އެމްއެމްޕީއާރުސީ ޚިޔާނާތް ހިންގީ ޔާމީންގެ ސީދާ އިރުޝާދަށް ކަމަށް ދައުލަތުން ބުނެފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެންގެވި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޚުލާޞާ ބަޔާން އިއްވުމުގެ ތެރޭގައި، އެމްއެމްޕީއާރުސީގެ މުޅި ކޮރަޕްޝަން ހިންގީ ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން ކަމަށް ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ދައުލަތުގެ ވަކީލް އަޙުމަދު ޝަފީޢު އެ ވާހަކަ ހާމަކުރެއްވީ ފުއްގިރި މައްސަލައިގައި ޚުލާޞާ ބަޔާން ހުށަހަޅުއްވަމުންނެވެ. ޝަފީޢު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ޢަމަލީ ގޮތުން ހިންގެވި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޓޫރިޒަމް މިނިސްޓަރު ކަމަށް ޢައްޔަންކުރެއްވީ ޚުދު ޔާމީނެވެ.
އަދީބާ ގުޅޭ ކޮރަޕްޝަންގެ މަޢުލޫމާތު ލިބެމުން ދަނިކޮށް ނައިބު ރައީސް ކަމަށް ވެސް ޢައްޔަންކުރެއްވި ކަމާއި، ޓޫރިޒަމަށް ރަށްރަށް ކުއްޔަށް ދޫކުރުމުގެ ބާރު އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކުރި ކަމަށް ވެސް ޝަފީޢު ވިދާޅުވިއެވެ. އެ ހުރިހާ ކަމެއްގައި ޔާމީން އަދީބަށް ކުރެއްވި އިތުބާރު ގުޅިފައި އޮތީ ފައިސާއާ ކަމަށް ދައުލަތުން ފާހަގަކުރެއްވިއެވެ.
ފުއްގިރީގެ މުޢާމަލާތާ ގުޅޭ ގޮތުން ޝަފީޢު ވިދާޅުވީ، ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް 1.5 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރިއިރު، އެ ރަށުގެ އަގު ފަސް މިލިއަން ޑޮލަރާ ގާތްކުރާ ކަމަށެވެ. ޔާމީންގެ ފަރާތުން ބުނެފައިވާ ގޮތުން، ކުރިން ހަތަރު ލައްކަ ޑޮލަރަށް ދޫކުރަން ނިންމާފައި އޮތް ނިންމުން ފަހުން ބަދަލުކުރީއެވެ.
ދައުލަތުން ބުނީ އެ ސަރުކާރުގެ ރޭވުމެއްގެ ގޮތުގައި އޮތީ ރަސްމީ އަގެއްގެ ގޮތުގައި ހަތަރު ލައްކަ ޑޮލަރު ދައުލަތަށް ވައްދައި ބާކީ ބައި ޔާމީނާއި ޕީޕީއެމްއަށް ވެއްދުން ކަމަށެވެ. ނަމަވެސް ޤާނޫނީ މައްސަލަތައް ދިމާވެދާނެތީ ދުބާއީ ކުންފުނިން އެ ރޭވުމަށް އެއްބަސްނުވީ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ރަސްމީ އަގެއް ކަމުގައި 1.5 މިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، ޔާމީނަށް ލިބުނު ފައިސާ ހިމެނޭ ގޮތުން އެ ކުންފުނިން ޖުމްލަ 2.6 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ދައުލަތުން ފާހަގަކުރެއްވިއެވެ.
ފުއްގިރި މައްސަލައިގައި ތުހުމަތު ކުރެވުނު އެހެން ހުރިހާ ފަރާތެއްގެ ދަޢުވާ ދޫކޮށްލައި ޔާމީންގެ މައްސަލަ އެކަނި ކުރިއަށް ގެންދާތީ ދިފާޢީ ޓީމުން ސުވާލު އުފެއްދިއެވެ. އެކަމަށް ރައްދު ދެއްވައި ޝަފީޢު ވިދާޅުވީ ޔާމީނާ އެއް ޙާލަތެއްގައި ހުރި ބޭފުޅަކު އެ މައްސަލައިގައި ނެތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން އެ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމަކީ އެހެން ފަރާތްތަކާ އާދަޔާ ޚިލާފު ބޮޑު ފަރަޤެއް ހުރި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ފުއްގިރީގެ ކޮރަޕްޝަނަކީ ޔާމީނަށް ރިޝްވަތުގެ ފައިސާ ހޯދަން ހިންގި ކޮރަޕްޝަނެއް،" ވަކީލް ވިދާޅުވިއެވެ.
ޚުލާޞާ ބަޔާން އިއްވުމާ އެކު ފުއްގިރި މައްސަލައިގެ ޝަރީޢަތް ނިމުމަކާ ހަމައަށް އައިސްފައިވާއިރު، ޤާނޫނުގައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ޙުކުމް އިއްވަންޖެހެއެވެ. މީގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގި ކަމަށް ބުނާ ވަކި މައްސަލައެއް ވެސް ހައި ކޯޓުގެ އެންގެވުމާ އެއްގޮތަށް ކްރިމިނަލް ކޯޓުގައި އަލުން ހިނގަމުންދެއެވެ.