އިޒްރޭލުން އޭއައިގެ ނިޒާމެއް ބޭނުންކޮށްގެން ގާޒާގައި މީހުން މެރިކަން ހާމަވުމުން ނަތަންޔާހޫ ރުޅިގަދަވެއްޖެ
އިސްތިއުމާރީ އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި އޭއައި ނިޒާމުތައް ބޭނުންކޮށްގެން ޢާންމު ރައްޔިތުން މެރިކަން ހާމަވުމުން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރުޅި ގަދަވެއްޖެ އެވެ.
އެކަން ހާމަވީ އެފަދަ ތުހުމަތުތަކަކާއި އެކު ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީ ފިލްމު "ނާޒާ"ގައި ބައިވެރިވި ނަން ހާމަނުކުރާ އިޒްރޭލު ސިފައިންގެ މަސްދަރުތަކުން ދީފައިވާ އިންޓަވިއުތަކުގައި އެވެ. އެ ޑޮކިއުމެންޓްރީ ފިލްމުގައި ނަން ހާމަ ނުކުރާ އިޒްރޭލުގެ 24 ސިފައިން ހެކިބަސް ދީފައިވެ އެވެ.
އެކަމާއި ގުޅިގެން ރުޅިގަދަވެ ނަތަންޔާހޫ ވަނީ އެ ކަން ތަޙުޤީޤުކޮށް އެމީހުންނާއި ދެކޮޅަށް ދައުވާކުރުމަށް ގޮވާލާފައި އެވެ. ނަތަންޔާހޫ ބުނީ އެ ފަރާތްތަކުގެ މައްޗަށް މަޢުލޫމާތީ ރައްކާތެރިކަމާ ޚިލާފުވުމާއި، ޖިނާއީ އަބުރު ނެގުމާއި، އިޒްރޭލުގެ ޑިޕްލޮމެޓިކް އަދި ސަލާމަތީ މަސްލަހަތަށް ގެއްލުން ދިނުމުގެ ދައުވާ އުފުލަންޖެހޭ ކަމަށެވެ.
އެ ފިލްމުގައި އެ މީހުން ތުހުމަތުކުރަނީ ޙިޞާރުކޮށްފައިވާ ޣައްޒާގައި އޭއައި ޓާގެޓިން ނިޒާމުތައް މެދުވެރިކޮށް ގިނަ ޢަދަދެއްގެ ޢާންމުން މަރާފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި އެ ތުހުމަތުތައް "ޤަބޫލުނުކުރެވޭނެ" ކަމަށް ބުނެ، ބައެއް ވާހަކަތައް "ދެކޮޅު ނުޖެހޭ" ކަމަށް ސިފަކޮށްފައިވެއެވެ. ހަމަލާތައް ރާވައި ހުއްދަ ދެނީ ހަމައެކަނި "އިންސާނީ ބާރުން" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ނާޒާ" މި ނަމަކީ ވައިގެ ހަމަލާތަކުގައި ޢާންމުންނަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުން ސިފަކުރުމަށް އިޒްރޭލު އަސްކަރިއްޔާ ބޭނުންކުރާ ޢިބްރީ ބަހުގެ ކުރު ފޯމެކެވެ. ވެނިސް އިންޓަނެޝަނަލް ފިލްމް ފެސްޓިވަލުގައި ޚާއްޞަ ޖޫރީ އެވޯޑް ލިބުނު މި ފިލްމަށް ތާރީޚީ 25 މިނެޓުގެ ސްޓޭންޑިން އޮވޭޝަނެއް ވެސް ލިބިފައިވެއެވެ.
މި ފިލްމުގެ ސަބަބުން އިޒްރޭލުގައި ސިޔާސީ ގޮތުން ބޮޑެތި ރާޅުތަކެއް ވެސް އުފެދިފައިވެއެވެ. ޑައިރެކްޓަރުން ކަމަށްވާ ޔޫވާލް އަބްރަހަމް އާއި ރެއިޗެލް ޒޯރ ގެ މައްޗަށް "ޣައްދާރުވުމުގެ" ތުހުމަތު ކޮށް، ނަތަންޔާހޫ އާއި ސަގާފީ މިނިސްޓަރު މީކީ ޒޯހާރު ވަނީ އެ ދެ މީހުންގެ ރައްޔިތުކަން ނެގުމުގެ އިންޒާރު ދީފައެވެ. އިޒްރޭލުގެ ނެޝަނަލް ޕަބްލިކް ޑިޕްލޮމެސީ ޑައިރެކްޓަރޭޓުގެ ވެރިޔާ ޒިޕީ ހޮޓޮވެލީ ވަނީ ރައްދުގެ ގޮތުގައި ހެދި "ނާޒާ: ދަ ރިއަލް ސްޓޯރީ" ކިޔާ ފިލްމެއް ހެދި ފަރާތްތަކަށް ޝުކުރުގެ ލިޔުން ދީފައެވެ.