އަނބިމީހާގެ އެކައުންޓުން ވަގަށް ފައިސާ ނެގި މީހަކަށް ޖަލު ހުކުމެއް އިއްވައިފި
ތ. ތިމަރަފުށީ ފިރިހެނަކު އޭނާގެ އަނބިމީހާގެ ބީއެމްއެލް އެކައުންޓުން އެކި ފަހަރު މަތިން ވަގަށް ފައިސާ ނެގި މައްސަލައިގަ ހަތް މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އެ ރަށު މެޖިސްޓްރޭޓް ކޯޓުން މި ހުކުމް ކުރީ މިދިޔަ ހަފްތާގައި އެވެ. އޭނާ އެކިފަހަރު މަތިން އަނބިމީހާގެ އެކައުންޓުން ޖުމުލަ 8,150 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން ވައްކަމުގެ ކުށުގެ ދައުވާ އެ މީހާގެ މައްޗަށް ދައުލަތުން އުފުލީ، އަނބިމީހާއަށް ނޭނގި އެކި ފަހަރު މަތިން އެ ފައިސާ ނެގި ކަމުގެ ތުހުމަތުގައެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމާއި އަވަސް ނިޔާގެ މަރުހަލާގައި ވެސް އެ މީހާ ވަނީ ދައުވާއަށް އިއުތިރާފުވެ، އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއް ކަމަށް އެއްބަސްވެފައި އެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކި މަރުހަލާގައި، ބަލި މަންމައަކާއި ކުޑަ ދަރިއަކު ބެލެހެއްޓުމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅިފައިވާ ކަމަށް ފިރިހެން މީހާ ބުނެފައިވެ އެވެ. އަދި އަނބިމީހާ ވަޒީފާގައި އުޅޭ ވަގުތު ދަރިފުޅު ބަލަނީ އޭނާ ކަމަށް ބުނެ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާއެއް ކަނޑައަޅައިދިނުމަށް އެ މީހާ އެދުނެވެ.
ނަމަވެސް ކޯޓުން ނިންމީ، ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާ މީހަކަށް އޭނާ ނުވާތީ އަދި ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ޝަރުތުތައް ފުރިހަމަ ނުވާތީ، ޖޫރިމަނާއަށް ބަދަލުކޮށްދެވެން ނެތް ކަމަށެވެ.
ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ މި ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމުގައި ވިޔަސް، ކުށަށް އިއުތިރާފުވުމާ ގުޅިގެން އެއް ދަރަޖަ ދަށްކުރި އެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، އިސް މެޖިސްޓްރޭޓް މުޙައްމަދު އީމާން ހުކުމް ކަނޑައެޅުއްވީ ހަތް މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއްގެ ގޮތުގައެވެ.
މިއީ ޢާއިލީ ގުޅުމެއްގެ ތެރެއިން ހިންގި ވައްކަމުގެ ކުށެއްގައި ޖަލު ހުކުމެއް އައި މައްސަލައެކެވެ.