އިންޑިއާގެ ފުލުހުންގެ އިސްވެރިއަކު ނޫސްވެރިންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު!
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެކި މުޒާހަރާތައް ކަވަރުކުރަމުންދިޔަ އަންހެން ނޫސްވެރިންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ވިވެކް ބާގަތަށް ކޮށް، ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން އެބަދެ އެވެ.
ރިޕޯޓުތައް ބުނާޣޮތުގައި އޮކްޓޫބަރު ތިނެއްގައި ޖަންތަރު މަންތަރު ސަރަހައްދުގައި ރަސްމީ ޑިއުޓީގައި ހުރި ބާގަތު، އޯލް އިންޑިއާ ސްޓޫޑެންޓްސް އެސޯސިއޭޝަން (އައިސާ) ގެ އެކްޓިވިސްޓެއް ހައްޔަރުކުރި މަންޒަރު ރެކޯޑްކުރަމުންދިޔަ އަންހެން ނޫސްވެރިއެއްގެ ގައިގައި އަތްލާން ނުޖެހޭ ގޮތަކަށް އަތްލައި، އަންހެން ފުލުހުން ނެތް ސަބަބާ މެދު ސުވާލުކުރުމުން އެ ނޫސްވެރިޔާ ކޮށްޕާލި ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ ނޫސްވެރިޔާގެ އިތުރުން އެހެން ދެ އަންހެން ނޫސްވެރިއެއް ވެސް ފުލުހުންނަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވެއެވެ. މި ތިން ޝަކުވާ ވެސް ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗަށް ވަނީ ފޮނުވައިފައެވެ.
ބާގަތާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާ ކުރުމަށް ގޮވާލާ އަޑު ގަދަވެފައިވަނިކޮށް، އޮކްޓޫބަރު ހައެއްގައި ދިއްލީ ފުލުހުން ހައްޔަރުކުރީ ހަރިޔާނާގެ ޕެލްވަލް ސަރަހައްދުން ފިރިހެނެކެވެ. އެ ފިރިހެންމީހާ ހައްޔަރުކުރީ ބާގަތު ނޫސްވެރިޔާއާ މެދު ގޯސްކޮށް ކަންކުރާ ދޮގު ވީޑިއޯއެއް ފެބްރިކޭޓްކޮށް ފެތުރި ކަމުގެ ތުހުމަތުގައެވެ.
ނަމަވެސް ބާގަތާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާ ނުކުރެއެވެ. މީގެ އިތުރުން 2018 ވަނަ ބެޗުގެ އޮފިސަރެއްގެ ގޮތުގައި ބާގަތަށް ވަގުތީ ޕްރޮމޯޝަނެއް ވެސް ދީފައިވެއެވެ. ފަހުން ތަހުގީގު ނިމެންދެން އާ މަގާމާ ހަވާލުނުވެ ހުންނަން ބާގަތު އެދުމުން ސަރުކާރުން އެ އެންގުން ބަދަލުކުރާނެ ކަމަށް ބުނެފައިވެއެވެ.
އިންޑިއާގައި އަނެއްކާވެސް ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ވަނީ ފަށާފައި އެވެ. މިފަހަރު މުޒާހަރާތަކުގެ އަމާޒަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މަގާމުން ދުރުކުރުމެވެ. ނަމަވެސް މިހާތަނަށް ސަރުކާރާއި އިލެކްޝަންސްގެ ރައީސް އިސްތިއުފާ ދިނުމާއި މެދު ވާހަކަދައްކާފައެއް ނުވެ އެވެ.