Advertisement

މުދަލަކީ މާތް ﷲ ގެ އަމާނާތެއް، ހަރާމް ގޮތުގައި މުދާ ހޯދުމުން ދުރުވޭ: ހުކުރު ހުތުބާ

09 Oct 2026 | 13:25
އިސްލާމީ މަރުކަޒުގައި ކުރިން ކުރެވުނު ހުކުރު ނަމާދެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މުދަލަކީ މާތް ﷲ ދެއްވާ ވަގުތީ އަމާނާތެއް ކަން ހަނދާންކޮށް، ޙަރާމް ގޮތުގައި އާމްދަނީ ހޯދުން އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވެ ހުކުރު ހުތުބާގެ މައުޟޫއަކީ "މުދަލަކީ މާތް ﷲ ގެ ޙައްޤެކެވެ" މި މައުޟޫޢަށް ޚާއްޞަކުރި މި ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުން، ކާއިނާތުގައިވާ ހުރިހާ އެއްޗެއް ވަނީ މާތް ﷲ ގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައެވެ.

Advertisement

އިންސާނާގެ އަތުގައި ހުންނަ މުދަލަކީ އިމްތިޙާނެއްކަމުގެ ދަލީލު ކީރިތި ޤުރުއާނުގައި ވާކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ޤުރުއާނުގައި އެކަން ބަޔާންކޮށްފައިވާ އާޔަތުގެ މާނައިގައިވަނީ "އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ."

ޚުތުބާގައި ބުނި ގޮތުން، ކޮންމެ މީހަކު ވެސް ނަފުސާ ކުރަންވީ ސުވާލަކީ ޖަމާކުރެވުނު މުދާ ގިނަތޯ ނޫން ކަމަށާއި، މި އިމްތިޙާނުން ކާމިޔާބީ ހޯދުނުތޯ ކުރެވޭ ސުވާލު ކަމަށެވެ.

މުދަލަށް ހިތް ދަހިވެތިވުމުގެ ނުރައްކާ ބަޔާންކޮށް ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއް ޚުތުބާގައި ގެނެސްދީފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ބަކަރި އައިނެއްގެ ތެރެއަށް، ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން، އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ހުރި ގެއްލުމާއި ފަސާދަ މާ ބޮޑެވެ."

މީގެ އިތުރުން، ޤިޔާމަތް ދުވަހު މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލު ކުރެވެންދެން، އާދަމުގެ ދަރިޔާގެ ދެފައިތިލަ ހުރި ތަނުން ގުޑައިނުލެވޭނެ ކަމުގެ އިންޒާރު ވެސް ޚުތުބާގައި ދީފައިވެއެވެ.

ޙަލާލު އާމްދަނީގެ ވައްތަރުތައް ފާހަގަކުރަމުން ޚުތުބާގައި ބުނީ، ތެދުވެރިކަމާ އެކު ކުރެވޭ މަސައްކަތުންނާއި، ވަޒީފާގެ އުޖޫރައިންނާއި، ހުއްދަ ވިޔަފާރިންނާއި، ހަދިޔާ އަދި ޝަރުޢީ ތަރިކައިން ލިބޭ އެއްޗެހި ޙަލާލު ކަމަށެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ "ހެޔޮލަފާ މީހަކަށް ހެޔޮލަފާ މުދަލުގެ މޮޅުކަމާއެވެ!" ކަމަށެވެ.

ނަމަވެސް ރިބާ އާއި ރިޝްވަތާއި މަކަރާއި ޙީލަތާއި ވައްކަމާއި ޖުވާ އާއި ފޭރުމާއި ޚިޔާނާތް ފަދަ ޙަރާމް ގޮތްގޮތުން މުދާ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. "ހަމަކަށަވަރުން ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށްމެ، އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާނެވެ،" މި ބަސްފުޅު ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

މުދާ ހޭދަކުރުމުގެ ތަރުތީބަށް ވެސް ޚުތުބާގައި އަލިއަޅުވައިލައިފައިވެއެވެ. އެ ގޮތުން އެންމެ ފުރަތަމަ އިސްކަންދޭންޖެހެނީ އަނބިދަރީންނާއި މައިންބަފައިން ފަދަ އަހުލުވެރީންނަށް ހޭދަކުރުމަށް ކަމަށާއި، އެ ހޭދައަކީ ދަރުމައިގެ ގޮތުން އެންމެ މަތިވެރި ހޭދަ ކަމުގައި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން ސާބިތުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއަށްފަހު ގާތްތިމާގެ މީހުންނާއި ފަޤީރުންނާއި މިސްކީނުންނަށް ހޭދަކުރުން ވާ ކަމަށާއި، އަހަރަކު އެއް ފަހަރު ފަރުޟު ޒަކާތް ނެރުމަކީ މުދާ ޠާހިރުކޮށް މާތް ﷲ ގެ ޙައްޤު އަދާކުރުން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ޚުތުބާ ނިންމައިލީ މުދާ އިސްރާފުކުރުމާއި ބޭކާރު ގޮތުގައި ހަލާކުކޮށްލުމަކީ ވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ބުނަމުންނެވެ. އިބްނުލްޤައްޔިމްގެ "މަދާރިޖުއްސާލިކީން" ފޮތާ ޙަވާލާދީ ބުނެފައިވަނީ، މުއްސަނދިކަމާއި ޒުހުދުވެރިކަމާ ފުށުނާރާ ކަމަށާއި، ޝަރުޠަކީ ޙަލާލު ގޮތުގައި ހޯދައި، ހެޔޮ މަގުގައި ހޭދަކޮށް، ﷲ އާއި އަޅާއާ ދެމެދު ހުރަހަކަށް މުދާ ނެހެދުން ކަމުގައެވެ. މި ޚުތުބާ އިއްވާފައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައެވެ.

Advertisement

ކޮމެންޓް