ޓިނުން ހަދާފައިވާ ގެއެއްގައި ދިރިއުޅޭ އާއިލާއަކަށް ގެއެއް އަޅައިދެނީ - އެހީ ވުމުގެ ފުރުޞަތު އެންމެނަށް
ހއ. ބާރަށުގައި ޓިނުން ހަދާފައިވާ ގެއެއްގައި ގަދަ ހޫނުގައި ދިރިއުޅެމުންދާ ނިކަމެތި އާއިލާއަކަށް ގެއެއް ބިނާކޮށްދިނުމުގެ މަސައްކަތް އެހީ ޖަމިއްޔާއިން ފަށައިފިއެވެ.
މުޅިންވެސް ޓިނުން ހަދާފައިވާ މި ގޭގައި ދެމަފިރިންނާއި އެ މީހުންގެ 13 އަހަރުގެ ދަރިފުޅު ދިރިއުޅެމުންދާތާ ތިން އަހަރު ވެއްޖެއެވެ. ގޭގައި ހުންނަނީ އެންމެ ކޮޓަރިއަކާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ފާޚާނާއެކެވެ. ސީލިންގެއް ނެތި ޓިނުން ހިޔާކޮށްފައި ހުރުމުން ގޭތެރޭގެ ހޫނުމިން ހުންނަނީ ނުހަނު މަތީގައެވެ. ގޭގައި ހުރި ދެ ފަންކާގެ ތެރެއިން ސިޓިން ރޫމުގައި ހުރި ފަންކާ ވެސް ވަނީ ހަލާކުވެފައެވެ.
"ނަމާދު ކޮށްލަންވެސް ޖެހެނީ ފެންވަރައިގެން ނުކުންނަ ގޮތަށް ފަންކާ ނުޖަހައި. ފަންކާ ޖަހައިގެން ނަމާދު ނުކުރެވޭ. ހޫނު ފައިބާހެން ހަމަ ހީވަނީ،" ކަމަށް އެ ގޭގައި ދިރިއުޅޭ އަންހެން މީހާ ބުންޏެވެ.
އާއިލާގެ ފިރިހެން މީހާއަކީ ކުރިން ރިސޯޓެއްގައި ވަޒީފާ އަދާކުރި މީހެކެވެ. ނަމަވެސް މަސައްކަތުގެ ތެރޭގައި ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ވަޒީފާ ދޫކޮށްލަން ޖެހި، މިހާރު ބުރަ މަސައްކަތް ކުރުން ޑޮކްޓަރުން ވަނީ މަނާކޮށްފައެވެ. ބާރަށު ކައުންސިލްގެ ރައީސް ޞަފްޢަތު މުޙައްމަދު ވިދާޅުވީ، އެ މީހާއަކީ ސްޓްރޯކް ޖެހިގެން ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި، އާމްދަނީ ހޯދުމަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. އެ އާއިލާ ދިރިއުޅެމުންދަނީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ފަދަ ތަނެއްގައި ނޫން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެހީ ޖަމިއްޔާގެ "އެހީވާނަން" ޕްރޮޖެކްޓް މެދުވެރިކޮށް އެ އާއިލާއަށް ގެއެއް ބިނާކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕްރޮޖެކްޓަކީ ހއ. ދިއްދޫގެ "ދި ފައުންޑޭޝަން" ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އާއިލާގެ ހާލަތު ދި ފައުންޑޭޝަނުން ވަނީ ސީދާ އެ ގެއަށް ޒިޔާރަތްކޮށް ގާތުން ބަލައި ކަށަވަރުކޮށްފައެވެ. އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އިސްލާމިކް އެކައުންޓް ނަންބަރު 7770000014819 (އެހީ ޖަމިއްޔާ) އަށް ފައިސާ ޖަމާކުރެވޭނެއެވެ. މިއީ މި ރޯދަމަހު އެ ޖަމިއްޔާއިން އިއުލާންކުރާ ދެ ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓެވެ.