ހަފްތާއެއްގެ ތެރޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު އެކަކަށް މަދުވެއްޖެ
މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވަނީ ހިމަބިހީގެ އެންމެ ކޭސްއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން އޭގެ ކުރީ ހަފުތާގައި މާލެ ސަރަހައްދުން ރިޕޯޓުކޮށްފައި ވަނީ ހިމަބިހި ޖެހިގެން ދެމީހުންނެވެ. މި ކޭސްތަކާއި އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 287 އަށް އަރައިފައެވެ.
ހިމަބިހިން ދިފާޢުވުމަށް ޖަހާ ވެކްސިން މި އަހަރުގެ މިހާތަނަށް 16,503 މީހުން ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުގައިވެއެވެ.
ހިމަބިހި ނައްތައިލެވިފައިވާ ޤައުމެއްގެ ދަރަޖަ ރާއްޖެއަށް ލިބިފައި ވަނިކޮށް، މި އަހަރުގެ މެއި މަހުގެ ތެރޭގައި ބަލި އަލުން ފެތުރެން ފެށިއެވެ. އަލުން ފެތުރެން ފެށުނު ދުވަސްވަރު ކޮންމެ ހަފުތާއެއްގައި ގިނަ ޢަދަދެއްގެ ކޭސް ފެނުނު ނަމަވެސް، ފަހުން ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ.
ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ކަން ޔަގީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިން ސެންޓަރުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ކުރިން ވެސް އިލްތިމާސްކޮށްފައިވެއެވެ. ހަމައެއާ އެކު، ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނިކުންނަން ފެށިއްޖެ ނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް ވެސް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔަކަށް ވާތީ، ބަލީގެ ޢަލާމާތްތަކަށް ސަމާލުވުމަކީ ހިމަބިހި އިތުރަށް ފެތުރުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ޞިއްޙީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.