Advertisement

ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސައަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި

12 Oct 2026 | 17:50
މަހިންދްރަ ރާޖަޕަކްސާ --

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާ ދެކޮޅަށް ކޮރަޕްޝަންގެ ތަޙުޤީޤުތައް ހިނގަމުންދާ ދަނޑިވަޅެއްގައި، ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގެ އައިސީޔޫގައި އެޑްމިޓްކޮށްފިއެވެ.

ޢުމުރުން 80 އަހަރުގެ ރާޖަޕަކްސަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިއަދު ހެނދުނުއެވެ. ސްރީލަންކާގެ ޑެއިލީ މިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުއްލި ހިތުގެ މައްސަލައެއް ދިމާވެގެން އޭނާ ގެންދިޔައީ ނަވަލޯކާ ޕްރައިވެޓް ހޮސްޕިޓަލަށެވެ. ނަމަވެސް ރާޖަޕަކްސައާ ގާތް ބައެއް ފަރާތްތަކާ ހަވާލާދީ އެހެން ރިޕޯޓުތަކުގައި ބުނެފައި ވަނީ އެއީ އާދައިގެ ބެލުމެއް ކަމަށެވެ.

Advertisement

އޭނާގެ ހާލާ ބެހޭ ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ސްރީލަންކާ ޕޮދުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީން ޕްރެސް ޓްރަސްޓް އޮފް އިންޑިއާއާ ހަވާލާދީ ބުނީ "އޭނާ އޮތީ އައިސީޔޫގައި، ޑޮކްޓަރުން ގެންދަނީ އޭނާ ހާލު ބަލަމުން" ކަމަށެވެ.

ރާޖަޕަކްސައަށް މީގެ ކުރިން ވެސް ސިއްހީ މައްސަލަތައް ދިމާވެފައިވެއެވެ. މިދިޔަ ނޮވެމްބަރު މަހު ވެސް ސިއްހީ ކުއްލި ހާލަތެއް ދިމާވެ ކޮލަމްބޯގައި ހޮސްޕިޓަލުގައި ބާއްވާފައިވެއެވެ. ހަމައެހެންމެ، މީގެ މަހެއް ކުރިން އަނުރާދަޕޫރާގައި ބޭއްވި އެސްއެލްޕީޕީ ރެލީއެއްގައި އޭނާ ގައިގައި ވަރު ނެތި، އެހީތެރިންގެ އެހީގައި ސްޓޭޖަށް އެރި ކަމަށާއި، ތަޤުރީރެއް ނުކޮށް އެނބުރި ދިޔަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރާޖަޕަކްސަ ހޮސްޕިޓަލުގައި ބާއްވާފައިވާ މި ދަނޑިވަޅުގައި އޭނާގެ އާއިލާ އޮތީ ޤާނޫނީ ބޮޑެތި ކަންތައްތަކެއްގެ ތެރޭގައެވެ.

އޭނާގެ އަނބިމީހާ ޝިރާންތީ ރާޖަޕަކްސަ، ކުޑަކުދިންގެ ހޮސްޕިޓަލަކަށް ސްކޭނަރެއް ހޯދުމަށް އޭނާގެ ޗެރިޓީއަކަށް ދިން 10 މިލިއަން ރުޕީސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި އޮކްޓޫބަރު ހަތެއްގައި ހައްޔަރުކޮށް އޮކްޓޫބަރު 13 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައިވެއެވެ. ހަމައެހެންމެ ހޯމަ ދުވަހު ކޮލަމްބޯ ކޯޓަކުން ވަނީ އެ ފައިސާއާ ގުޅޭ ވަކި ތަޙުޤީޤެއްގައި ޝިރާންތީ ހައްޔަރުނުކުރުމުގެ ކޯޓު އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުން ބޭރުކޮށްލައިފައެވެ.

ރާޖަޕަކްސަގެ ދަރިފުޅު ނަމާލް ރާޖަޕަކްސަ، ސްރީލަންކަން އެއާލައިންސަށް އެއާބަސް މަތިންދާ ބޯޓު ގަތުމާ ގުޅިގެން ރިޝްވަތުގެ ތުހުމަތުގައި ސެޕްޓެމްބަރު މަހު ހައްޔަރުކޮށް ބަންދުކޮށްފައިވެއެވެ. ސަރުކާރުން ބުނެފައި ވަނީ އެ އާއިލާއާ ދެކޮޅަށް ސިޔާސީ ބަދަލު ހިފުމެއް ނުހިންގާ ކަމަށެވެ.

ރާޖަޕަކްސަ 2005 ވަނަ އަހަރުން 2015 ވަނަ އަހަރާ ދެމެދު ސްރީލަންކާގެ ރައީސްކަން ކޮށްފައިވެއެވެ. 2009 ވަނަ އަހަރު ހަނގުރާމައިގެ ފަހު ދުވަސްވަރު، އޭނާގެ ސަރުކާރުން މުއްލައިތީވޫގައި "ހަމަލާ ނުދޭ ސަރަހައްދު" ތަކެއް ކަނޑައެޅުމަށް ފަހު ތަމަޅަ ރައްޔިތުން އެ ސަރަހައްދުތަކަށް ޖަމާވުމަށް އެންގިއެވެ. އެއަށް ފަހު ސްރީލަންކާ ސިފައިން ވަނީ އެ ސަރަހައްދުތަކާއި ހޮސްޕިޓަލުތަކާއި ކާބޯތަކެތި ބަހާ ސަފުތަކަށް ބޮން އަޅައިފައެވެ. އެތައް ލައްކަ ބަޔަކު މުއްލިވައިކާލްގެ ހަނި ގޮނޑުދޮށް ކައިރިއަށް ފޭބުމަށް މަޖުބޫރުވިއެވެ. އެ ދުވަސްވަރު ދިފާޢީ ސެކްރެޓަރީ ކަމުގައި ހުރީ ރާޖަޕަކްސަގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސައެވެ.

Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް