ ކަމަށް ބުނެފަ އެވެ. މި އަންހެން މީހާ މިވަގުތު އޮތް ގޭގެ ވެރިން ބޭނުންވަނީ އަހްހެން މީހާ އެގެއިން ނެރުމަށެވެ.

ހާއްސަ އެހިއަށް ބޭނުންވާ މީހުންގެ އެމްބެސަޑަރު އަހުމަދު ހިޝާން ވިދާޅުވީ އިންސާނަކަށް ވީތީ މުސްލިމަކަށް ވީތީ އެހާލުގައި އެ ފަރާތް އެގޭ ގެ ކޮޓަރި ތެރޭގައި ނުބާއްވާ މިހާރުން މިހާރަށް ކަމާ ބެހޭ ފަރާތްތަކުން އެމީހާއާ ހަވާލުވާން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެކަމާ އިހުމާލުވީ ކޮން ފަރާތަކުންތޯއާއި ޒިންމާވާނެ ފަރާތެއް ހުރިތޯ ބެލުމަކީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ކުރަން ޖެހޭ ކަމެއްކަމަށް ހިޝާން ވިދާޅުވިއެވެ.
”އަޅުގަނޑު ނޫސްވެރިއެއް ގޮވައިގެން އެގެއަށް ދިޔައީވެސް އެމީހަގެ ހާލަތު އާންމުންނަށްވެސް އަންގަން ބޭނުންވާތީ، މިކަމުގައި (އެ އަންހެންމީހާއަށް) އަޅާލުމުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނަން، ރާއްޖެއަކީވެސް ހިއުމަން ރައިޓްސްގެ އެކި މުއާހަދާތަކުގައި ސޮއި ކޮށްފައިވާ ގައުމެއް، އެ މުއާހަދާތަކުގައި ވާގޮތަށް ސަރުކާރުން އަމަލު ކުރަން ޖެހޭ‘ މިއީ ރާއްޖޭގެ ތާރީހަށްވެސް ހުތުރު އަރާ ކަހަލަ ކަމެއް“ ހިޝާން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން މިކަމާ ހަވާލުވެ ހުންނެވީ އެ މިނިސްޓްރީގެ ނައިބު މުހައްމަދު ޒާހިދު ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިކަމާ ބެހޭގޮތުން ޒާހިދުގެ ބަހެއް ހޯދާލުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ފޯނު ނުނަންގަވާތީ ޒާހިދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ނައިބު ސިދާތާ ޝަރީފް ވިދާޅުވީ ސަރުކާރުން އަމަލު ކުރާ އާންމު އުސޫލަކީ އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން ކަމަށާއި އެހެން ނަމަވެސް އެއީ ”ފޮރިނާ“ އެއް ވީމަ ސަރުކާރުގެ ހުއްދަނެތި ސްޓޭޓް ކެއާއަށް ނުގެނެވޭނެ ކަމަށެވެ.

”ފޮރިނާއެއް ވީމަ ސްޓޭޓް ކެއާއަށް ނުގެނެވޭނެ ދެއްތޯ ސަރުކާރުގެ ހުއްދައެއް ނެތިއެއް، އިންޑިއަން އެމްބަސީން ރެސްޕޮންސިބިލިޓީ ނަގާގޮތަށް ސްޓޭޓް ކެއާއަށް ގެންވިދާނެ އެމަސައްކަތް މިހާރު އަންނަނީ ކުރަމުން“ ސިދާތާ ވިދާޅުވިއެވެ.

ސިދާތާ އިތުރަށް ވިދާޅުވީ މި މައްސަލައިގަ އަމަލު ކުރާނެ ގޮތަކާމެދު ޖެންޑާ މިނިސްޓްރީއާއި އިންޑިއަން ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަން ވިއެވެ. އަދި މިކަމަށް ވީ އެންމެ އަވަހަކަށް ހައްލެއްވެސް ގެންނަން ވީއެވެ. ދެ މަސް ވަންދެން ހަވާލުވާނެ ފަރާތެއް ނެތި ރަނގަޅަށް އަޅާނުލެވި ހާއްސައެހީއަށް ބޭނުންވަ މީހަކު ގެއެއްގެ ކޮޓަރި ތެރޭގައި އޮތުމަކީ ކޮންމެވެސް ބައެއްގެ އިހުމާލެކެވެ. އެއީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެކެވެ. މިކަން ކަން ހުއްޓުވަން ޖެހެއެވެ. އަދި ހަރުދަނާ އުސޫލުތަކެއް އެކުލަވާލާ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހެއެވެ.

އަޕްޑޭޓް : ހަވާލުވާނެ ފަރާތެއް ނެތި ދެ މަސް ވަންދެން ކޮޓަރީގައި އޮތް ބިދޭސީ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

8 Responses

  1. ޕިސް ޕިސް ހެޔޮ ނުވާނެ އެވެސް އިންސާނެއް، ސަރުކާރު ހަރަދުގަ އެ އަންހެން މީހާ އިންޑިއާއަށް ފޮނުވަދޭންވީނު

  2. ﷲ ހަރާމް ކުރެއްވި ލަވަޔާ މިއުޒިކްގެ ޝޯ ތައް ބޭއްވުނީމަ ސަރުކާރަށް އެ ނިމުނީ،،އާހިރަތައް ވިސްނާލުމެއްނެތް މި ވެރިންނެއް

  3. މަޝްވަރާ ކޮއްގެން ގޮތެއްފެންނަންދެން އެމީހާ ބޭއްވުމަކީ ވ ދެރަކަމެއް ވަގުތުން ވަގުތައް އެހީބޭނުންވާނެ

  4. ކޮބާ ސިދާތާ ؟ ވަރަށް ސީރިއަސްކޮށް ބަލާވާހަކަ ބުނާނެ. އެކަމަކު އެހާ ސީރިއަސް ކޭސްތަކުގަ ކަމެއް ނުވޭ އަވަހަކަށް.

  5. އެ ކޮޓަރިއަށްވަދެވުން އެއްވެސް ފަހަރަކު ނުބައި ވަހެއް ނުދުވާ، ކޮޓަރި ހުންނަނީ ސާފުކޮއް. އެހީވާ ހުރިހާ ފަރާތްތަކަށް ހަމަ ސާބަސް

  6. ބަލަ އެކޮޓަރިއަށް ވަދެ ސާފު ކޮށް ހަދާ މީހަ ވަނުން މަނާ ކޮށް ހާދާފައެއް ކިޔާނެ ކަމެއްނެތް ދޯ ނުބިވަސް ދޮވައެކޭ ސާފު ނުކުރަނިއްޔޭ….:×

  7. މި ނިކަމެތި މީހާ ބެލި ހައްޖައަށް ސަރުކާރުން އާންމު ހިދުމަތުގެ އިނާމެއް ދޭވަރުވޭ….. މިޔޮއްހާ ދުވަހު ހިއްވަރުކޮށްގެން އެ ދެމަފިރިން ބަލާ، ފިރިމީހާ މަރުވުމުން އެމީހާ އެހާ އޯގާތެރިކަމާއެކު ބެލިކަމަށްޓަކައި…. މިޒަމާނަކު ނޫޅޭނެ ހައްޖަ ކަހަލަ އަންހެނުންނެއް…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *