އެފްޑީސީގެ ދެ ފްލެޓަކަށް ކުލި ނުދައްކާތީ އެއްބަސްވުން ބާތިލްކޮށް ތަން ހުސްކުރަން އަންގައިފި
ހުޅުމާލެ ފޭސް ދޭކުގެ އަމާން ޓަވަރުތަކުން ދެ ޔުނިޓެއްގެ ވެރިފަރާތް ގަވާއިދުން ކުލި ނުދެއްކުމާ ގުޅިގެން އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، 15 ދުވަހުގެ ތެރޭގައި ފްލެޓް ހުސްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އަންގައިފިއެވެ.
އެފްޑީސީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން އެ ދެ ޔުނިޓުގެ ވެރިފަރާތަށް ކުލި ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދީ، 135 ދުވަހުގެ މުހުލަތެއް ދިނެވެ. އެ މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވެއެވެ. ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން އެ ނޯޓިސްތައް ހަވާލުކުރި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކަނޑައެޅި މުއްދަތު ހަމަވިއިރު ވެސް ފައިސާ ނުދެއްކުމުން އެއްބަސްވުން ބާތިލްކޮށް، ނޯޓިސް ލިބޭ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ފްލެޓް ހުސްކޮށް އެފްޑީސީއާ ހަވާލުކުރަން ވަނީ އަންގައިފައެވެ. އެއާ އެކު، އެ ދެ ފަރާތުގެ އެފްޑީސީ ޕޯޓަލް އެކައުންޓުގެ އެކްސެސް ވެސް ވަނީ ކަނޑައިލައިފައެވެ.
"ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ނޯޓިސް ދެވި، ޒިންމާތައް އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާ އެކު، ހައުސިން ޔުނިޓްތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އެފްޑީސީން އަބަދުވެސް އިސްކަންދޭނެ އެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެފްޑީސީން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހުޅުމާލޭގައި އެ ކުންފުނިން އިމާރާތްކޮށްފައިވާ 4,000 ފްލެޓުގެ ތެރެއިން 3,362 ޔުނިޓެއްގެ ކުލި ގަވާއިދުން ދައްކަމުން ދެއެވެ. ނަމަވެސް ގަވާއިދުން ކުލި ނުދައްކާ 564 ޔުނިޓެއް އޮތް ކަމަށް މިދިޔަ މަހު 21 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
އެފްޑީސީން ބުނެފައިވާ ގޮތުގައި ފްލެޓް ހުސްކުރަން އަންގަނީ އެއްބަސްވުމުގެ އުސޫލުތައް ދަމަހައްޓައި، ހުރިހާ ފަރާތަކަށް ހަމަހަމަކަމާ އެކު އިންސާފު ޤާއިމުކުރުމުގެ ބޭނުމުގައެވެ.