ސިލޯން ބޭންކުގެ އެކައުންޓަކުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ވަގަށް ނެގި ދިވެހި މެނޭޖަރު ޖަލަށް
ބޭންކް އޮފް ސިލޯން (ބީއޯސީ) މާލޭ ބްރާންޗުގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ޙަސަން ވަޙީދު، ކަސްޓަމަރެއްގެ އެކައުންޓުން އެ ފަރާތަށް ނޭނގި ސައްހަނޫން ލިޔެކިޔުން ހަދައިގެން 150،000 ޑޮލަރު ފޭރިގަތް މައްސަލައިގައި ދެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްޔެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މާލެ، މ. މާހިންނެ، ޙަސަން ވަޙީދަކީ ބީއޯސީގެ ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމުވެސް އަދާކުރި ފަރާތެކެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ. ދެ ދައުވާވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވެއެވެ.
ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކުރެއްވުމަށްފަހު، ގާޟީ ޢަލީ ނަދީމް އިއްވެވީ މުދަލުގެ މައްޗަށް ބާރު ހިންގުމުގެ ކުށުގައި ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާ އެކު 144،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ސައްހަނޫން ލިޔުން އުފެއްދުމުގެ ކުށުގައި އިއްވީ ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާ އެކު 18،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
ޝަރީޢަތުން ސާބިތުވި ގޮތުގައި 2019 ވަނަ އަހަރުގެ ޖޫން ނުވައެއްގައި ޙަސަން ވަޙީދު ވަނީ ބީއޯސީގެ ދިވެހި އަންހެން ކަސްޓަމަރެއްގެ ނަމުގައި ޓްރާންސްފާ ރިކުއެސްޓެއް އަމިއްލައަށް ތައްޔާރުކޮށް، އެ ލިޔުން ބޭންކުގެ މުވައްޒަފެއް ލައްވައި ޕްރޮސެސްކޮށް، 150،000 ޑޮލަރު ޢަބްދުﷲ ނަފީޤް ޕާޝާގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެ ދުވަހުގެ 10:44 ގައި، ފައިސާ ޖަމާވިތާ ފަސް މިނެޓު ތެރޭ، ނަފީޤް ޕާޝާގެ އެކައުންޓުން ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ބަދަލުކޮށްފައިވެއެވެ.
ސީނިއާ އިންޓާނޭޝަނަލް އިން ވަނީ ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް އެ ފައިސާ ބޭނުންކޮށްގެން ފައިސާ ދައްކާފައެވެ. އެ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ސްވިފްޓް އެޕްލިކޭޝަން ހުށަހެޅީ ވައްކަމުގެ ހަ ދުވަސް ކުރިން، 2 ޖޫން 2019 ގައެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ޖުލައި 18 ގައިވެސް ހަމަ އެ ކަސްޓަމަރުގެ އެކައުންޓުން 110،000 ޑޮލަރު މި އެއް މަގުން ބަދަލުކޮށްފައިވާ ކަން އޯޑިޓް ރިޕޯޓުން އެނގެއެވެ.
ކުށް ސާބިތުކުރުމުގައި ނިންމާ ހެއްކެއްގެ ގޮތުގައި ބެލީ ކޮމްޕިއުޓާ ފޮރެންސިކް ހޯދުންތަކާއި ސީސީޓީވީ ފުޓޭޖެވެ. ޙަސަން ވަޙީދު ބޭނުންކުރި ކޮމްޕިއުޓަރުން ސައްހަނޫން ޓްރާންސްފާ ލިޔުމުގެ ވޯޑް ޓެމްޕަރަރީ ފައިލް ފެނިފައިވާ އިރު، އެ ލިޔުން ޕްރިންޓުކުރި ވަގުތާއި ސީސީޓީވީން ފެންނަ ގޮތުގައި ކެބިންގައި އިނދެ ކަރުދާސް ނެގި ވަގުތާ ސީދާ ދިމާވެއެވެ. ހަމައެއާ އެކު ޙަސަން ވަޙީދުގެ ކެބިނުން ވަނީ ކަސްޓަމަރުގެ ސޮއި ފަރިތަކޮށްފައިވާ ކަރުދާސްކޮޅުތައް ފެނިފައެވެ. ފޮރެންސިކް ރިޕޯޓުން ކަށަވަރުވީ ގޮތުގައި ލިޔުމުގައި ހިމެނެނީ "ސިމިއުލޭޓެޑް މެތަޑް" ބޭނުންކޮށްގެން ފޯޖުކޮށްފައިވާ ސޮޔެކެވެ.
ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް ޢާރިފަކީ ޙަސަން ވަޙީދުގެ އެންމެ ގާތް ރަހުމަތްތެރިޔާ، އެކުގައި ދިރިއުޅުނު ފަރާތް އަދި ވިޔަފާރީގެ ބައިވެރިޔާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ނަފީޤް ޕާޝާ އަކީ ޒައިނަލްގެ ދޮންބައްޕައެވެ. ސީނިއާ އިންޓާނޭޝަނަލް އިން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކޮންމެ މަހަކު 52،500 ރުފިޔާގެ ރޭޓުން ޖުމްލަ 367،500 ރުފިޔާ ޙަސަން ވަޙީދުގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވެއެވެ. ފައިސާ ގެއްލުނުކަން ހާމަވީ 10 ޖޫން 2019 ގައި ކަސްޓަމަރު ބޭންކަށް ގޮސް ޝަކުވާ ހުށަހެޅުމުންނެވެ. އެ ދުވަހު ޙަސަން ވަޙީދު ވަނީ ބޭންކުގެ އެހެން މުވައްޒަފެއް ގާތުގައި މައްސަލަ ހައްލުވެއްޖެ ކަމަށާއި ކަސްޓަމަރަށް ހަނދާންނެތުނީ ކަމަށް ބުނެ އޮޅުވައިލަން މަސައްކަތްކޮށްފައި ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދެވީ 2019 ވަނަ އަހަރުން ފެށިގެންނެވެ.