ދިވެހި ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިންޑިއާގެ 25 މަސްވެރީން ސަލާމަތްކޮށްދޭން ޢާއިލާތަކުން އެދިއްޖެ
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތް އިންޑިއާގެ ތިން މަސްބޯޓާއި 25 މަސްވެރީން ދޫކޮށްލުމަށް އެ ގައުމުގެ މަސްވެރީންގެ އާއިލާތަކުން ސަރުކާރަށް ބާރު އަޅަން ފަށައިފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ތިން ބޯޓު ހިފަހައްޓާފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިފެހެއްޓި ތިން ބޯޓުގެ ވެރީންނަކީ ރަމޭޝް ކުމާރާއި ސޫސައި ޕެކިޔާމާއި މައިކަލް ޖެކްސަންއެވެ. ސޫތުކުޅި ކައިރީގައި އޮންނަ ތާރުވައިކުލަމް އިން ފުރައިގެން ދިޔަ މި ތިން ބޯޓުގައި ތިބި 25 މަސްވެރީންގެ ތެރެއިން 20 މީހުންނަކީ ސޫތުކުޅި ޑިސްޓްރިކްޓުގެ ތާރުވައިކުލަމާއި ތާލަމުތުނަގަރާއި ވެމްބާރަށް ނިސްބަތްވާ ބައެކެވެ. ބާކީ ހަތަރު މީހުންނަކީ ރާމަނާތަޕޫރަމް ޑިސްޓްރިކްޓުގެ ނަރިއްޕައިޔޫރާއި އެރުވާޑީގެ މީހުންނެވެ. އަނެއް މީހާ ނިސްބަތްވަނީ ޕުޑުޗެރީއަށެވެ.
ހިފެހެއްޓި މަސްވެރީންގެ އާއިލާތަކާއި ބޯޓުތަކުގެ ވެރީން ވަނީ އަންގާރަ ދުވަހު ސޫތުކުޑީގެ މަސްވެރިކަމާ ބެހޭ އެސިސްޓެންޓް ޑައިރެކްޓަރުގެ އޮފީހުގެ ކުރިމަތީގައި މުޒާހަރާކޮށް، މަސްވެރީންނާއި ބޯޓުތައް ވީ އެންމެ އަވަހަކަށް ސަލާމަތްކުރުމަށް ގޮވާލައިފައެވެ. އެ ފަރާތްތަކުން ވަނީ މަސްވެރިކަމާ ބެހޭ މިނިސްޓަރު ސްރީނާތު ސީދާ މައްސަލައިގެ ތެރެއަށް ވެދެވަޑައިގެން، ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ މެދުވެރިކޮށް މަރުކަޒީ ސަރުކާރާ ހަމައަށް މައްސަލަ ގެންދިއުމަށް އެދިފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓުތައް ވަދެ ގާނޫނާ ހިލާފަށް މަސްވެރިކަން ކުރުމުގެ މައްސަލައިގައި ކޯސްޓްގާޑުން ދޭތެރެދޭތެރެއިން މި ފަދަ އޮޕަރޭޝަންތައް ހިންގައެވެ.