Advertisement

އީގަލް ހިލްސްއިން ރައްޔިތުންގެ އިހުސާސްތަކަށް ނުބާލާ. ރަސްމާލޭ މަޝްރޫޢު ހުއްޓާލަން ޖެހޭ: ޔާމީން

11 Oct 2026 | 16:17
ކުރީގެ ރައީސް އަބްދުﷲ ޔާމީން --

އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށާއި، އެ މަޝްރޫޢު ވަގުތުން ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީނު ވިދާޅުވީ، ބުނެފައިވަނީ، އީގަލްސް ހިލްސްއަކީ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއްނެތް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

Advertisement

ވަކިން ހާއްސަކޮށް، ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރާ، ސައްތަ އިން ސައްތަ މުސްލިމް މުޖުތަމައެއްގެ ތެރޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް މަގުފަހިވާ ފަދަ މަޝްރޫޢުތައް ހިންގުމަކީ އެ ކުންފުނީގެ މުނާފިޤުކަން ހާމަވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީނު ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.

އީގަލް ހިލްސްގެ މަޝްރޫއާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އިދިކޮޅު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރާއި އެއްކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫޢުގެ ދިފާއުގައި ވާހަކަދައްކަމުންނެވެ. އަދި އަވައްޓެރި ސްރީލަންކާގެ ބައެއް މީޑިއާތަކުންވެސް ވަނީ މި މަޝްރޫޢުގެ ވާހަކަތައް ދައްކައި މިފަދަ ޕްރޮޖެކްޓެއް އެޤައުމަށް ނާންނަ ސަބަބާ ބެހޭގޮތުން ހަބަރުތައް ގެނެސްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބު އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުގެ އެކި ފިޔަވަހިތަކުގެ އަންދާޒާ އަގު 20 ބިލިއަން ޑޮލަރުގެ އަދަދަކަށް އަރައެވެ.

މި މަޝްރޫޢުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

Advertisement

ކޮމެންޓް