Advertisement

އަބުޗާ ދޫކޮށްލި މައްސަލަ ބެލުމަށް ޕެރޯލް ބޯޑުގެ މެންބަރުން މަޖިލީހަށް ހާޒިރުކުރަނީ

14 Oct 2026 | 17:15
އަބުޗާ --

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގި ކަމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކުރި މައްސަލަ ތަޙުޤީޤުކޮށް، ޕެރޯލް ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ ހުށަހެޅުމުގައި، ބޮޑު ކުށެއްގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު ދޫކޮށްލުމުގައި ޕެރޯލް ބޯޑުގެ މެންބަރުންނަށް ޤާނޫނީ ގޮތުން އޮޅުން އެރި ސަބަބާއި، ދޫކޮށްލުމަށް ފަހު އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރެވޭނެ ޤާނޫނީ އިޖުރާއަތު ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

Advertisement

ހަމައެއާ އެކު، އެ ނިންމުމުގެ މަރުޙަލާގައި ހޯމްލޭންޑް މިނިސްޓްރީއާ މުޢާމަލާތްކުރެވިފައިވާ ނަމަ އެ މަޢުލޫމާތު ހޯދުމަށް ވެސް ހުށަހެޅުމުގައި ހިމަނުއްވާފައިވެއެވެ.

ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފު ރަޝީދެވެ. ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން ވެސް އެ ހުށަހެޅުމަށް ތާއީދުކުރެއްވިކަމަށް ވެއެވެ.

ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރަނިކޮށް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކަނޑުމަތިން އަތުލައިގަތް އަބުޗާގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ކޮންމެ ދައުވާއަކަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ޕީޖީ އޮފީހާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙުކުމުގެ އެއްބައި އުނިކޮށްފައިވީ ނަމަވެސް، ދޫކޮށްލިއިރު ޖަލުގައި ހޭދަވެފައި ވަނީ އެންމެ ފަސް އަހަރެވެ. އެހެންކަމުން ބާކީ 20 އަހަރު ތަންފީޒުނުކޮށް އޮތެވެ. މި މަހުގެ ހަ ވަނަ ދުވަހު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

މި މައްސަލަ ފެންމަތިވުމާ އެކު، އެކި މުއައްސަސާތައް ތަމްސީލުކުރައްވާ މެންބަރުން ހިމެނޭ ގޮތަށް އެކުލަވައިލާފައި އޮތް ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މިހާރު ވަނީ ބޯޑުން ވަކިކޮށްފައެވެ. ކޮމިޓީން މި މައްސަލަ ތަޙުޤީޤުކޮށް ރައްޔިތުންނަށް ޖަވާބުދާރީވާނެ ކަމަށް މިއަދުގެ ބައްދަލުވުމުން ނިންމާފައިވެއެވެ.

Advertisement

ކޮމެންޓް