ސައޫދީ ސުޕްރީމް ކޯޓުން ލަންކާ މީހާގެ މަރުގެ ޙުކުމް ބާޠިލްކޮށްފި
ސައުދީ އަރަބިއްޔާގައި މަރުގެ ޙުކުމް އިއްވާފައި ހުރި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ ޙުކުމް ސައޫދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.
އިސްލާމް ދީނާއި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރިކަން ސާބިތުވާކަމަށް ކަނޑައަޅައި ޢުމުރުން 27 އަހަރުގެ ސިވަރާސާގެ މައްޗަށް މަރުގެ ޙުކުމް އިއްވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މިދިޔަ ބުދަ ދުވަހު ސައޫދީ ސުޕްރީމް ކޯޓުން އެ ޙުކުމް ބާޠިލްކުރި ކަން ހާމަކުރީ ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރައެވެ.
މި މައްސަލަ ފެށުނީ ހިންދޫ ދީނީ އަޅުކަމެއްގައި ބައިވެރިވި ބައެއްގެ ފަހަތުން ކުއްތާއެއް ކޮއްޕާ ޒުވާން މުސްލިމެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ، ދީނީ ބަހުސެއް ފެށުނު ހިސާބުންނެވެ. އެ ބަހުސް ތެރޭގައި މީހަކު ހިންދޫ ދީނީ ޝަޚްޞިއްޔަތަކަށް ފުރައްސާރަކުރުމުން ސިވަރާސާ ތަމަޅަ ބަހުން ކީރިތި ރަސޫލާ ﷺ އަށް ބޭއަދަބީ ބަހެއް ލިޔެ ޕޯސްޓުކުރިއެވެ.
ވަގުތުން އެ ކޮމެންޓް ފޮހެލައި މާފަށް އެދި ވީޑިއޯއެއް ޝާއިޢުކުރި ނަމަވެސް، އެ ކޮމެންޓުގެ ސްކްރީންޝޮޓެއް ފެތުރި އޭނާ ވަޒީފާ އަދާ ކުރާ ފަރާތާއި ސައޫދީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައެވެ. އެ މައްސަލައިގަ އޭނާ ހައްޔަރު ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ.
ސިވަރާސާގެ މައްޗަށް އެންމެ ފުރަތަމަ އަލް އަޙްސާ ކްރިމިނަލް ކޯޓުން ކުރީ ފަސް އަހަރުގެ ޖަލު ޙުކުމަކާއި ތިން މިލިއަން ސައޫދީ ރިޔާލް (800,000 ޑޮލަރު) ގެ ޖޫރިމަނާއެކެވެ. ނަމަވެސް ފަހުން އިސްތިޢުނާފީ ކޯޓުން މަރުގެ ޙުކުމަށް ބަދަލުކުރީއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ދެން ހިނގާނެ ޤާނޫނީ މަރުހަލާއެއް ނުވަތަ ބަންދުގައި ބެހެއްޓޭނެ މުއްދަތެއް އަދި ސާފެއް ނޫނެވެ. ސިވަރާސާގެ ޢާއިލާ ބުނާ ގޮތުގައި ސެޕްޓެމްބަރު 28 ގެ ފަހުން އޭނާއާ ސީދާ ގޮތެއްގައި މުޢާމަލާތެއް ނުކުރެވެއެވެ.
ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ފައިޒާ މުޞްޠަފާ ބީބީސީ ސިންހަލައަށް ބުނީ ސައޫދީ ކޯޓުން މަރުގެ ޙުކުމް ބާޠިލްކޮށްފައިވާ ކަން ކަށަވަރުވެފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުން ދިރާސާކުރަމުން ގެންދާ ކަމަށެވެ.
ސިވަރާސާގެ މައްސަލައިގައި ލަންކާ ސަރުކާރުން ސައޫދީ ޢަރަބިއްޔާއާ ޑިޕްލޮމެޓިކް ފެންވަރުގައި މަޝްވަރާކުރަމުން ގެންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަންކާ ސަރުކާރުން ވަނީ ސައުދީގެ މި ނިންމުމަކީ ދެގައުމުން ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާގެ ނަތީޖާ ކަމަށެވެ.