މުދަލުގައި އަގު ނުޖަހާ ވިއްކަން ބަހައްޓާ ވިޔަފާރިތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
ފިހާރަތަކުގައި ވިއްކަން ބަހައްޓާ މުދަލުގައި ކަސްޓަމަރުންނަށް ސާފުވާ ގޮތަށް އަގު ޖެހުމަށް އެންގުމާ އެކު، އެ އުސޫލާ ޚިލާފުވާ ވިޔަފާރިތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން މިއަދު ދީފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ހުންނަ ގިނަ މުދަލެއްގައި ގަންނަ ފަރާތަށް ސާފުވާ ގޮތަށް އަގު ޖަހާފައި ނެތް ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދެއެވެ.
ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ބުނާ ގޮތުން، އަގު ސާފުކޮށް ނޭނގޭ ގޮތަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެކެވެ.
އެ ޤާނޫނުގެ ދަށުން މުދަލުގައި އަގު ޖެހިފައިވާ ކަމަށް ބެލެވެނީ މައިގަނޑު ދެ ހާލަތެއްގައެވެ. ފުރަތަމަ ގޮތަކީ ސީދާ މުދަލުގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި އަގު ފެންނާނެހެން ބެހެއްޓުމެވެ. ދެވަނަ ގޮތަކީ މުދާ ހުރި ތަނުގައި އަގު ލިޔެ ނުވަތަ ހަރުކުރުމާ އެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ޔަގީންވާ ގޮތަށް ހުރުމެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓާ ކުރާނެ ކަމަށް ބުނެފައެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާ މެދު އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި އެންގުމާ އެކު، މުދާ ވިއްކާ ހުރިހާ ފަރާތްތަކުން ޤާނޫނާ އެއްގޮތަށް އަގު ފެންނަ ގޮތަށް ބެހެއްޓުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.