Advertisement

މަޝްހޫރު ގެޓީ އިމޭޖެސް ބަނގުރޫޓުވިކަން އިއުލާނުކޮށްފި

14 Oct 2026 | 09:10
ގެޓީ އިމޭޖްސްގެ ފޮޓޯގްރަފަރުންތަކެއް --

ފޮޓޯ އާއި ވީޑިއޯ ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގެޓީ އިމޭޖެސް ބަނގުރޫޓުވެއްޖެކަން އިއުލާނުކޮށްފި އެވެ. 

ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި އެ ކުންފުނިން ޗެޕްޓާ 11ގެ ދަށުން އަވަސް ޕްރީޕެކޭޖްޑް ޕްރޮސެސެއް ފެށުމަށް ރާވާފައިވެއެވެ. މި ނިންމުން އައީ، ވާދަވެރި ޝަޓާސްޓޮކާ އެކު ކުރިން ރޭވި މާޖާ އެއްބަސްވުން ފެއިލްވެ، ބޮޑު ދަރަންޏެއް ބޮލުގައި އެޅި، އޭއައި ބޭނުންކޮށްގެން އުފައްދާ ތަސްވީރުތަކުގެ ވާދަވެރިކަން ބޮޑުވަމުން ދިއުމާ ގުޅިގެންނެވެ.

Advertisement

މިހާރު އެ ކުންފުނިން ނިންމާފައިވަނީ ދަރަނި އަލުން އެކުލަވައިލުމުގެ ތެރެއިން ބެންކްރަޕްސީ ހުށަހެޅުމަށް ފަހު އެއްކޮށް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވާށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދަރަނި އަލުން ރޭވުމުގެ މަސައްކަތް ނިމުމުން ގެޓީ ޢާއިލާގެ ގޮފިތަކާއި ކޮކް އިކުއިޓީ ޑެވެލޮޕްމެންޓުން އެ ކުންފުނީގެ 100 އިންސައްތަ ހިއްސާ ނަގާނެއެވެ. އެ ދެ ފަރާތުން 533 މިލިއަން ޑޮލަރާ ހަމައަށް އައު އިކުއިޓީ ފައިނޭންސް ކުރުމަށް ވެސް އެއްބަސްވެފައިވެއެވެ.

މީގެ އިތުރުން ކޮކް އިކުއިޓީ ޑެވެލޮޕްމެންޓުން 143 މިލިއަން ޑޮލަރާ ހަމައަށް ވަކި ފައިނޭންސިންގ ޕެކޭޖެއް ވެސް ފޯރުކޮށްދޭނެއެވެ. ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން، ގެޓީގެ ގެރެންޓީއެއް ނެތް ބޮންޑު ހޯލްޑަރުން 270 މިލިއަން ޑޮލަރުގެ ބޮންޑު ދޫކޮށްލުމަށް އެއްބަސްވެ، ގެރެންޓީ ކޮށްފައިވާ ލެންޑަރުންނާ ދެމެދު އިންޓެރެސްޓް ރޭޓް ދަށްކޮށް ދަރަނީގެ މުއްދަތު ދިގުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ބެންކްރަޕްސީ ޕްރޮސެސް ކުރިއަށް ދާ ދުވަސްވަރު ވެސް ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށާއި، ވެންޑާތަކަށް ފައިސާ ފުރިހަމައަށް ދައްކާނެ ކަމަށެވެ.

ރޮއިޓާސް އާއި އެސޯސިއޭޓެޑް ޕްރެސް ފަދަ ކުންފުނިތަކާ ވާދަކުރާ ގެޓީ، 2022 ގައި ސްޕެޝަލް ޕާޕަސް އެކުއިޒިޝަން ކުންފުންޏެއް މެދުވެރިކޮށް ގާތްގަނޑަކަށް 4.8 ބިލިއަން ޑޮލަރުގެ އަގެއްގައި ހިއްސާގެ ބާޒާރަށް ނުކުތް ނަމަވެސް، އޭގެ ފަހުން ހިއްސާގެ އަގުން ގާތްގަނޑަކަށް 99 އިންސައްތަ ގެއްލިފައިވެއެވެ.

ޖޫން 30 ގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ދަރަނި ގާތްގަނޑަކަށް 2.1 ބިލިއަން ޑޮލަރަށް އެރި އިރު، ހުކުރު ދުވަހުގެ ބާޒާރު ބަންދުވި ވަގުތު ކުންފުނީގެ މާކެޓް ވެލިއުއޭޝަން ހުރީ އެންމެ 20.74 މިލިއަން ޑޮލަރުގައެވެ. ނިއު ޔޯކް ސްޓޮކް އެކްސްޗޭންޖުން ސެޕްޓެމްބަރު މަސް ނިމެނިކޮށް ކުންފުނީގެ ހިއްސާ ލިސްޓުން ނެގުމުގެ ރަސްމީ މަރުހަލާ ވެސް ފަށާފައިވެއެވެ. ގެޓީން ލަފާކުރާ ގޮތުގައި މި މުޅި ރީސްޓްރަކްޗަރިން ޕްރޮސެސް މި އަހަރު ނިމުމުގެ ކުރިން ފުރިހަމަ ވާނެއެވެ.

Advertisement

ކޮމެންޓް