ހައްޔަރުކުރި ތިން ފިލްމީ ތަރިންނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުކޮށްފި
ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުކޮށް، 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
މި އޮޕަރޭޝަނުގައި އެއް ކޮޓަރިއެއްގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އަހުމަދު އަޒްމީލާއި އިސްމާއިލް ޖުމައިހާއި މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލުގެ ކޮއްކޮ ޝާހިލު މުހައްމަދެވެ. މި ހަތަރު މީހުންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، ފުލުހުން އެ ކޮޓަރީގެ ދޮރު ހުޅުވާފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. ކޮޓަރި ތެރެއަށް ވަތް ވަގުތު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާ ކަމަށް ފުލުހުން ބަންދު މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.
ޖުމައިހު ފިޔަވައި ދެން ހައްޔަރުކުރި ތިން މީހުންނަކީ މީގެ ކުރިން ވެސް ހައްޔަރުކޮށް ބަންދުކުރި ކަމުގެ ރެކޯޑު އޮތް ބައެކެވެ.
މަސްތުވާތަކެތީގެ ޤާނޫނަށް ފަހުން ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން، ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުވެއްޖައުމަށް ދާންދެން ޖަލުގައި ބެހެއްޓުމުގެ ހުކުމެއް އަންނާނެއެވެ. ކުރިން 25 އަހަރު ކަމުގައި ކަނޑައަޅާފައި އޮތް އުމުރު ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު މިހާރު ވަނީ އުވައިލައިފައެވެ. މީގެ އިތުރުން، މިފަދަ ކުށެއް ސާބިތުވާ ފަރާތްތަކަށް މާފު ދިނުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުން ވެސް ޤާނޫނުން ވަނީ މަނާކޮށްފައެވެ.