މިސްޓާ ފައިސޫ މަދީނާގައި ކައިވެނިކޮށް، އެންމެން ހައިރާން ކޮށްލައިފި
އިންޑިއާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސާ ފައިސަލް ޝައިޚް (މިސްޓާ ފައިސޫ) ސައޫދީ އަރަބިއާގެ މަދީނާގައި ކައިވެނިކޮށް، އެ ޚަބަރު އިންސްޓެގްރާމް މެދުވެރިކޮށް ހާމަކޮށްފި އެވެ.
ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯތައް ހިއްސާކުރަމުން ފައިސޫ ބުނީ މި ޚާއްޞަ މުނާސަބަތުގައި އޭނާގެ މުޅި ޢާއިލާ ބައިވެރިވި ކަމަށެވެ. އެ ރަސްމިއްޔާތު ބާއްވާފައިވަނީ އޭނާ އެންމެ ހުންނަން ބޭނުންވާ އެއް ބިން ކަމަށްވާ މާތް ވެގެންވާ މަދީނާގައި ކަމަށް ބުނެފައިވެ އެވެ.
ފައިސޫގެ ޕޯސްޓުގައި ވަނީ އޭނާގެ ދިރިއުޅުމުގައި ފެށުނު އާބާބާއި އެކު އެދެނީ އެންމެންގެ ހެޔޮ ދުއާ ކަމަށް ބުނެފައި އެވެ. އޭނާއަށް ދިރިއުޅުމުގައި އުޖާލާ ލެއްވުން އެދި މާތް ﷲ ގެ ހަޟުރަތަށް ދުއާކޮށްފައިވެ އެވެ.
ފައިސޫ ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތައް ދާދި ފަހުން ދައުރުވެފައިވެ އެވެ. ނަމަވެސް އޭނާ ކައިވެނި ކުރަން އުޅެނީ ކާކާއި ކަމެއް ކައިވެންޏާއި ހަމައަށްވެސް ހާމަވެފައެއް ނުވެ އެވެ.
ބައެއް ރިޕޯޓުތަކުގައި ބުނެފައިވާގޮތުގައި މަދީނާގައި ކައިވެނި ކުރުމަށްފަހު މުމްބާއީގައި ޢާއިލާއާއި ރައްޓެހިންނަށް ހާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުރު ވީޑިއޯ ޕްލެޓްފޯމްތައް މެދުވެރިކޮށް މަޝްހޫރުކަން ހޯދި ފައިސޫ ވަނީ އިންޑިއާގެ އެންމެ މަޤުބޫލު ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންގެ ތެރޭގައި ހިމެނިފައެވެ. މިއުޒިކް ވީޑިއޯތަކާއި ޓެލެވިޒަން ޕްރޮގްރާމްތަކުން ވެސް އޭނާ ފެނިފައިވާއިރު، ޓީވީ ޝޯ ޚަތުރޯން ކޭ ޚިލާޅީ 12 ގައި ވެސް ފައިސޫ ބައިވެރިވެފައިވެއެވެ.