Advertisement

ބީއެމްއެލް އިން ނުވަ މަސް ތެރޭ 722 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފި

09 Oct 2026 | 16:41
ފޮޓޯ: ބީއެމްއެލް

މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރިޒާވުން ސީދާ ކަސްޓަމަރުންނަށް 722 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ފައިސާގެ ބޮޑު ބައެއް ހޭދަވެފައިވަނީ ރުފިޔާ އެކައުންޓުތަކުގެ ކާޑު މުޢާމަލާތްތަކަށެވެ. އެ ދާއިރާއިން އެކަނި 336 މިލިއަން ޑޮލަރު ޚަރަދުވެފައިވާ އިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 37 މިލިއަން ޑޮލަރު އެ ބައިން ދޫކުރެވިފައިވެއެވެ.

Advertisement

ކާޑު މުޢާމަލާތްތަކުގެ ތެރެއިން 208 މިލިއަން ޑޮލަރު އީ-ކޮމާސް އަށް، 93 މިލިއަން ޑޮލަރު ބޭރުގެ ޕީއޯއެސް ޓާމިނަލްތަކަށް އަދި 34 މިލިއަން ޑޮލަރު ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާ ނެގުމަށް ޚަރަދުވެފައިވެއެވެ. ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ގެ ގޮތުގައި 224 މިލިއަން ޑޮލަރު ދޫކުރެވިފައިވާ އިރު، މިއީ 2025 ވަނަ އަހަރުގެ ޖުމްލަ 175 މިލިއަން ޑޮލަރާ އަޅައިބަލާ އިރު 28 އިންސައްތައިގެ ކުރިއެރުމެކެވެ.

ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 86 މިލިއަން ޑޮލަރު ދޫކޮށްފައިވާ އިރު، އެ ޢަދަދުގެ ތެރޭގައި ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކަށް ދެވުނު 5.8 މިލިއަން ޑޮލަރު ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތަޢުލީމީ ޚަރަދުތަކަށް 40 މިލިއަން ޑޮލަރު އަދި ބޭސްފަރުވާއަށް 33 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.

ބޭސްފަރުވާގެ ދާއިރާގައި މި ޢަދަދަކީ 2025 ވަނަ އަހަރު ދޫކުރި 14 މިލިއަން ޑޮލަރާ އަޅައިބަލާ އިރު ދެ ގުނައަށް ވުރެ އިތުރު މިންވަރެކެވެ.

ބީއެމްއެލް އިން ޢާންމުކުރި މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ތިންވަނަ ކުއާޓަރާ ހަމައަށް ރާއްޖެއިން ބޭރަށް ފޮނުވުނު މުޢާމަލާތްތައް 2.86 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ 373،600 އަށް ވުރެ ގިނަ ރެމިޓެންސް އަދި ސެޓްލްމަންޓް މުޢާމަލާތް ހިމެނޭ ޢަދަދެކެވެ.

މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ޕްރޮސެސް ކުރެވުނު 2.25 ބިލިއަން ޑޮލަރާ އަޅައި ކިޔާ ނަމަ މިއީ 27 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާ އެކު ރެމިޓެންސް އަދި ކާޑު ސެޓްލްމަންޓްތަކުން ބޭންކަށް ވަން ބޭރު ފައިސާ 15 އިންސައްތަ އިތުރުވެ 2.96 ބިލިއަން ޑޮލަރަށް އެރިއެވެ.

މި އަހަރު ބީއެމްއެލް އިން އެވްރެޖްކޮށް މަހަކު 80.2 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ އިރު، މިއީ 2022 ވަނަ އަހަރު ރެކޯޑު ކުރެވުނު މަހެއްގެ 32 މިލިއަން ޑޮލަރާ އަޅައިބަލާ އިރު ދެ ގުނައަށް ވުރެ ބޮޑު މިންވަރެކެވެ.

ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 42 މިލިއަން ޑޮލަރު ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 30.8 މިލިއަން ޑޮލަރާ އަޅައިބަލާ އިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ. އެ ކުއާޓަރުގެ އާމްދަނީގެ ތެރެއިން 56.7 މިލިއަން ޑޮލަރު ލިބިފައިވަނީ އިންޓްރެސްޓުންނެވެ. އެހެނިހެން މުޢާމަލާތްތަކުން 24.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ސެޕްޓެމްބަރު ނިމުނު އިރު ބީއެމްއެލް ގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ހުރީ 38 އިންސައްތައިގައެވެ. މިއީ ޤާނޫނީ ގޮތުން ލާޒިމުކުރާ އެންމެ ދަށް މިންވަރު ކަމަށްވާ 12 އިންސައްތައަށް ވުރެ ތިން ގުނަ މަތީ ނިސްބަތެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ 2026 ވަނަ އަހަރު ވެގެންދާނީ ބޭންކުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އަހަރަށް ކަމަށެވެ. ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރާ އެކު ބެލެންސް ޝީޓު ފުޅާވަމުންދާ ކަމަށާއި ބޭންކުގެ ރައުސްމާލާއި މާލީ ޙާލަތު ވަރުގަދަ ކަންމަތީ ދެމި އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2021 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބޭރު ފައިސާގެ ޑިމާންޑަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ޖުމްލަ ތިން ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ.

Advertisement

ކޮމެންޓް