ރިޔާދް އެއާޕޯޓަށް ހަމަލާދިނުން: ޙޫޘީންނަށް ރައްދު ދިނުމުގައި އެމެރިކާ ބައިވެރިވުމާއި މެދު ގޮތެއް ނިންމަނީ!
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛްގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ޙޫޘީން ދިން ހަމަލާއާ ގުޅިގެން، އެ ޖަމާޢަތާ ދެކޮޅަށް އެމެރިކާއިން ހަމަލާ ދިނުމުގައި ބައިވެރިވުމާ މެދު ވަރަށް އަވަހަށް ގޮތެއް ކަނޑައަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ ދާދި ފަހުން ދެވުނު ހަމަލާ އާއި އިއްޔެގެ ހަމަލާގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެ ކަމާ މެދު ބަލައި ގޮތެއް ނިންމާނެ ކަމަށެވެ. ވަރަށް އަވަހަށް ފިޔަވަޅެއް އަޅާނެ ކަމަށް ބުންޏެވެ.
މީގެ ކުރިން ހުކުރު ދުވަހު ވެސް ޓްރަމްޕް ވަނީ ޔަމަނުގެ ޙޫޘީން ސަޢޫދީ ޢަރަބިއްޔާގެ ޢާންމު ރައްޔިތުންނާއި މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާ ދެމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވައިޓް ހައުސްގެ ސައުތު ލޯންގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ ހޫތީން ސައުދީއަށް ހަމަލާ ދިނުމަކީ ރަނގަޅު އަދި ހިތްހަމަ ޖެހޭ ކަމެއްވެސް ނޫން ކަމަށެވެ.
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް އެމެރިކާއިން ގޮތެއް ނިންމާނެ ވަގުތެއް ޓްރަމްޕް ސީދާ ހާމަކޮށްފައެއް ނުވެއެވެ.