އިންޑިއާގައި ހަށިވިއްކުމުގެ ނެޓްވޯކަކުން ހިންދީ ޓީވީ ތަރިއަކު ސަލާމަތްކޮށްފި
އިންޑިއާގެ މަހާރާޝްޓްރާގެ ތާނޭ ޑިސްޓްރިކްޓުގައި ހިންގަމުންދިޔަ ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ ވިއުގައެއް ފުލުހުން ރޫޅައިލައި، އެ ވިއުގައިގެ ތެރޭގައި ބެހެއްޓިފައި ހުރި ހިންދީ ޓީވީ ތަރިއަކު ސަލާމަތްކޮށްފިއެވެ.
ސަލާމަތް ކޮށްފައި ވަނީ 35 އަހަރުގެ ޓީވީ ސިލްސިލާތަކުން ފެންނަ މަޝްހޫރު ފަންނާނެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެއީ ކާކު ކަމެއް އަދި ހާމައެއް ނުވެ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން، ޚާއްޞަކޮށް ޓީވީ ސީރީޒް، ވެބް ސީރީޒް އަދި ފޮޓޯ ޝޫޓުތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ގަދަކަމުން ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވައްދަމުންދިޔައެވެ. ސަލާމަތްކުރި ބަތަލާ މިހާރު މުމްބާއީގެ ރެސްކިއު ފައުންޑޭޝަނުގެ ހިމާޔަތުގެ ދަށުގައި ބަހައްޓާފައި ހުރި ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަބައްސުމް ނުވަތަ ސޯނިއާ ޢުމަރު ޤުރައިޝީ (39) ނަމަކަށް ކިޔާ އަންހެނަކު ހައްޔަރުކޮށްފައެވެ. ޖަމިއްޔާއަކުން ލިބުނު މަޢުލޫމާތަކާ ގުޅިގެން، 2026 ވަނަ އަހަރުގެ އޮކްޓޫބަރު އަށެއްގައި މީރާ-ބަޔަންދަރު ރޯޑުގެ ހޮޓަލަކަށް ފޭކް ކަސްޓަމަރެއް ފޮނުވައިގެން ހެކި ހޯދުމަށްފަހު ފުލުހުން އެ ތަނަށް ވަދެ ރެއިޑް ހިންގީ ކަމަށް ޕީޓީއައިން ރިޕޯޓުކޮށްފައިވެއެވެ.
އެ ރެއިޑުގައި ޤުރައިޝީ ފައިސާ ބަލައިގެންފައި ހުއްޓައި އަތުލައިގެންފައިވެއެވެ.
ޤުރައިޝީގެ މައްޗަށް އިންސާނީ ވަގުފާރި އާއި، ހަށިވިއްކުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަނީ ދައުވާ އުފުލައިފައެވެ. ޗައްތީސްގަޅުގެ ސުރުގުޖާ ޑިސްޓްރިކްޓަށް ނިސްބަތްވާ ޤުރައިޝީ ދިރިއުޅެމުން ދިޔައީ މުމްބާއީގެ ޖޯގެޝްވާރީގައެވެ. އޭނާގެ ފިރިހެން ބައިވެރިޔާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި ބާވަތުގެ މައްސަލައެއް މީގެ ކުރިން ވެސް 2026 ވަނަ އަހަރުގެ ފެބްރުއަރީގައި ތާނޭގެ ވެގެލް އެސްޓޭޓް ސަރަޙައްދުގެ ހޮޓަލެއްގައި ފެންމަތިވެފައިވެއެވެ. އެ ފަހަރު ހިންދީ ވެބް ސީރީޒް ބަތަލާއެއް ހައްޔަރުކޮށް، ޢުމުރުން 40 އާއި 48 އަހަރުގެ ދެ އަންހެނަކު ސަލާމަތްކޮށްފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، ތުހުމަތުކުރެވޭ ފަރާތް ވޮޓްސްއެޕް މެދުވެރިކޮށް ކަސްޓަމަރުން ހޯދައި، ޓީވީ ތަރިން ފޯރުކޮށްދޭނެ ކަމަށް ބުނެ 25,000 ރުޕީސް ނަގައި، އޭގެ ތެރެއިން 15,000 ރުޕީސް ކޮމިޝަނެއް ގޮތަށް ނަގަމުން ދިޔައެވެ. ބިހާރުގައި ތިބި ޢާއިލާ ބެލެހެއްޓުމަށް ޓަކައި މި ވިޔަފާރީގެ ތެރެއަށް ވަން ކަމަށް އޭނާ ބުނެފައިވެއެވެ. އެ މައްސަލައިގައި ދެ ފޯނާ އެކު 11,610 ރުޕީސްގެ ތަކެތި ވެސް ފުލުހުން ހޯދާފައިވެއެވެ.