Advertisement

އުމުރުން 30ން މައްޗަށް ދިޔައިމަ ބިހި ނެގުން، ސަބަބުތަކާއި ހައްލު ހޯދާނެ ގޮތް!

14 Oct 2026 | 17:00
މޫނުގައި ބިހިނެގުން ހޯމޯންތަކަށް އަންނަ ބަދަލާއި ގުޅޭ --

ފުރާވަރު ފާއިތުވެ ދާތާ އެތައް އަހަރެއް ފަހުން ވެސް މޫނުގައި ބިހި ނަގަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ޒުވާން ދުވަސްވަރު ބިހީގެ މައްސަލަ ނިމޭނެ ކަމަށް ހީކޮށްގެން ތިއްބައި، 30 ނުވަތަ 40 ގެ އުމުރުފުރައިގައި ވެސް ބިހި ނެގުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ބައެއް މީހުންނަށް ކުރިން ދުވަހަކު ވެސް ނެތް މައްސަލައެއް މުޅިން އަލަށް ފެށޭ އިރު، އަނެއް ބައި މީހުންގެ ހަންގަނޑު ސާފުކޮށް ހުރެފައި ކުއްލިއަކަށް ބިހި ނެގެން ފެށެއެވެ.

Advertisement

މި ކަމުގެ ފަހަތުގައި ހޯމޯންތަކަށް އަންނަ ބަދަލާއި، ސްޓްރެސް އާއި، ކެއުމުގެ ބައެއް އާދަތަކާއި، ބޭނުންކުރާ މޭކަޕް ޕްރޮޑަކްޓުތައް ވެސް ހިމެނެއެވެ.

އިންޑިއާގެ އާޓެމިސް ހޮސްޕިޓަލުގެ ޑާމަޓޮލޮޖީ ކޮންސަލްޓެންޓް ޑރ. ޝިފާ ޔާދަވް ބުނެފައިވާ ގޮތުގައި ބިހި ނެގުން ފުރާވަރާ ގުޅިފައިވީ ނަމަވެސް، އެހެން ހަމުގެ މައްސަލައެއް ނެތް މީހުންނަށް ވެސް 30 އާއި 40 ގެ އުމުރުގައި ބިހި ނެގުމަކީ ވެދާނެ ކަމެކެވެ. ހެއާ ފޮލިކަލްތައް ތެލާއި މަރުވެފައިވާ ހަމުގެ ސެލްތަކުން ބެދުމުން ބިހި ނަގައި، ހަންގަނޑުގެ ދަށުގައި ތަދުވާ ބިހިތައް އުފެދެއެވެ.

ސްޓްރެސް އަކީ ވެސް ބާރުގަދަ އަސަރެއް ކުރާ ކަމެކެވެ. ޑރ. ޝިފާ ބުނީ ނިދި މަދުވުމުން ހަށިގަނޑުގެ ސްޓްރެސް މެނޭޖުކުރުމުގެ ޤާބިލުކަން ދަށްވެ، ހަންގަނޑަށް އިތުރަށް ގޯސް އަސަރު ކުރާ ކަމަށެވެ.

ހޯމޯނަށް އަންނަ ބަދަލަކީ މީގެ މައިގަނޑު އެއް ސަބަބެވެ. ޕީރިއަޑްވުމާއި، ބަނޑުބޮޑުވުމުގައި އަދި ޕެރިމެނޮޕޯޒް ދުވަސްވަރު ހޯމޯން ބަދަލުވެ ތެޔޮ އުފެއްދުން އިތުރުވެއެވެ. ޕީސީއޯއެސް ވެސް ބިއްސާ ގުޅިފައިވާ ކަމެއް ކަމަށް ފާހަގަވެއެވެ.

މެރެންގޯ އޭޝިއާ ހޮސްޕިޓަލުގެ ސީނިއާ ޑާމަޓޮލޮޖީ ކޮންސަލްޓެންޓް ޑރ. ޕްރިޔަންކާ ހެމްރާޖަނީ ބުނީ، އިންސިއުލިން ރެސިސްޓެންސް ވެސް ހޯމޯންގެ ހަރަކާތަށް ބަދަލު ގެނެސް ތެޔޮ އުފައްދާވަރު އިތުރުވާ ކަމަށެވެ.

ކެއުމުގެ ވައްޓަފާޅިއަށް ބެލި ނަމަވެސް، ހަކުރު ގިނައިން ހިމެނޭ ކާނާ އާއި ރިފައިންޑް ކާބޯހައިޑްރޭޓާއި ޑެއިރީ ޕްރޮޑަކްޓް އަދި ވެއި ޕްރޮޓީން ސަޕްލިމެންޓް ބައެއް މީހުންގެ ބިހި ނެގުމާ ގުޅުން ހުރި ކަމަށް ޑރ. ހެމްރާޖަނީ ފާހަގަކުރައްވައެވެ. ނަމަވެސް ކެއުމުން އެއްކޮށް ވަކި ބާވަތެއް އުނިކުރުމުގެ ކުރިން ހަމުގެ ޑޮކްޓަރެއްގެ ލަފައެއް ހޯދުން ރަނގަޅެވެ.

ބޭނުންކުރާ ޕްރޮޑަކްޓުތަކުގެ ސަބަބުން ވެސް ހަންގަނޑުގެ ޕޯތައް ބެދި "އެކްނީ ކޮސްމެޓިކާ" ކިޔާ ބާވަތެއްގެ ބިހި ނަގާފާނެ އެވެ. ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ވެސް ހަންގަނޑު ދުޅަވެ ބިއްސަށް ގޯސް އަސަރު ކުރާ ކަމަށް ޑރ. ހެމްރާޖަނީ ބުނެފައިވެ އެވެ. ޑރ. ޝިފާ ބުނާގޮތުގައި ބޮޑެތި މީހުންގެ ބިހި ނެގުމަކީ ސާފުތާހިރުކަން ކުޑަވީމައި ވާ ކަމެއް ނޫން ކަމަށެވެ.

އަމިއްލަ ހަންގަނޑުގައި ތަދުވެ ދުޅަވާ ބިހި ތަކުރާރުކޮށް ނެގި، ލަކުނު ހެދެން ފެށިއްޖެ ނަމަ، ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދައި، ސީދާ ސަބަބު ދެނެގަތުން މުހިންމެވެ. ޕީރިއަށް ގަވާއިދުން ނުވުމާއި މޫނުގައި އާދަޔާ ޚިލާފަށް ލޯލި ފެޅުން ފަދަ ޢަލާމާތެއް ހުރި ނަމަ، ހޯމޯނާ ގުޅުން ހުރި މައްސަލައެއް ހުރިތޯ ބެލުން ޑރ. ޝިފާ ލަފާ ދެއެވެ.

ކުއްލިއަކަށް ފެންނަ ކޮންމެ ޕްރޮޑަކްޓެއް ގަތުމުގެ ބަދަލުގައި، ދިރިއުޅުމުގެ ވައްޓަފާޅީގައި ބަދަލެއް އައިތޯ ބަލައި، ފަންނީ ލަފައެއް ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

Advertisement

ކޮމެންޓް