Advertisement

އިންޑޮނީޝިއާގެ ޖަންގަލިން ދާ ދުމާ ހެދި މެލޭޝިއާގެ ސްކޫލްތައް ބަންދުކޮށްފި

09 Oct 2026 | 18:17
މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރު --

އިންޑޮނީޝިއާގެ ޖަންގަލީގައި ރޯވެފަައިވާ އަލިފާނުގެ ސަބަބުން ދެކުނު އިރުމެތީ އޭޝިއާ ސަރަޙައްދަށް ފެތުރެމުންދާ ދުންބޯ ވިލާގެ ސަބަބުން ވައި ތަޣައްޔަރުވެ، މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރާއި އިތުރު ހަ ސްޓޭޓެއްގެ ސްކޫލްތައް މިއަދު ބަންދުކޮށްފިއެވެ.

ކުއާލަ ލަމްޕޫރާއި އިދާރީ ވެރިރަށް ޕުޓްރަޖާޔާގެ އިތުރުން ޖޮހޯރު، މެލެކާ، ނެގެރީ ސެމްބީލާން، ޕަހާން އަދި ސެލެންގޯ ސްޓޭޓުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކުރުމަށް ސަރުކާރުން އެންގިއެވެ. ގާތްގަނޑަކަށް ދެ މިލިއަން ދަރިވަރުންނަށް މި ފިޔަވަޅުގެ އަސަރު ކުރި އިރު، ކުއާލަ ލަމްޕޫރުގެ ވައިގެ ތަޣައްޔަރުވުމުގެ މިންގަނޑު ކަމަށްވާ އެއާ ޕޮލިއުޓެންޓް އިންޑެކްސް (އޭޕީއައި) ގެ ރީޑިން ގާތްގަނޑަކަށް 170 އަށް އެރިއެވެ.

Advertisement

މެލޭޝިއާގެ އުސޫލުތައް ބުނާ ގޮތުން، އޭޕީއައި 100 އަށް ވުރެ މައްޗަށް ގޮސްފިނަމަ ވައި ޞިއްޙަތަށް ގެއްލުންހުރި ކަމަށް ބެލެވޭ އިރު، 200 އިން މައްޗަށް ދިޔައިމާ "ވަރަށް ގެއްލުންހުރި"، 300 އިން މައްޗަށް ދިޔައިމާ "ނުރައްކާ"، އަދި 500 ހުރަސްކޮށްފިނަމަ އެ ސަރަޙައްދެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވެއެވެ.

މެލޭ ޖަޒީރާގެ ދެކުނު ކޮޅުގައި އޮންނަ ސިންގަޕޫރުގެ ވައިގެ ފެންވަރު ވެސް އައިކިއޭ ރިޕޯޓާ ޙަވާލާދީ "ވަރަށް ގެއްލުންހުރި" ދަރަޖައަށް ވެއްޓިފައިވެއެވެ. ހުކުރު ދުވަހު ފެށި ސިންގަޕޫރު ފޯމިއުލާ ވަން ރޭހުގެ އިންތިޒާމްތައް ހަމަޖައްސާ ފަރާތްތަކުން ބުނީ ދުމުގެ ޙާލަތު އޮތް ނަމަވެސް ރޭސް ކުރިއަށް ގެންދާނެ ކަމަށާއި، މާސްކާއި އިތުރު ޞިއްޙީ ޚިދުމަތްތެރީން ތައްޔާރަށް ތިބި ކަމަށެވެ. އެ ފަރާތުން ސިފަކުރި ގޮތުގައި ދުންގަނޑަކީ "ނުރައްކަލެއް ނޫނެ"ވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ "ދުމާ ގުޅުން ހުރި މައްސަލައަކީ ކަންބޮޑުވުން ހުރި ދަރަޖައެއްގައި ހުރި ކަމެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިޔާންޓޯއާ ފޯނުން ގުޅުއްވައި، "ބޭނުންތެރި ފިޔަވަޅުތައް" އެޅުއްވުމަށް އެ ބޭފުޅާ އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ. އަންވަރު އިތުރަށް ވިދާޅުވީ ޚާރިޖީ މިނިސްޓަރު މެދުވެރިކޮށް އާސިޔާން ތިމާވެށި މިނިސްޓަރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށާއި، ވާރޭ ވެއްސުމުގެ ބޭނުމުގައި ކްލައުޑް ސީޑިން ވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާހީމް ވިދާޅުވީ "ސްކޫލް ދަރިވަރުންނާއި ކިޔަވާ ކުދީންނާއި، ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތައް ރައްކާތެރިކުރުމަށް ކަމާ ގުޅޭ ވުޒާރާތަކާއި އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު އެޅެންވާނެ" ކަމަށެވެ. ރަސްގެފާނު އިޢުލާނުކުރެއްވި ގޮތުގައި އޭޕީއައި 150 ނުވަތަ އެއަށް ވުރެ މައްޗަށް ގޮސްފިނަމަ ސްކޫލް ބަންދުކުރަންވާނެއެވެ.

ތަޢުލީމީ މިނިސްޓަރު ފަދްލީނާ ސިދެކް ވައުދުވެފައި ވަނީ ކުރިއަށް އޮތް ތަނުގައި ސްކޫލް ބަންދުކުރާ ނިންމުން ބެލެނިވެރީންނަށް ކުރީބައިގައި އެންގުން ހަރުދަނާ ކުރައްވާނެ ކަމަށެވެ.

އިންޑޮނީޝިއާގައި ރޯވެފައިވާ މި އަލިފާންގަނޑަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި އެންމެ ގޯސް އަލިފާނުގެ މޫސުމެވެ. ހަ ޕްރޮވިންސެއްގައި އަލިފާން ފެތުރި، 200،000 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް އަނދައިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް