Advertisement

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅައިފި

14 Oct 2026 | 20:04
-

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

މި ބަދަލު ގެންނަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުންނެވެ. އެ މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން ހަތް ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތް ކުރިއަށް ގެންދާއިރު، ޤަވާއިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މަޢުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ޙިއްޞާކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެހެންކަމުން ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓު ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.

މާލެ އަދި ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުޙަލާގައި ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ސަރަޙައްދުތައް ވެސް ކަނޑައަޅައިފައިވެއެވެ. އެގޮތުން ހޮސްޕިޓަލުތަކާއި ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ސްލޮޓުތައް ހިމެނެއެވެ.

މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެއެވެ. އަދި ހުޅުމާލެ ފޭސް އެކެއްގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް ދޭއްގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި މި ނިޒާމު ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް