އިންޑިއާ މީހަކު ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓައިފި
ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.
ކަސްޓަމްސްއިން ބުނީ މި މައްސަލައިގަ ހިފަހައްޓައިފައިވަނީ އިންޑިއާ މީހެކެވެ. އޭނާ ހިފެހެއްޓީ މިމަހުގެ ހަތް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްގެ އޮޕަރޭޝަންގައި އެމީހާ ބަލާ ފާސްކުރުމުގެ ތެރޭގައި ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ އާއި އެއްވަރުގެ އަދަދަކަށް ބޭރު ފައިސާ ފެނިފައިވެ އެވެ. އޭގެ ތެރޭގައި ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ބޭރުކުރަން އުޅުނު އެ ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ އެއާޕޯޓަށް ގޮސް ތިބި ބިދޭސީންތަކެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފަ އެވެ.
ބަންގްލަދޭޝް އަށް އުފަން އެ ހަ މީހުން ފުރަން ގޮސް ތިއްބާ ހިފެހެއްޓިއިރު އެމީހުންގެ އަތުން ވަނީ 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނެވެ. އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެ މައްސަލައާ ގުޅިގެން އެމީހުން ހައްޔަރުކޮށް ބަންދަށް ވަނީ 30 ދުވަސް ޖަހައިފަ އެވެ.