ޕްރައިމަރީ ކެންޑިޑޭޓުން ރަނިންމޭޓުން އިޢުލާނު ކުރާތީ ނަޝީދު ނުރުހުން ފާޅުކުރައްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން މާ އަވަހަށް ރަނިންމޭޓުން އިޢުލާންކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ނުރުހުން ފާޅުކުރައްވައިފިއެވެ.
ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ސޯޝަލް މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެ ޕާޓީން ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާނެކަން އިއުލާނު ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެމަނިކުފާނުގެ ރަނިން މޭޓަކީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމަށް ވިދާޅުވެފައި އެވެ.
އިއްޔެ ކުރި އެ އިއުލާނާއި ގުޅިގެން ފޮނުއްވި އެ މެސެޖުގައި ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބާ ކުރިމަތިލާ އިރު އެހެން ޕާޓީތަކާ ވާހަކަ ދައްކައި އެއްބަސްވުންތައް ހެދޭނެ ޖާގަ ބޭއްވުން މުހިންމު ކަމަށެވެ. ރަނިންމޭޓުގެ މަޤާމަކީ އެ ފަދަ މަޝްވަރާތަކުގައި އެމްޑީޕީން ފައިދާ ނެގުމަށް ބޭނުންކުރެވޭނެ ވަސީލަތެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފައިދާ ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލު ނުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޤައުމީ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބާ ގުޅިގެން ޢަމަލުކުރައްވާ ގޮތް ބެލުން ވެސް މުހިންމު ކަމަށެވެ. ޕީއެންސީ ރޫޅޭނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި، އެއް ބުރުން އެމްޑީޕީ ކާމިޔާބު ހޯދާނެ ފޯމިއުލާއެއް ހޯދުން ބޭނުންތެރި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ފައިސަލް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ އިއްޔެ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އެވެ. އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ފައިސަލްގެ އިތުރުން ވާދަކުރައްވާނެ ކަމަށް އިޢުލާންކުރައްވާފައި ވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދެވެ. މި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަނިންމޭޓަކު ހާމަކުރެއްވީ ހަމައެކަނި ފައިސަލެވެ.