Advertisement

ރާއްޖޭގައި ގިނައިން ކާބޯތަކެތި ވިއްކަނީ ސިއްހީ ފައިދާ ޔަގީންނުކޮށް: އެމްއެފްޑީއޭ

12 Oct 2026 | 18:06
ރާއްޖޭގައި ގިނައިން ކާބޯތަކެތި ވިއްކަނީ ސިއްހީ ފައިދާ ޔަގީންނުކޮށް ކަމަށް އެމްއެފްޑީއޭއިން ބުނޭ --

ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ ކާބޯތަކެތީގެ ތެރެއިން ސިއްހީ މަންފާ ލިބޭ ކަމަށް ބުނެ މާކެޓުކުރާ ގިނަ އުފެއްދުންތަކަކީ އެ ފައިދާ ދިރާސާތަކުން ސާބިތުވެފައި ނުވާ ތަކެތި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އުފައްދައި އަދި ގެނެސްގެން ވިއްކާ ބައެއް ބާވަތްތައް އިޝްތިހާރުކުރާއިރު، ތަފާތު ސިއްހީ ފައިދާ ލިބޭ ކަން ދައްކައިދިނުމަށް ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓްރީތަކުގެ ރިޕޯޓުތައް ދައްކަމުންދެއެވެ.

Advertisement

ނަމަވެސް ކާބޯތަކެތި އިޝްތިހާރުކުރުމުގައި ލެބޯޓްރީ ރިޕޯޓެއް ނުވަތަ ލިޔުމެއް ބޭނުންކުރުމަކީ ގަވައިދުން މަނާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަކި ބައްޔަކަށް ޝިފާ ލިބޭނެ ކަމަށް ނުވަތަ ހަށިގަނޑަށް ޚާއްޞަ ބަދަލެއް އަންނާނެ ކަމަށް ދޭހަވާ ގޮތަށް އެއްވެސް ކާބޯތަކެއްޗެއް މާކެޓުނުކުރުމަށް ވެސް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

"ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހެ އެވެ. ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މި ފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވެ އެވެ،" ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ އޮތޯރިޓީން ވަނީ އެ ބާވަތުގެ ތަކެތި ގަނެ ބޭނުންކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް